ހަބަރު

ކުރީގެ ސަރުކާރަށް ފިޔަވަޅު އަޅާ އުސޫލު އީޔޫން ބާތިލުކޮށްފި

Jun 17, 2019
2

ދިވެހި ސަރުކާރުގެ ކުރީގެ ވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިދިޔަ އަހަރު ފާސްކުރި އުސޫލު ބާތިލުކޮށްފި އެވެ.

އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުން މިދިޔަ ޖުލައި މަހު ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި، ފިޔަވަޅު އެޅޭނެ އުސޫލެއް ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް، އޭގެ ފަހުން ރާއްޖޭގައި އިންސާފުވެރި ރިޔާސީ އިންތިހާބާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ހާލަތު މިހާރު ރަނގަޅުވެފައިވާކަން އީޔޫގެ ކައުންސިލުން ފާހަގަކޮށް، ފިޔަވަޅު އެޅުމަށް އެކުލަވާލި އުސޫލު ވަނި މިއަދުގެ ބައްދަލުވުމުގައި ބާތިލުކޮށްފަ އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ގާނޫނީ ވެރިކަމެއް ދަމަހައްޓާނެކަމުގެ ޔަގީންކަން މިދިޔަ މާޗުމަހު އީޔޫއާއެކު ބޭއްވި ބައްދަލުމުގައި މިހާރުގެ ސަރުކާރުން ދީފައިވާކަމަށެވެ.

ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލަށް މައްސަލަ އެޖެންޑާ ކުރީ، ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ސަރުކާރުން ތަބާނުވެ، ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި ކުރީގެ ރައީސް މައުމޫން އާއި މަޖިލީހުގެ މެންބަރުންނާއި އަދި ބައެއް ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރުމާ ވިދިގެން ރާއްޖެ އިސްލާހުގެ މަގަށް ގެންނަން ރާއްޖެއަށް ފިޔަވަޅުތައް އެޅުމަށް އީޔޫގެ ކައުންސިލަށް ހުށަޙަޅަން ފާސްކުރި ގަރާރާ ވިދިގެން އެވެ.

ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތިން، އަޅަން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އީޔޫ އިން ރާއްޖެއަށް ދޭ އެހީތައް ކަނޑާލުމާއި، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުގެ އީޔޫ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތް ހެދުން ހިމެނެ އެވެ.