ރައީސް އަބްދުﷲ ޔާމީން

ކޮންގްރެސް ޕާޓީގެ ލީޑަޝިޕާ ޔާމީން ބައްދަލު ކުރައްވައިފި

ކޮންގްރެސް ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ ޕީޕީއެމާއި ކޮންގްރެސް ޕާޓީ ހިއްސާ ކުރަމުން އަންނަ ޕީޕީއެމްގެ އޮފީހުގަ އެވެ.

ކޮންގްރެސް ޕާޓީއަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީ އެކެވެ. އެ ޕާޓީގެ ލީޑަޝިޕާ ރައީސް ޔާމީން މިއަދު ބައްދަކު ކުރެއްވި އިރު ރޭ ވަނީ އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާ ޕާޓީގެ މަގާމުތަކަށާއި ކައުންސިލަށް ބޭފުޅުން އިންތހާބުކޮށްފަ އެވެ.

ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލުގައި އިއްޔެ އާއި ރޭ ބޭއްވި ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވޯޓަކާ ނުލައި ހޮވީ އަބްދުއްރަހީމް އަބްދުﷲ އެވެ. ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކުރީ އަހުމަދު ނިހާން ހުސެއިން މަނިކާއި މުހައްމަދު ހުސައިން ޝަރީފް (މުންދު) މުހައްމަދު ސައީދު އަދި އިބްރާހިމް ސުޖާއު އެވެ.

ކޮންގްރެސް ޕާޓީގެ ގައުމީ ޖަލްސާ ނިންމަން ބާއްވާ ބައްދަލުވުން އޮންނާނީ މިރޭގަ އެވެ.