އަބްދުﷲ ޖާބިރު

ނަޝީދު ބޭނުންވަނީ އަވަހަށް ޝާހިދު ބޭރުކޮށްލަން: ޖާބިރު

Aug 25, 2020

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އިތުބާރު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް ރައީސް ނަޝީދު، ޝާހިދަށް އިތުބާރު ނުކުރައްވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ގެންދަވަނީ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދު ވަނީ "ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ނަޝީދު އެ ޓްވީޓް ކުރެއްވީ ޖާބިރު އެ ވާހަކަފުޅު އިއުލާނު ކުރެއްވިއްތާ ކުޑަ ވަގުތެއްގެ ތެރޭގައެވެ.

އަވަސްގެ ފަށަމާ ޝޯގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ޝާހިދުގެ މައްސަލާގައި އެހާ އަވަހަށް ރިއެކްޓް ކުރުމަކީ ޝާހިދު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ބޭނުންފުޅުވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މާ އަވަހަށް ބޭރުކޮށްލައްވަން ބޭނުންވަނީ ހެން. އެ ބޭފުޅުން ދައްކަވާ ވާހަކަ އަޅުގަނޑު ތަރުޖަމާ ކުރަނީ އެހެން. އެއީ ތެދު ބަހުން ވާހަކަ ނުދައްކަވާތީ. އެ އުޅެނީ އަވަހަށް ޝާހިދު ބޭރުކޮށްލަން،"

ޖާބިރު ވިދާޅުވީ ޝާހިދަކީ ކޮން ބޭފުޅެއްކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޝާހިދަށް ރައީސް ނަޝީދު އިތުބާރު ނުކުރައްވާނެކަން ޝާހިދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ހުދު ޝާހިދުވެސް ގަބޫލުނުކުރައްވާނެ ރައީސް ނަޝީދު އޭނާއަށް ތާއީދު ކުރާނެ ކަމަކަށް ފުރަތަމަ. އެބޭފުޅާއަށް ހުދު އެނގިވަޑައިގަންނަވާނެ. ޝާހިދަކީ ކާކުކަން ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ. ރައީސް ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޝާހިދަކީ ޝާހިދުކަން،" ޖާބިރު ވިދާޅުވިއެވެ.

ހުދު ޝާހިދުވެސް ގަބޫލުނުކުރައްވާނެ ރައީސް ނަޝީދު އޭނާއަށް ތާއީދު ކުރާނެ ކަމަކަށް ފުރަތަމަ. އެބޭފުޅާއަށް ހުދު އެނގިވަޑައިގަންނަވާނެ. ޝާހިދަކީ ކާކުކަން ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ. ރައީސް ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޝާހިދަކީ ޝާހިދުކަން
އަބްދުﷲ ޖާބިރު | ކާށިދޫ ދާއިރާގެ މެންބަރު

ޖާބިރު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށާ އެކަމުގެ ޒިންމާ ޝާހިދު ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި ގައުމުތަކާއެކު ހަމަހަމަ ގުޅުންތައް ގާއިމް ކުރުމުގައި ސަރުކާރު ފެއިލްވީ ޝާހިދުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ޝާހިދު އެ ހުންނެވީ ނުހައްގު މަގާމެއްގައި. ފަހަރުގައި ވެދާނެ ޝާހިދު ވެރިކަމަށް ކުރިމަތިލާން އުޅުނީމަ ދެން ތިބި މީހުން ބިރުން އޭނާއަށް ނުހައްގު އެއްޗެއް ދެއްވީ ކަމަށް. މި ފެއިލްވެފައި އޮތް ސަރުކާރުގައި ވަރަށް މުހިންމު ދައުރެއް ޝާހިދުގެ އެބައޮތް ކަމަށް އެނގިފައިވަނީ. އެކަމަކު ކޮންކަމެއްތޯ އޭނާއަށް ކުރެވުނީ،"

ޖާބިރު ވިދާޅުވީ މަޖިލީހުގެ މެންބަރުން ޝާހިދަށް އިތުބާރު ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުވެސް އެހާ ބާރަށް އެވާހަކަފުޅު ދައްކަވަނީ ޝާހިދަށް އިތުބާރު ނެތީމަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ކުޑަކޮށްވެސް ޝާހިދަށް އިތުބާރެއް ނުކުރަން. އަޅުގަނޑު އިތުބާރު ނުކުރަންޏާ އެކަން ކުރާނެތޯ. ނަޝީދު އެހާ ބާރަށް އެ ވާހަކަ އެ ދައްކަވަނީ އިތުބާރު ނެތީމަ،" ޖާބިރު ވިދާޅުވިއެވެ.