އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާ އެދުމާއި އެއްގޮތަށް ލަންކާގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރުން އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި، ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށެވެ.
އެކަމާއި ގުޅިގެން އިއްޔެއިން ފެށިގެން ވަރަށް ބޮޑަށް ދިޔައީ ބަހުސް ކުރެވެމުންނެވެ. ކުރީގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ރައީސް މައުމޫން ވަނީ އެއީ ކުރަން ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުންވެސް ވަރަށް ގިނަ ޓްވީޓްތައް ކުރައްވާ އެކަން ކުރުން ރަނގަޅު ނޫން ގިނަ ސަބަބުތަކެއް ސާފުކޮށްދެއްވިއެވެ.
ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ހުށައެޅުމާއި ގުޅޭގޮތުން ދެ ގައުމުން ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. ލަންކާއަކީ އަބަދުވެސް ރާއްޖެއާ ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށާ ކޮންމެ އަޑިގަނޑަކާއި އުސްގަނޑެއްގައިވެސް ރާއްޖެ-ލަންކާ އޮންނާނީ އެކުގައި ކަމަށެވެ. ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށް ވިދާޅުވެ ދިވެހިންގެ ހަތަރު ޖަނަރޭޝަނެއްގެ މީހުން ލަންކާގެ ގަބުރުސްތާނުތަކުގައި ވަޅުލާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގަލޮޅުގޭ އަލިދޮށިމޭނާކިލެގެފާނާއި އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ އިތުުރުން ހުސައިން ސޮލާހުއްދީން އަދި އިބްރާހިމް ޝިހާބު ފަދަ ބޭފުޅުން ފަސްދާނުލާފައިވަނީ ލަންކާގެ ގަބުރުސްތާނުގައެވެ. މީގެ ތެރެއިން ގަލޮޅުގޭ އަލިދޮށިމޭނާކިލެގެފާނާ ފަސްދާނުލާފައިވަނީ ސިލޯނުގެ ގާލީގައެވެ. ދެން ތިއްބެވި ބޭފުޅުން ކޮލަންބޯގައެވެ. ނަޝީދު އެ އިޝާރާތް ކުރައްވާ އެފަދަ ބޭފުޅުންނަށް ކަމަށް ބެލެވެއެވެ.
ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުންކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.
ލަންކާ ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގާތްގަނޑަކަށް 21 މިލިއަން މީހުންގެ އާބާދީގައި، 10 ޕަސަންޓް މުސްލިމުން ދިރިއުޅޭ ލަންކާގައި، ދީނީ އުސޫލުތަކާއި އާދަކާދައަށް ސަރުކާރުން ފުރަގަސްދީފައިވާކަމަށް ބުނެ، ލަންކާގައި ލަންކާގެ ބައެއް ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ކަންބޮޑުވުންތަކާ ގުޅިގެން ކޮވިޑް-19 ޖެހިގެން އެ ގައުމުގައި މަރުވާ މީހުން ހަށިތައް އަންދާލަމުން ދިޔަ ދިއުން ވަގުތީ ގޮތުން ހުއްޓާލައިފި ކަމަށް ލަންކާގެ ނޫސްތަކުން މިއަދު ވަނީ ބުނެފައެވެ. ލަންކާގެ ނޫސްތަކުން ބުނީ ކޮވިޑްގައި މަަރުވާ މުސްލިމުންގެ ހަށިތައް އެންދުން ވަގުތީ ގޮތުުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ އެ ގައުމުގެ ރައީސް އާއި ބޮޑުވަޒީރުގެ އެންގެވުމަށް ނިންމެވި ނިންމެވުމެކެވެ. އެއީ ދާއިމީ ނިންމެއް ކަމެއް ޔަގީން ނުވި ނަމަވެސް އިތުރު އެންގުމެއް އައުމުގެ ކުރިން ކޮވިޑްގައި މަަރުވާ މުސްލިމުންގެ ހަށިތައް ދެން ނާންދާނެ އެވެ.
މި ވަގުތުވެސް ކޮވިޑް ޖެހިގެން މަަރުވެފައިވާ ނުވަ މުސްލިމެއްގެ ހަށިގަނޑު އެބައޮތެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ނުޖެހޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން ކަމާބެހޭ އިދާރާތަކަށް ސަރުކާރުން މިހާރު ވަނީ އަންގާފައެވެ.