ހަބަރު

ރައީސްގެ ރައްދު: ބޭރުގެ ބަޔަކު ފިޔަވަޅު އަޅަންޖެހޭ ފަދަ ގޯހެއް ނަހަދަން

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާތީ އެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އަނެއްކާވެސް ރައްދު ދެއްވައިފި އެވެ. ރައީސް ވިދާޅުވީ، ބޭރުގެ ބަޔަކު ރާއްޖެއަށް ފިޔަވަޅު އަޅަންޖެހޭ ފަދަ ގޯހެއް ހަދާފައިނުވާނެ ކަމަށެވެ.

ލ. މާމެންދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، "އަޅުގަނޑުމެން ދަންނަ ގޮތުގައި ރާއްޖޭގައި ގޯހެއް ނަހަދަން، ބޭރުގެ ބަޔަކު ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެން ޖެހޭ ވަރު ކަމެއް ނުހިނގާ،" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ތަންފީޒު ކުރަމުން ދަނީ ރާއްޖޭގެ ގާނޫނުތައް ކަމަށެވެ. މީހަކު ކުށްވެރި ވަނީ އެ މީހަކަށް ކޯޓުގައި މައުސޫމްކަން ސާބިތުނުކޮށް ދެމުވުން ކަމަށާއި އެއީ ކޯޓުތަކުގައި ހިނގާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޯޓުގައި މައުސޫމްކަން ބަޔާން ނުކޮށްދެއްވިއްޖަނަމަ އޭގަ ރައީސް ޔާމީން ކުރާނެ ކަމެއް ނެތް، ބޮޑެތި ކުށްތައް ކުރީމަ އަދަބު ލިބޭނެ، ކޯޓުގެ އަމުރުތައް ހިނގަނީ ވަކި ގޮތަކަށޭ ބުނާނެ ޖާގައެއް ނެތް، ރާއްޖޭގައި ޑިމޮކްރަސީ ނެތޭ ބުނާނެ ޖާގައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

މާމެންދޫގެ ރައްޔިތުންތަކެއް ބައިވެރިވި ބައްދަލުވުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީއެއް ނެތޭ މިނިވަން ކަމެއް ނެތޭ ބޭރުގެ ފަރާތްތަކުން ގޮވަމުން ދަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަމާއި އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ނެތީމަ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި އެކަންކަން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

"މިތާ ޑިމޮކްރަސީ ނެތީތަ؟ މިއީ ޑިމޮކްރަސީ ނެތީކީ ނޫނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގުމުގެ ހުއްދަ އާއި އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ނުދިނުމަކީ ހަމައެކަނި ރައީސް ޔާމީން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެއީ ހުރިހާ ދިވެހިން ވެސް ބޭނުންވާ ގޮތް ކަމަށެވެ. އެ ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވާ ބައެއް ސިޔާސީ ބޭފުޅުންގެ ކޮޅަށް ދިވެހިން އިހްތިރާމު ކުރި ބައެއް ބޭބޭފުޅުން ވެސް އަރާފައިވާ ކަމަށާއި އެއީ ހިތާމަހުރި ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިކުޑަ ކުޑަ ރާއްޖޭގަ ބޭނުންވާ ގޮތަށް އުޅުމުގެ ހައްގު ލިބެން އެބަ ޖެހޭއެން ނޫންތޯ، އެ ހައްގު ނުދިނުމަށް އެ ގޮވާލަނީ އަޅުގަނޑުމެންނާ ވާދަވެރި މީހުން، ކީއްވެގެންތޯ އެހެންވީމަ އެމީހުންނަށް ފުރުސަތެއް ދޭންވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެންމެ ކަމެއް ވެސް ގާނޫނާ ހިލާފަށް ކުރައްވާފައިނުވާނެ ކަމަށާއި ކޮށްފައިވާނަމަ އެކަމެއް އިދިކޮޅު ފަރާތްތަކުން ދެއްކުމަށް ގޮވާލައްވާ ކަމަށެވެ. ނަމަވެސް އެކަން އެ ބޭފުޅުންނަށް ނުކުރެއްވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.