އަބްދުﷲ ޖާބިރު

މި ސަރުކާރު މިހާރު ވެއްޓިއްޖެ: ޖާބިރު

މި ސަރުކާރުން ވަރަށް ގިނަ ގޯސްތައް ހަދާފައިވާ ކަމަށާ ސަރުކާރު ހަމަ މަގަށް ނޭޅުވިއްޖެނަމަ މި ސަރުކާރު ދެމި ނޯންނާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އަވަސް އޮންލައިންގެ ހެނދުގެ ޝޯ "ފަށަމާ" ގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލި ނަމަވެސް ފެންނަނީ ފެއިލްވެފައިވާ މަންޒަރު ކަމަށާ ކަންކަން ގޯހުން ގޯހަށް ގޮސްފައިވާ މަންޒަރު ކަމަށެވެ.

ވަޒީރުން އެތައް ގޯސްތަކެއް ހައްދަވާފައިވާ ކަަމަށާ އެކަންކަން ރަނގަޅު ނުކުރެވޭއިރު ވަޒީރުންނާ ދޭތެރޭ ފިޔަވަޅު އަޅާ މަންޒަރު ވެސް ނުފެންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ހަދާފައިވާ އަދި ހަދަމުންދާ ހުރިހާ ގޯސްތަކެއްގެ ޒިންމާ ރައީސް ސޯލިހު އުފުލަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޒިންމާ ހަވާލުކުރީ ރައީސް ސޯލިހަށް. އެހެންވީމަ އެއީ ވަޒީރަކު ކުރި ކަމެކޭ ބުނެ ސަލާމަތް ނުވެވޭނެ. ވަޒީރުން މި އުޅުއްވާ ހުތުރު މުޑުދާރު ގޮތްތަކުގެ ޒިންމާ ސީދާ ރައީސް ސޯލިހް ނަގަން ޖެހޭނެ. ހަމަ މިހާރުން މިހާރަށް، ވަގުތުން ސަލާމަތް ކުރުމަށްޓަކައި ވަގުތުން ވަގުތަށް ރައީސް ސޯލިހު މަގާމުން އިސްތިއުފާދެއްވަން ޖެހޭ. އެއީ ބުއްދިވެރި ގޮތަކީ. އެހެން ނޫނީ އަތަށް ފައިވާން ނަގައިގެން ދުވަން ޖެހިދާނެ. ހަތެއް ފެބްރުއަރީ އަލުން ރިޓާންވާން ޖެހިދާނެ. މިތާ ބަޣާވާތެއް ނޫން ކުރާނީ ރައްޔިތުން ހައިހޫނުކަން މަތީ ތިބެގެން ނިކުންނާނީ،"

ޖާބިރު ވިދާޅުވީ ރައްޔިތުން ތިބި ހާލަތު ސަރުކާރަށް އިހުސާސްވެސް ނުވާ ކަމަށެވެ. ކޮވިޑް ކޮންޓްރޯލް ކުުރުމުގެ ނަމުގައި ވަރަށް ގިނަ ކަންކަން ގޯހުން ގޯހަށް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެކަންކަމުގެ ޒިންމާ ނަގަން ޖެހޭނެ ދުވަސް އެބަ އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ގައުމުގެ އެއްވެސް ސެކުޓާއެއްގެ އިތުބާރު މި ސަރުކާރަށް ނެތް ކަމަށެވެ. އެއީ ސަރުކާރެއް އަމިއްލައަށް ވެއްޓިފައި އޮތުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

މަސްވެރިންނާއި ދަނޑުވެރިން މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފައިވާ ކަމަށާ އިއްޔެ ވިޔަފާރިވެރިން ސަރުކާރާ ދެކޮޅަށް ނިކުމެފައިވާ ކަމަށެވެ. މިހެން ދަމުން ސަރުކާރާއި ދެކޮޅަށް ނުނިކުންނާނެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރު މި އޮތީ އަމިއްލައަށް ވެއްޓިފައި. ދެން ކީއްކުރަންތޯ ބަޔަކު ސަރުކާރު ވައްޓާލަން ނިކުންނަންވީ. މި އޮތީ އަމިއްލައަށް މި ސަރުކާރު ވެއްޓިފައި،"

ޖާބިރު މިއަދުވެސް ވިދާޅުވީ ރައްޔިތުން މިހާރު ތިބި ހާލަތު ދެން ދެތިން މަސް ދުވަހު ނުތިބޭނެ ކަމަށެވެ. ރައްޔިތުން މަގުމައްޗަށް ނިކުންނާނެ ކަމަށާ އޭގެ ކުރިން ސަލާމަތް ހޯދުމަށް އޭނާ ގޮވާލެއްވިއެވެ.

"އަމިއްލައަށް އިސްތިއުފާ ދެއްވަންވީ. އެހެން ނޫނީ ރައްޔިތުން މަގުމައްޗަށް ނިކުންނާނެ. އެ ބޭފުޅުން ގަބޫލުކުރައްވަންވާނެ އެ ބޭފުޅުން އެކައުންޓްބިލިޓީ ކުރާނެ ބަޔަކު ތިބޭނެކަން،"

މީގެ ކުރިން ޖާބިރު އާންމުކޮށް ދައްކަވާ ވާހަކަތައް މިއަދުވެސް ތަކުރާރުކުރެއްވިއެވެ. ވިދާޅުވީ މި ސަރުކާރު އިންތިހާބުވީ އޭނާ ފައިސާ ހަރަދު ކުރައްވައިގެން ކަމަށެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުން އޭނާއަށް ދިނީ މުޅިންވެސް އަނިޔާ ކަަމަށެވެ. އަދި ވައުދުވީ ގޮތަށް އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރު މި އޮތީ އަޅުގަނޑަށް ބަރިބަރިއަށް ދަރާ. ސަލާމަތްނުވާވަރަށް ދަރާފައި. އަޅުގަނޑު ދައުވާކޮށްފިނަމަ ހާފްއަ ބިލިއަން ޑޮލަރަށް ދައުވާ ކުރެވޭނެ ބަދަލު ހޯދަންވެސް،"

އެއްވެސް ވަޒީރަކަށް އިތުބާރެއް ނެތް

ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދު އިސްވެ ހުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވެއްދުމަށް ކުރަމުންދާ މަސައްކަތަށްވެސް ތާއީދު ކުރައްވާނެ ކަަމަށް ވިދާޅުވިއެވެ.

