ހަބަރު

ލަންކާއަށް ދިވެހި ކަނޑުމަސް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނެތް

ސްރީލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެ ގައުމަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ސްރީލަންކާ ސަރުކާރުން ދީފި އެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާ ކޮށްފައިވާ ކަމަށް އަޑުފެތުރިފައިވެއެވެ. އެ ވާހަކަތައް ލަންކާގެ މީޑިއާތަކުގައިވެސް ރިޕޯޓް ކުރިއެވެ. އަދި ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ދިވެހި ކުންފުނިތަކުން އިމްޕޯޓްކުރި މަހުގެ ޝިޕްމަންޓް ތާށިވިއެވެ. ނަމަވެސް ދެ ސަރުކާރުގެ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އެ މައްސަލަ ވަނީ ހައްލު ކޮށްފައެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާ ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސާފު ކޮށް ދިނުމަށް ދިވެހި ސަރުކާރުން ވަނީ ލަންކާ ސަރުކާރުގައި އެދިފައެވެ. ފޮރިން މިނިސްޓްރީން މިއަދު ބުނީ ސްރީލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެ ގައުމަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަގީންކަން ސްރީލަންކާ ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެކަން ލިޔުމުން އަންގާފައިވާ ކަމަށެވެ. އެ ކަން ރައީސް ސޯލިހްވެސް މިއަދު ވަނީ ޔަގީންކޮށް ދެއްވާފައެވެ.

ރާއްޖޭން އެތެރެކުރާ މަހުން ނަގާ ޑިޔުޓީ އެ ގައުމުން ވަނީ ބޮޑުކޮށްފައެވެ. ލަންކާގެ ފިޝަރީޒް މިނިސްޓްރީން ބުނީ އެ ގައުމަށް ބޭރުން އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވަނީ އެގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޑިޔުޓީ ބޮޑުކޮށްފައިވަނީ ލަންކާއަށް އިމްޕޯޓު ކުރާ މަހާއި، ހިކި މަހުގެ އިތުރުން ރާއްޖޭން އެތެރެކުރާ "މޯލްޑިވް ފިޝް" އިންނެވެ.

މިގޮތުން، ރާއްޖޭން އެތެރެކުރާ މަހަށް ކިލޯއަކުން ނަގާ ޑިޔުޓީ ވަނީ 302 ލަންކާ ރުޕީސްއަށް ބޮޑުކޮށްފައި އެވެ.