ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުމުގައި ނަގާ ޑިޔުޓީ ކު ޑަކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މިވަގުތު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އީޔޫގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ފޯ ސައުތު އޭޝިއާ އެންޑް ޕެސިފިކް، ޕައޯލާ ޕަމްޕަލޯނީ އާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ ދެ ފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.
އެގޮތުން ރާއްޖޭގެ މަސްވެރިކަން ފުޅާ ކުރަން މަސް އެކްޕޯޓު ކުރުމާއި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެކުހާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމާގުޅޭ ގޮތުން ރައީސް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފައި ވެއެވެ.
އޭގެ އިތުރުން، ދަތުރުފަތުރު ކުރުމުގައި ފަސޭހަ ކޮށްދިނުމުގެ ގޮތުން ހާއްސަކޮށް ވިސާގެ ހިދުމަތް ދެވޭނެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން "ވީއެފްއެސް ގްލޯބަލް” އާ ގުޅިގެން ދިވެހިންނަށް ފަސޭހައިން ޔޫރަޕުގެ ގައުއުމުތަކަށް ދަތުރު ކުރެވޭނެ މަގުފަހިވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ އިތުރަށް ގުޅުން ބަދަހިކުރެވެންހުރި ދާއިރާތަކާ ބެހޭގޮތުންނާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން އިތުރަށް ބުންޏެވެ.
ޑިޔުޓީ ކުޑަކުރުން، ހައްލުނުވި މައްސަލައެއް
އީޔޫއަށް މަސް އެކްސްޕޯޓު ކުރުމުގައި ބޮޑު ޑިއުޓީއެއް ނަގާ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭން މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ރާއްޖެއިން އާންމުކޮށް މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕުގެ ގައުމުތަކަށެވެ. ނަމަވެސް އެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި މިހާރު 24 ޕަސަންޓް ޑިޔުޓީއެއް ދައްކަން ޖެހެ އެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އީޔޫގެ ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް (ޖީއެސްޕީ) ގެ ދަށުން ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ދައްކާކަށްނުޖެހެ އެވެ. އެ ދުވަސްވަރު ޔޫރަޕަށް އެކަނި ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން 40 ޕަސަންޓް ބޭރުކުރީ ޔޫރަޕަށެވެ. ނަމަވެސް، 2013 ވަނަ އަހަރު މެދު އާމްދަނީގެ ގައުމަކަށް ރާއްޖެ ގްރެޖުއޭޓް ވުމާއެކު އީޔޫން ދެމުންއައި ޖީއެސްޕީގެ އިނާޔަތްތައް ވަނީ ކަނޑާލައިފަ އެވެ.
އަދި 2015 ވަނަ އަހަރު ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށް އީޔޫން ތައާރަފްކުރި ޖީއެސްޕީ ޕްލަސް ގައި ވެސް އަސާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ 27 މުއާހަދާއެއްގައި ބައިވެރިނުވާތީ ރާއްޖެ އެ އިނާޔަތްތަކަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާކަމަށް ޔޫރަޕުގެ އިއްތިހާދުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ދީނީ މިނިވަންކަން ދިނުމުގެ ބައި އޮންނާތީ ޖީއެސްޕީ ޕްލަސް ހޯދުމުގައި ރާއްޖެއަށް ވަނީ ހުރަސްއެޅިފަ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު އީޔޫގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޑިޔުޓީގެ މައްސަލައަށް އަލިއަޅުވާލެއްވި އެވެ.
މޮގުރީނީ އޭރު ވިދާޅުވީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) ގެ އުސޫލުތަކާ ހިލާފަށް ވަކި ގައުމަކަށް ޑިޔުޓީ ކުޑަކުރުން ފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް، ޔޫރަޕަށް މަސް ބޭރު ކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ނާޒުކު އިގުތިސޯދާ ގުޅުން ހުރި ކަމަކަށްވާތީ އެކަމަށް ހައްލެއް ހޯދުމުގައި ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރެވުނެވެ.
އެގޮތުން، މަޝްވަރާ ކުރެވުނު އެއް ކަމަކީ ރާއްޖެއާއި އީޔޫއާދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުން ކަމުގައި އެކަމަނާ ހާމަކުރެއްވި އެވެ.
"އަޅުގަނޑު އަމިއްލަ ހައިސިއްޔަތުންވެސް ގަބޫލުކުރަނީ ދެ ފަރާތުގެ ދެމެދުގައި ސޮއި ކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން އެކަމަށް [ޑިޔުޓީ މައްސަލައަށް] ހައްލެއް ހޯދިދާނެހެން،" މޮގުރީނީ ވިދާޅުވި އެވެ.
ނަމަވެސް، އެއީ އެފަދަ ވިސްނުމެއްގެ ފެށުން ކަމުގައިވާތީ، އެފަދަ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ވަގުތު ބޭނުންވާނެކަންވެސް އެކަމަނާ އޭރު ފާހަގަކުރެއްވި އެވެ.