"ދަންނަވަންތޯ، އަޅުގަނޑަށް ނެތް އެއްވެސް ވަޒީރަކަށް އިތުބާރެއް. އެންމެން ފެއިލްވެއްޖެ. އެހެންވީމަ ކޮންމެ ވަޒީރެއްގެ ނޯކޮންފިޑެންސް ވެއްދިޔަސް އަޅުގަނޑުގެ ވޯޓް ލިބޭނެ،"

ޖާބިރު ވިދާޅުވީ ވަޒީރުން އުޅުއްވަނީ ވަރަށް ހުތުރުކޮށް ކަމަށާ މުޅި ވަޒީރުންގެ މަޖިލީސް އެކީގައި ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެމްއާރްއެމްއާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ކެބިނެޓުން ސްލޮޓްތަކެއް ދޭންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ވެގެންވާނަމަ ފަހަރަކު ވަޒީރެއް ފަހަރަކު ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާނަން،"

ރައީސް ނަޝީދަށް ފާޑުވިދާޅުވި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅަން ނިންމުމާއެކު ޝާހިދަށް ތާއީދު ކުރައްވާކަން ރައީސް ނަޝީދު ހާމަކުރައްވާފައިވާތީ އެކަމާއި ގުޅިގެން ޖާބިރު ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ "ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ނަޝީދު އެ ޓްވީޓް ކުރެއްވީ ޖާބިރު އެ ވާހަކަފުޅު އިއުލާނު ކުރެއްވިއްތާ ކުޑަ ވަގުތެއްގެ ތެރޭގައެވެ.

ޖާބިރު ވިދާޅުވީ ރައީސް ނަޝީދަށް އިތުބާރު ނުކުރައްވާ ކަމަށާ އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި އިދިކޮޅަށް މެނުއީ ކަންކަން ނުކުރައްވާނެ ކަމަށެވެ. ޝާހިދުގެ މައްސަލާގައި އެހާ އަވަހަށް ރިއެކްޓް ކުރުމަކީ ޝާހިދު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ބޭނުންފުޅުވާ މިންވަރު ހާމަވާ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ކޮބައިތޯ ފުންމައިގެން އައިސް ރިއެކްޓް ކުރަންޖެހޭ ސަބަބަކީ. އަޅުގަނޑަށް ހީވަނީ ފަހަކަށް އައިސް ރައީސް ނަޝީދާއި ޝާހިދު މާބޮޑަށް ލޯބިވަނީ ކަންނޭންގޭ. ފަހަރުގައި މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އުފެދުނު ލޯތްބަކަށްވެސް ވެދާނެ،" ނަޝީދަށް ފާޑުވިދާޅުވަމުން ޖާބިރު ވިދާޅުވިއެވެ.

މި މައްސަލާގައި ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނާއިބް ފާތިމަތު ދިޔާނާ ސައީދުވެސް ވަނީ ޖާބިރަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.

ދިޔާނާ ވިދާޅުވީ ދެ ބޮނބިފަޅި މެދުގައި ކަތިވަޅިން މަރުގެ އެތިފަހަރެއް ޖެހި ނަމަވެސް މާލޭގެ އިއްޒަތްތެރިން އެެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ކުރައްވާނެ ކަމަށެވެ.

"އަދި ކޮބާ، އުކުޅަހުގައި ދެވަނަ އެތި ފަހަރު ޖެހީމަ ވެސް އިތުބާރު ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންކަން ރަނގަޅަށް ފަހުމް ނުވެގެން އުޅެނީ ރަށްފުށުގެ މީހުންނަށް ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ މާލޭގެ ދެތިން އާއިލާއަކުން ރާއްޖެ ކޮންޓްރޯލް ކުރި ދުވަސް މާޒީވެ ހިނގައްޖެ ކަމަށެވެ. އަދި މިއަދު މި ރާއްޖޭގައި އެއްވެސް މީހަކަށް "ބޭފުޅު" ހެދިގެން ނޫޅުއްވޭނެ ކަމަށެވެ.

"މާލޭގެ ދެތިން ހަތަރު އާއިލާއެއް ވެގެން ރާއްޖެ ކޮންޓްރޯލް ކޮށްގެން އުޅޭތާ ކިތަންމެ ދުވަހެއްވެއްޖެ. އެކަމަކު ރައްޔިތުންނަށް އެބަ އިނގޭ މިއީ ކޮން ބައެއްކަން. އެ ތިބެނީ ވަރަށް ޖަޒީރިއްޔާ ވަންތަ ވަރަށް ބޭފުޅިއްޔާވެފައި. އެއެއް މިހާރު ނުހިނގާނެ. އަޅުގަނޑުމެންނަކީ ބަރަވެލި ނާރާ ރަށްރަށުގައި ފައިވްސްޓާ ރިސޯޓް ހަދާފައި ތިބި މީހުން. އެ ވިދާޅުވާ މާލެ ބޭފުޅުން ކުރެއްވި ކަމަކީ ކޮބައިތޯ،" ނަޝީދަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވިއެވެ.