އަބްދުއްރަހީމް އަބްދުﷲ

މައުމޫނާއި ގުޅޭ ގޮތުން އަބްދުއްރަހީމްގެ ބޮޑު ތުހުމަތެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ކުރަމުން ގެންދެވި ތާއީދު އޭރު ސަރުކާރު ހިންގެވި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ގެންދެވީ ރަައީސް ޔާމީން ގެންނަވަމުން ގެންދެވި ތަރައްގީއަކީ އެމަނިކުފާނުގެ "ލެގަސީ" ދުއްވާލަން ކުރެއްވި ކަމެއް ކަމަށް ވިދާޅުވުމަށް ފަހު ކަމަށް ޕީއެންްސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެ މައުމޫނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރައްވައިފި އެވެ.

ޕީޕީއެމާއި އަލަށް ގުޅުނު ބަޔަކު ފޯމް ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ރައީސް މައުމޫން ނުކުންނެވި ސަބަބުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެފައި ވަނިކޮށް އޮކްޓޫބަރު 7، 2016 ގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާއި ބައްދަލު ކުރެއްވި ކަމަށެވެ. މައުމޫންގެ ރަސްމީ އޮފީހުގައި އޮތް ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީނާމެދު އޮތް ކަންބޮޑުވުންތައް މައުމޫން އޭނާއަށް ވިދާޅުވެ ދެއްވި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މާލެ-ހުޅުލެ ގުޅާލަން ބްރިޖް އަޅަނީ ކީއްކުރަންތޯ އާއި އެ މަސައްކަތަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށް ރައީސް މައުމޫން އެ ދުވަހު ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނިކޮށް ހެންވޭރުގައި "ކިންގް ސަލްމާން މިސްކިތް" ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނެއް ނެތް ކަމަށާއި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއެއްގެ ނަމުގައި "ޒުވާނުންގެ ޝަހަރެއް" ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަމަށެވެ.

އަދި އޭގެ ފަހަށް އެ ހުރިހާ ކަމަކީ ވެސް އެމަނިކުފާނުގެ "ލެގަސީ" ދުއްވާލެއްވުމަށް ރައީސް ޔާމީން ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށް ވިދާޅުވި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތައް ދޮގު ކުރައްވަން މައުމޫނަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.

"ކީއްކުރަން އަޅާ ބްރިޖެއްހޭ މި އޮތީ، އެއަށްވުރެ މާ މުހިންމު ކަންކަން އެބަހުއްޓޭ. އިސްލާމީ މަރުކަޒެއް މާލޭގައި ބިނާކޮށްފައި ހުއްޓާ ކީއްކުރަން ހެއްޔޭ މިތާ ހެދިގޮނޑުދޮށުގައި އަލުން އިސްލާމީ މަރުކަޒެއް ބިނާ ކުރަން މި އުޅެނީ. ހުޅުމާލެ ހިއްކާފައި އޮއްވާ އަލުން ކީއްކުރަން ހެއްޔޭ އެތާންގައި ދެވަނަ ފޭސް ހިއްކައިގެން ޒުވާނުންގެ ޝަހަރެއް ބިނާކުރަން މި އުޅެނީ. މިއީ އެވެރިކަމުގެ [ރައީސް ޔާމީން ވެރިކަމުގައި] ތިއްބަވާފައި ނިކުމެވަޑައިގަންވަން ދެއްކެވި ހުއްޖަތް. މިރޭ ތަފްސީލުކޮށް ދަންނަވާނަން އެއީ ކޮން ބޭފުޅެއްކަންވެސް. ރައީސް މައުމޫން ވިދާޅުވި އެއްޗެއް. ދެކޮޅެއް ނެހެއްދެވޭނެ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންނަގެ މައްސަލައަކީ މިއީއޭ. ތިމަންނަގެ 'ލެގަސީ' ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ. މަވެތި ކަމުގެ ކިހާ ރަނގަޅު މިސާލެއްތޯ މިއީ،"

ކީއްކުރަން އަޅާ ބްރިޖެއްހޭ މި އޮތީ، އެއަށްވުރެ މާ މުހިންމު ކަންކަން އެބަހުއްޓޭ. އިސްލާމީ މަރުކަޒެއް މާލޭގައި ބިނާކޮށްފައި ހުއްޓާ ކީއްކުރަން ހެއްޔޭ މިތާ ހެދިގޮނޑުދޮށުގައި އަލުން އިސްލާމީ މަރުކަޒެއް ބިނާ ކުރަން މި އުޅެނީ. ހުޅުމާލެ ހިއްކާފައި އޮއްވާ އަލުން ކީއްކުރަން ހެއްޔޭ އެތާންގައި ދެވަނަ ފޭސް ހިއްކައިގެން ޒުވާނުންގެ ޝަހަރެއް ބިނާކުރަން މި އުޅެނީ. މިއީ އެވެރިކަމުގެ [ރައީސް ޔާމީން ވެރިކަމުގައި] ތިއްބަވާފައި ނިކުމެވަޑައިގަންވަން ދެއްކެވި ހުއްޖަތް. މިރޭ ތަފްސީލުކޮށް ދަންނަވާނަން އެއީ ކޮން ބޭފުޅެއްކަންވެސް. ރައީސް މައުމޫން ވިދާޅުވި އެއްޗެއް. ދެކޮޅެއް ނެހެއްދެވޭނެ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންނަގެ މައްސަލައަކީ މިއީއޭ. ތިމަންނަގެ 'ލެގަސީ' ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ. މަވެތި ކަމުގެ ކިހާ ރަނގަޅު މިސާލެއްތޯ މިއީ
އަބްދުއްރަހީމް އަަބްދުﷲ | ޕީއެންސީގެ ރައީސް

އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ހައްގުގައި މަސައްކަތް ކުރައްވާ ކަަމަށް ވިދާޅުވާ ލީޑަރުންގެ ހަގީގަތް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަަމަށެވެ. މައުމޫން ވިދާޅުވި ވާހަކަފުޅު އާންމުންނާއި ހަމައަށް ގެންނަން ޖެހުނީ އެ ސަބަބާއި ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މީގެ އަހަރުތަކެއް ފަހުން ދިވެހިން އެމަނިކުފާނު މިންކުރާނީ
މުހައްމަދު ތަކުރުފާނާ އެއްލެވެލްއެއްގައި ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާކަން ރައީސް މައުމޫން ހާމަ ކުރެއްވީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް އޮކްޓޫބަރު 27، 2016 ގައި ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވަން އުޅުނު ޖަލްސާއެއް ފުލުހުން ހުއްޓުވުން ޝީ ބިލްޑިންގައި އެ ރޭ ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.

މައުމޫން އެރޭ ވިދާޅުވީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވަން ނިންމި ނިންމެވުމުގެ ވާހަކަ ވިދާޅު ނުވެ ވޭތޯ މިހާތަނަށް ވެސް ބެއްލެވި ކަމަށެވެ.

"އަޅުގަނޑަށް މިހާރު ގަބޫލު ކުރެވެނީ މި ހިނގާ ސަރުކާރަކީ ޕީޕީއެމްގެ ވިސްނުމާއި ޕީޕީއެމްގެ އާއްމު އުސޫލުތަކާއި އެއްގޮތަށް ހިންގާ ސަރުކާރެއް ނޫނޭ. އަދި މި ސަރުކާރުގެ ކަންކަން އަޅުގަނޑު މި މަގާމުގައި ހުރީމަ ކޮންމެސް ވަރަކަށް އަޅުގަނޑުގެ ބޮލުގައިވެސް މި ޒިންމާ އެޅޭ. އެހެންވީމަ އަޅުގަނޑު މި ގަސްތުކުރީ މިހާތަނަށް މި ސަރުކާރަށް ދެމުން އައި ތާއީދު މިހާރުން ފެށިގެން އަނބުރާ ގެންދިއުމަށް،" މައުމޫން އެރޭ ވިދާޅުވި އެވެ.

މައުމޫން އެ ރޭ ވިދާޅުވީ ސަރުކާރު ތެރޭގައި މި ހިނގާ ބޮޑެތި ކަންކަމުގެ ޒިންމާ އެމަނިކުފާނު އުފުއްލަވަން ބޭނުންފުޅު ނުވާ ކަމަށާއި އަދި ފަހުންވެސް ޕީޕީއެމްގެ ރައީސްގެ މަގާމުގައި ވަކި މީހަކު ހުރެގެން ޕީޕީއެމްގެ ސަރުކާރުން އެވެނި މިވެނި ކަންތައްތަކެއް ކުރިކަމަށް ބުނުމުގެ ފުރުސަތު ދޭން ބޭނުންފުޅު ނުވާ ކަމަށެވެ.

އަދި ސަރުކާރު ގެނައީ އެޕާޓީގެ މެމްބަރުންގެ މަސައްކަތުން ކަމަށާއި ވެރިކަމަށް އައީ ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރަން ނަމަވެސް ސަރުކާރުން ކުރަމުންދާ ގޯސް ކަމެއް އޮތް ނަމަ އެކަންތައްތަކުގެ ބަދުނާމު އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެޅޭ ކަމަށާއި އެކަންކަމުގެ ޒިންމާ ނަގަން ޖެހެނީ ރައީސް މައުމޫނު ކަމަށް ދެކެ މީހުން ވަރަށް ގިނަ ކަމަށެވެ.

ރައީސް ޔާމީނާ ބައްދަލުކޮށް މައްސަލަތައް ހައްލުކުރުމަށް ކުރެއްވި ކަމަށާއި އެ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި އެމަނިކުފާނާއި ރައީސް ޔާމީން ބައްދަލުނުވާތާ އަހަރެއް ވެފައިވާ ކަމަށް ވެސް އެރޭ ވިދާޅުވި އެވެ.