މަސްވެރިން

ކަސްޓަމުން ހިފެހެއްޓި މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފި

ސްރީލަންކާގެ ކަސްޓަމުން ހިފެހެއްޓި މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފި ކަމަަށެވެ.

ލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެ ކުރެވިފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ މަހުގެ އުފެއްދުންތައް، ލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަގީންކަމާ އެއްގޮތަށް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ދިވެހި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާ ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ދަނީ ހަބަރު ފަތުރަމުންނެވެ.

ރާއްޖޭން އެތެރެކުރާ މަހުން ނަގާ ޑިޔުޓީ އެ ގައުމުން ވަނީ ބޮޑުކޮށްފައެވެ. ލަންކާގެ ފިޝަރީޒް މިނިސްޓްރީން ބުނީ އެ ގައުމަށް ބޭރުން އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވަނީ އެގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޑިޔުޓީ ބޮޑުކޮށްފައިވަނީ ލަންކާއަށް އިމްޕޯޓު ކުރާ މަހާއި، ހިކި މަހުގެ އިތުރުން ރާއްޖޭން އެތެރެކުރާ "މޯލްޑިވް ފިޝް" އިންނެވެ.

މިގޮތުން، ރާއްޖޭން އެތެރެކުރާ މަހަށް ކިލޯއަކުން ނަގާ ޑިޔުޓީ ވަނީ 302 ލަންކާ ރުޕީސްއަށް ބޮޑުކޮށްފައި އެވެ.

ލަންކާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ އިތުރުކުރި ނަމަވެސް، އެކަމުން ރާއްޖެއަށް މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އަދި ރާއްޖޭން އަމާޒު ކުރަނީ އަ ގުބޮޑު ބާޒާރަށް ކަމަށާއި ލަންކާގައި ރާއްޖޭގެ މަހަށް އެހާ ބޮޑު އަގެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"ހިކި ކަނޑުމަހަކީ އަޅުގަނޑުމެންނަކަށް މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫން. އެއަށް ވުރެ އަގު އެއްކުރެވިގެން އެއަށް ވުރެ ބޮޑެތި ބާޒާރަށް އަޅުގަނޑުމެންނަށް ފޮނުވޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ގަނޑުކުރި މަސް ތައިލެންޑް ބާޒާރަށް ވެސް އަދި ލަންކާ ބާޒާރަށް ވެސް ފޮނުވާކަށެއް،" މިދިއަ އޯގަސްޓް މަހު ރައްޔިތުންގެ މަޖިލީހުގައި ޒަހާ ވިދާޅުވި އެވެ.