ހަބަރު

އީޔޫ ކޮމިޝަންގެ ނައިބު ރައީސްގެ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

Aug 7, 2019

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ރާއްޖެ ވަޑައިގަންނަވަނީ މާދަމާގެ ހެނދުނުގެ ވަގުތެއްގައިކަމަށް އީޔޫން ބުނެފި އެވެ.

އީޔޫގެ ހައި ރެޕްރެޒެންޓަޓިވް އޮފް ދަ ޔޫނިއަން ފޮ ފޮރިން އެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ މޮގުރީނީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާ މޮގުރީނީގެ ދަތުރުފުޅާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައިނުވާއިރު، ޝާހިދުއާއެކު ޖޮއިންޓް ޕްރެސް ކޮންފަރަންސެއް ބާއްވާނެކަމަށްވެސް އީޔޫން އިތުރަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް މޮގުރީނީގެ ދަތުރުފުޅުގެ ތެރެއިން މަޖިލީހުގައި ތަގުރީރުކުރައްވާނެކަމަށްވެސް އީޔޫން ނެރުނު ބަޔާނުގައި ބުންޏެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ނަޝީދު ވިދާޅުވި ގޮތުގައި، މޮގުރީނީ ތަގުރީރުކުރައްވާ ޖަލްސާއަށް ބޭރުގެ ސަފީރުންގެ އިތުރުން، ރާއްޖޭގައި ވިޔަފާރިކުރާ ޔޫރަޕުގެ ކުންފުނިތަކުގެ ވެރިންނާއި، ރިސޯޓުތަކުގެ އިސް ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެނިހެން ދާއިރާތަކުގެ ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށެވެ.

"މޮގުރީނީ ތަގުރީރު ކުރައްވާއިރު އެއީ މަޖިލީހުގެ ރަސްމީ ޖަލްސާއަކަށް ވެގެނެއްނުދާނެ. އެކަމަކު އެދުވަހު ވީހާވެސް ގިނަ އިއްޒަތްތެރި މެންބަރުން ވަޑައިގެންދެއްވުން އެދެން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަށްޓަކައި އޭރުގެ ސަރުކާރުގައި ތިއްބެވި ވަކިވަކި ބޭފުޅުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ މޮގުރީނީކަމަށެވެ.

"...އަޅުގަނޑަށް ފެންނަފެނުމުގައި އިންސާފުވެރި އިންތިހާބެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދެއްވި އެއް ބޭފުޅަކީ މޮގުރީނީ،" ނަޝީދު ވިދާޅުވި އެވެ.

އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި، ފިޔަވަޅު އެޅޭނެ އުސޫލެއް ކަނޑައެޅި އެވެ.

ނަމަވެސް، އޭގެ ފަހުން ރާއްޖޭގައި އިންސާފުވެރި ރިޔާސީ އިންތިހާބާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ހާލަތު މިހާރު ރަނގަޅުވެފައިވާކަން އީޔޫގެ ކައުންސިލުން ފާހަގަކޮށް، ފިޔަވަޅު އެޅުމަށް އެކުލަވާލި އުސޫލު ވަނީ މިދިޔަ ޖޫން މަހު ބޭއްވި ބައްދަލުވުމުގައި ބާތިލުކޮށްފަ އެވެ.