ހަބަރު

މަހުގެ ޑިއުޓީ މައްސަލައަށް އޮތް ހައްލަކީ ވަކި އެއްބަސްވުމެއް: އީޔޫ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި ބޮޑު ޑިއުޓީއެއް ނަގާ މައްސަލާގައި ރާއްޖެއަށް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށް އެ ޖަމާއަތުގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން އާންމުކޮށް މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕުގެ ގައުމުތަކަށެވެ. ނަމަވެސް އެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި މިހާރު 24 ޕަސަންޓް ޑިޔުޓީއެއް ދައްކަން ޖެހެ އެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އީޔޫގެ ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް (ޖީއެސްޕީ) ގެ ދަށުން ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ދައްކާކަށްނުޖެހެ އެވެ. އެ ދުވަސްވަރު ޔޫރަޕަށް އެކަނި ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން 40 ޕަސަންޓް ބޭރުކުރީ ޔޫރަޕަށެވެ. ނަމަވެސް، 2013 ވަނަ އަހަރު މެދު އާމްދަނީގެ ގައުމަކަށް ރާއްޖެ ގްރެޖުއޭޓް ވުމާއެކު އީޔޫން ދެމުންއައި ޖީއެސްޕީގެ އިނާޔަތްތައް ވަނީ ކަނޑާލައިފަ އެވެ.

އަދި 2015 ވަނަ އަހަރު ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށް އީޔޫން ތައާރަފްކުރި ޖީއެސްޕީ ޕްލަސް ގައި ވެސް އަސާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ 27 މުއާހަދާއެއްގައި ބައިވެރިނުވާތީ ރާއްޖެ އެ އިނާޔަތްތަކަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާކަމަށް ޔޫރަޕުގެ އިއްތިހާދުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ދީނީ މިނިވަންކަން ދިނުމުގެ ބައި އޮންނާތީ ޖީއެސްޕީ ޕްލަސް ހޯދުމުގައި ރާއްޖެއަށް ވަނީ ހުރަސްއެޅިފަ އެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން އެ މައްސަލައަށް އިޝާރަތް ކުރައްވާ މޮގުރީނީ ވިދާޅުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު ސަރުކާރާ ބަދަލުވެ، ރާއްޖެއިން ފެންނަމުންދާ ހެޔޮ ބަދަލުތަކާއެކު އީޔޫ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމުގައި ސަރުކާރާއެކު ކޮންމެ ފިޔަވަޅެއްގައި އެކުގައިވާނެ ކަމަށް މޮގުރީނީ ވިދާޅުވި އެވެ.

އެހެން ނަމަވެސް އިގްތިސާދީ ގޮތުން ރާއްޖެއާއެކު އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަން އެނގިވަޑައިގަންނަވާ ކަމަށާއި މަސްވެރިކަމުގެ ދާއިރާއަށް އެހީވުމަކީ ދިވެހިންނަށް ކިހާ މުހިންމު ކަމެއްކަން އެނގިލައްވާ ކަމަށް މޮގުރީނީ ވިދާޅުވި އެވެ. އެކަމުގައި ވަރަށް ގަދައަށް ދެ ފަރާތުން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ދެމެހެއްޓެނިވި ހައްލުތަކެއް ރާއްޖެއަށް ހޯދަން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"އެކްސްޕޯޓު ކުރުމުގައި އެހީވުމަށް އިތުރު ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ރައްޖެއަށް ހޯދައިދޭން. އަދި އިތުރު އިގްތިސާދީ މަސައްކަތްތަކަށް ވެސް އެހީވާނެ ގޮތްތަކެއް ހޯދަން ޖެހޭ. އެކަމަކު މިއަދަކު އަދި އެ ކަމަކަށް ޔަގީންކަމެއް އަޅުގަނޑަކަށް ނުދެވޭނެ. އެކަމަކު އަންނަ ނޮވެމްބަރު މަހު އަންނާނެ އާ ކޮމިޝަނަށް ރާއްޖެއާއެކު މަސައްކަތް ކުރަން ޖެހޭ ކަމުގެ މެސެޖު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެން،" މޮގުރީނީ ވިދާޅުވި އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު އެ މިނިސްޓްރީގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރަންސެއްގައި ޑިޔުޓީ މައްސަލާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޮގުރީނީ ވިދާޅުވީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) ގެ އުސޫލުތަކާ ހިލާފަށް ވަކި ގައުމަކަށް ޑިޔުޓީ ކުޑަކުރުން ފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް، ޔޫރަޕަށް މަސް ބޭރު ކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ނާޒުކު އިގުތިސޯދާ ގުޅުން ހުރި ކަމަކަށްވާތީ އެކަމަށް ހައްލެއް ހޯދުމުގައި ދިވެހި ސަރުކާރާއެކު މިއަދު މަޝްވަރާ ކުރެވުނެވެ.

އެގޮތުން، މަޝްވަރާ ކުރެވުނު އެއް ކަމަކީ ރާއްޖެއާއި އީޔޫއާދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުން ކަމުގައި އެކަމަނާ ހާމަކުރެއްވި އެވެ.

"އަޅުގަނޑު އަމިއްލަ ހައިސިއްޔަތުންވެސް ގަބޫލުކުރަނީ ދެ ފަރާތުގެ ދެމެދުގައި ސޮއި ކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން އެކަމަށް [ޑިޔުޓީ މައްސަލައަށް] ހައްލެއް ހޯދިދާނެހެން،" މޮގުރީނީ ވިދާޅުވި އެވެ.

ނަމަވެސް، މިއަދަކީ އެފަދަ ވިސްނުމެއްގެ ފެށުން ކަމުގައިވާތީ، އެފަދަ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ވަގުތު ބޭނުންވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ އެފަދަ ވާހަކަ އަދި މިދެކެވުނީ މިއަދު. އެހެންވީމާ އަޅުގަނޑު އެނބުރި ގޮސް އެކޮޅު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށާނަން. އެހެންވީމާ މިވަގުތު އެ މައްސަލަ ހައްލުކޮށްދޭނަމަކޭ ނުދެންނެވޭނެ. އެކަމަކު ރާއްޖޭގެ މި ހުށަހެޅުން އީޔޫގެ ކަމާބެހޭ ބޭފުޅުންނާ ހަމައަށް ގެންގޮސްދޭނެކަމުގެ ޔަގީންކަން އަރުވަން،" މޮގުރީނީ ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވި ގޮތުގައި، އަސާސީ ހައްގުތަކަށް ކަމޭހިތައިގެން ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާތީ އުފާކުރައްވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ކުރަމުންދާ އިސްލާހީ މަސައްކަތުގައި އީޔޫގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން މޮގުރީނީ ދެއްވި އެވެ.

މިއަދު ހެނދުނުގެ ރާއްޖެއަށް ވަޑައިގެންނެވި މޮގުރީނީ މިރޭގެ ވަގުތެއްގައި ރާއްޖޭން ފުރާވަޑައިގަންނަވާނެ އެވެ. އެކަމަނާ ކުރު ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު ޝާހިދާއެކު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

މިއީ އީޔޫ ސަރުކާރުގެ އެހާ މަތީ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.