ހަބަރު

މަހުގެ ބާވަތްތައް ރަޝިއާއަށް އެކްސްޕޯޓް ކުރަން ލުއިތަކެއް ހޯދަން މަޝްވަރާކޮށްފި

Jun 25, 2019
2

ރާއްޖޭން ރަޝިއާއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތައް އިތުރުކުރެވޭނެ ގޮތްތަކާއި އެކަމަށް ލުއިތަކެއް ހޯދުމާގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި އެވެ.

މިވަގުތު ރަޝިއާގައި ހުންނެވި ޝާހިދު ވަނީ މިއަދު ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފަ އެވެ.

ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ރަޝިއާއަށް އެތެރެކުރާ ރާއްޖޭގެ މަހުގެ ބާވަތްތައް އިތުރުކުރުން ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން، ރާއްޖޭގެ މަހުގެ ބާވަތްތައް ރަޝިއާއަށް އެތެރެކުރުމަށް މިހާރު ދިމާވާ ތަފާތު ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ލަވްރޯވް ވިދާޅުވިކަމަށް މިނިސްޓްރީން ބުންޏެވެ.

މަހުގެ އެސްޕޯޓްގެ އިތުރުން، ޓޫރިޒަމް ފުޅާކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އޭގެ އިތުރުން، ރަޝިއާއަށްދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ވެސް ދެ ބޭފުޅުން ވަނީ ސޮއި ކުރައްވައިފަ އެވެ.

ފަހުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި، ރާއްޖޭން ވަނީ 2017 ވަނަ އަހަރު 199 މިލިއަން ޑޮލަރުގެ މަހުގެ އެކި ބާވަތްތައް އެކްސްޕޯޓްކޮށްފަ އެވެ.