ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އީޔޫގެ ހައި ރެޕްރެޒެންޓަޓިވް އޮފް ދަ ޔޫނިއަން ފޮ ފޮރިން އެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ މޮގުރީނީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން މަޖިލީހަށް ވަޑައިގެން ތަގުރީރުކުރެއްވުމަށް ދައުވަތު މިއަދުގެ ޖަލްސާގެ ތެރެއިން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާ މޮގުރީނީ ތަގުރީރުކުރައްވާ ޖަލްސާއަށް ބޭރުގެ ސަފީރުންގެ އިތުރުން، ރާއްޖޭގައި ވިޔަފާރިކުރާ ޔޫރަޕުގެ ކުންފުނިތަކުގެ ވެރިންނާއި، ރިސޯޓުތަކުގެ އިސް ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެނިހެން ދާއިރާތަކުގެ ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށެވެ.
"މޮގުރީނީ ތަގުރީރު ކުރައްވާއިރު އެއީ މަޖިލީހުގެ ރަސްމީ ޖަލްސާއަކަށް ވެގެނެއްނުދާނެ. އެކަމަކު އެދުވަހު ވީހާވެސް ގިނަ އިއްޒަތްތެރި މެންބަރުން ވަޑައިގެންދެއްވުން އެދެން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަށްޓަކައި އޭރުގެ ސަރުކާރުގައި ތިއްބެވި ވަކިވަކި ބޭފުޅުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ މޮގުރީނީކަމަށެވެ.
"...އަޅުގަނޑަށް ފެންނަފެނުމުގައި އިންސާފުވެރި އިންތިހާބެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދެއްވި އެއް ބޭފުޅަކީ މޮގުރީނީ،" ނަޝީދު ވިދާޅުވި އެވެ.
އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި، ފިޔަވަޅު އެޅޭނެ އުސޫލެއް ކަނޑައެޅި އެވެ.
ނަމަވެސް، އޭގެ ފަހުން ރާއްޖޭގައި އިންސާފުވެރި ރިޔާސީ އިންތިހާބާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ހާލަތު މިހާރު ރަނގަޅުވެފައިވާކަން އީޔޫގެ ކައުންސިލުން ފާހަގަކޮށް، ފިޔަވަޅު އެޅުމަށް އެކުލަވާލި އުސޫލު ވަނީ މިދިޔަ ޖޫން މަހު ބޭއްވި ބައްދަލުވުމުގައި ބާތިލުކޮށްފަ އެވެ.
މޮގުރީނީ ރާއްޖެ ވަޑައިގަންނަވާ ތާރީހެއް މި ހަފްތާގެ ތެރޭގައި އިއުލާނުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.