ރިޕޯޓް

އީޔޫން ފިޔަވަޅު އެޅުން: ރާއްޖެއަށް ވާނީ ކިހިނެއް؟

Jul 15, 2018
21

ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އަދިވެސް ގޯސްވަމުންދާތީ، ދިވެހި ސަރުކާރުގެ އެކި އެކި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އެކި މުއައްސަސާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) މިހާރު ވަނީ ތައްޔާރުވެފަ އެވެ.

އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލް ބައްދަލުވުން ބާއްވާނީ މާދަމާ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

އީޔޫ އިން ފިޔަވަޅު އަޅައިފިނަމަ، ރާއްޖޭއަށް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ މިދިޔަ ހަފުތާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އީޔޫ އިން ފިޔަވަޅު އަޅާ ގޮތް

އާންމު އުސޫލުގެ ދަށުން، އީޔޫ އިން ގައުމަކާއި ނުވަތަ ވަކިވަކި ފަރުދުންތަކަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި މައިގަނޑު ހަތަރު ސަބަބެއް ނުވަތަ މަގުސަދުތަކެއް ހާސިލްކުރުމުގެ މައްޗަށް ބަލާނެ އެވެ.

  • އީޔޫގެ ސަލާމަތާއި، ގަބޫލުކުރާ ހަމަތައް ރައްކާތެރިކުރުން
  • ސުލްހަ މަސަލަސް ކަން ގާއިމުކުރުން
  • ޑިމޮކްރަސީ، ގާނޫނުތައް ނެގެހެއްޓުމާއި، އިންސާނީ ހައްގު ކަށަވަރުކުރުން
  • ބައިނަލްއަގުވާމީ ސަލާމަތާއި ހަމަނުޖެހުން ހުއްޓުވުން

މިކަންކަމުގެ މައްޗަށް ބަލާ ގައުމަކާއި ދެކޮޅަށް ފިޔަވަޅު އެޅި ނަމަވެސް، އާންމު ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަކުރެވޭނެ ގޮތްތަކަށް ވެސް 2004 ގައި އެކުލަވާލީ އުސޫލެއްގެ ދަށުން ބަލާނެ އެވެ.

އީޔޫ އިން އަޅާ ފިޔަވަޅުތައް

ގައުމަކާއި ނުވަތަ ސަރުކާރަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ އީޔޫ އިން ވަކި ކަންތައްތަކެއް ހާސިލްކުރުމަށް ނުވަތަ ކަށަވަރު ކުރުމަށް ނިންމާ ނިންމުމެކެވެ. މިގޮތުން، މައިގަނޑުގޮތެއްގައި އަޅާ ފިޔަވަޅުތަކެއް ހުރެ އެވެ.

  • ޓެރަރިޒަމް ހުއްޓުވަން
  • ނިއުކުލިއާ ހަތިޔާރު ހުއްޓުވަން
  • އިންސާނީ ހައްގުތައް ކަށަވަރުކުރަން
  • ގައުމެއްގެ އިސްތިގުލާލު ހިމާޔަތްކުރަން
  • ގައުމެއްގެ އިސްތިގުލާލަށް ގަސްދުގައި އަރައިގަތުން

މިފަދަ ކަންކަން ހާސިލްކުރަން ނުވަތަ ކަށަވަރުކުރަން، އާންމު ގޮތެއްގައި އީޔޫ އިން އަޅާފައިވާ ފިޔަވަޅުގެ ތެރޭގައި:

  • ހަތިޔާރު އެތެރެވުން ހުއްޓުވުން
  • އީޔޫގެ ގައުމުތަކަށް އެތެރުވުން ހުއްޓުވުން
  • ވަކިވަކި ފަރުދުން ނުވަތަ ކުންފުންޏެއްގެ އެސެޓުތަކާއި އެކަންއުންޓުތައް ފްރީޒް ކުރުން
  • އިގްތިސާދީ ފިޔަވަޅު (އިންވެސްޓުމަންތަކާއި، މުދާ އެތެރެކޮށް ބޭރުކުރުމާއި، ބައެއް ހިދުމާތްތަކާއި ވިޔަފާރި މުއާމަލާތްތައް ހުއްޓުވުން)

ރާއްޖެއަށް އަޅާނީ ކޮން ފިޔަވަޅުތަކެއް؟

ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލަށް މައްސަލަ އެޖެންޑާ ކުރީ، ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ސަރުކާރުން ތަބާނުވެ، ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި ކުރީގެ ރައީސް މައުމޫން އާއި މަޖިލީހުގެ މެންބަރުންނާއި އަދި ބައެއް ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރުމާ ވިދިގެން ރާއްޖެ އިސްލާހުގެ މަގަށް ގެންނަން ރާއްޖެއަށް ފިޔަވަޅުތައް އެޅުމަށް އީޔޫގެ ކައުންސިލަށް ހުށަޙަޅަން ފާސްކުރި ގަރާރާ ވިދިގެން އެވެ.

ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތިން، އަޅަން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އީޔޫ އިން ރާއްޖެއަށް ދޭ އެހީތައް ކަނޑާލުމާއި، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުގެ އީޔޫ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތް ހެދުން ހިމެނެ އެވެ.

މި ހުށަހެޅުންތަކުގެ ތެރެއިން މާދަމާ އަޅަން ނިންމާނެ ފިޔަވަޅުތައް އަދި އެނގިފައިނުވި ނަމަވެސް، ބޮޑަށް ބެލެވޭ ގޮތުގައި، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުގެ އީޔޫ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތް ހެދުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ އީޔޫ އިން އެހީ ކަނޑާލުންފަދަ އާންމު ދިވެހިންގެ ދިރިއުޅުމަށް ސީދާ ގޮތުން އަސަރު ކުރާނެ ފަދަ ފިޔަވަޅެއް އަޅުން ނާދިރެވެ. އަދި ކުރިން ފާސްކުރި ގަރާރުގައި ހިމަނާފައިނުވާ ފިޔަވަޅެއް އަޅާފާނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

ރާއްޖެއަށް ވާނީ ކޮން ގެއްލުމެއް؟

އީޔޫ އިން އަޅާފައިވާ ފިޔަވަޅުތަކާއި ރަޝިޔާ އަދި އިރާނު ފަދަ ބޮޑެތި ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެ ފަދަ ނިންމުމެއްގެ އަސަރު އިންތިހާއަށް ބޮޑުވާނެ އެވެ. ދިވެހި ސަރުކާރުގެ އިސް ވެރިންގެ މުދަލެއް ނޫނީ އެކައުންޓެއް އީޔޫގެ ގައުމެއްގެ ފަހަރުގައި ނެތް ނަމަވެސް، މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ސަރުކާރާއި ގުޅުން އޮވެގެން އެ ލިސްޓުގައި ހިމަނާ ވިޔަފަރިވެރިންނާއި ކުންފުނިތަކަށެވެ.

ޔޫރަޕުން އެތަކެއް ހާސް ޓޫރިސްޓުންނެއް ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތް ކުރާއިރު، އެތަކެއް މުއާމަލާތެއް ޔޫރަޕު ޓްރެވަލް އޭޖެންޓުންނާއި ކުރާއިރު، އެ ފަދަ ފިޔަވަޅެއްގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މީގެ އިތުރުން، ޔޫރަޕަކީ ރާއްޖޭގެ ބޮޑު ކަންނެލި ބޭރުކުރެވޭ އެންމެ މުހިންމު މާކެޓުކަމުގައިވާއިރު، މަސްވެރިކަމުގެ ސިނާއަތަށް ވެސް އެ ފަދަ ފިވަޅުތަކެއްގެ ސަބަބުން ގެއްލުމާއި ކުރިމަތިވެދާނެކަމުގެ ބިރު ބޮޑެވެ. އެއާއެކު، އީޔޫ ފަދަ ޖަމާއަތެއްގެ ލިސްޓެއްގައި ހިމެނިއްޖެ ކުންފުންޏަކަށް ނުވަތަ ވިޔަފާރިވެރިއަކަށް ބޭރުގެ އެހެން ގައުމުތަކުން ވެސް ގުޅުން ބާއްވަން ދެކޮޅު ހެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އަދި، އީޔޫ އިން އެކުލަވާލާ ލިސްޓެއްގައި ނުހިމެނޭ ރާއްޖޭގެ ކުންފުންޏެއް ނުވަތަ ވިޔަފާރިވެރިއަކާއި، މުއާމަލާތެއް ކުރަން ވެސް ޔޫރަޕުން ޖެހިލުންވުމަކީ ވެސް ވަރަށް އެކަށީގެންވާކަމެކެވެ. ސަބަބަކީ، އީޔޫގެ ނިންމުމާއި ނުސީދާގޮތުން ނަމަވެސް ހިލާފުވެވިދާނެ ކަމުގެ ބިރު އީޔޫގެ ކުންފުނިތަކަށް ވެސް އޮންނާނެތީ އެވެ. އެގޮތަށް އެހެން ވެއްޖެނަމަ، ރާއްޖޭގެ ޓޫރިޒަމާއި، މަސްވެރިކަމުގެ ވިޔަފާރީގެ ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެކަމުގެ ބިރު އެބައޮތެވެ.

ކޮންމެ ގޮތެއް ވިޔަސް، އީޔޫ އިން މާދަމާ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ. ކިތަންމެ ކުޑަ މިންވަރެއްގެ ފިޔަވަޅެއް އެޅި ނަމަވެސް، އެކަމުގެ ލޮޅުން ގައުމުގެ ނާޒުކު އިގްތިސޯދަށް ކުރާނެ އެވެ. ސަރުކާރުގެ އިސް ވެރިންނާއި ސަރުކާރަށް ވާގިދޭ ވިޔަފާރިވެރިންނަށް އަޅާ ފިޔަވަޅެއްގެ ބުރަ އުފުލަންޖެހޭނީ ރައްޔިތުންނެވެ.