ހަބަރު

އީޔޫގެ ނިންމުން ބަދަލުކުރަން ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރާނަން: ޝައިނީ

ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް މާދަމާއަށް އެޖެންޑާ ކޮށްފައިވާތީ އެކަން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ހާމަކުރައްވައިފި އެވެ.

އީޔޫގެ ޕޮލިސީލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލް ބައްދަލުވުމުގެ މާދަމާގެ އެޖެންޑާގައި ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މިވަގުތު ވެސް އީޔޫގެ މައި މަރުކަޒު ހުންނަ ބްރަސަލްސްގައި ހުންނެވި މިނިސްޓަރު ޝައިނީ ފޯނުން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި އީޔޫއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ޝިއާންއާއެކު އީޔޫގެ ގައުމުތަކުގެ ސަފީރުންނާއި މިނިސްޓަރުންނާ ބައްދަލު ކުރައްވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ރަނގަޅަށް އެ ބޭފުޅުންނަށް އޮޅުން ފިލުވައިދެއްވަމުންދާ ކަމަށެވެ.

ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އީޔޫއަށް ބުނެދީފައި އޮތީ ރާއްޖޭގައި މި އަހަރު އިލެކްޝަނެއް ނުބާއްވާނެކަން ކަމަށާއި އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ވަޑައިގަންނަވާނީ އިންތިހާބެއް ނެތިކަން ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ރާއްޖެ ތައްޔާރުވަމުންދާކަމީ އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"ދެން އިދިކޮޅު ފަރާތްތަކުން އީޔޫގައި ދެއްކި ވާހަކައަކީ އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކު ލާނީ ޖަލަށޭ، ނަމަވެސް އެމްޑީޕީގެ ކޮންގްރެސްއެއްގައި ރައީސް ނަޝީދަށް ކުރިމަތިނުލެއްވޭނެކަން އެ ޕާޓީން ގަބޫލުކޮށް އިބޫ ނެރުނު ހިސާބުން ކެމްޕެއިންތައް އެ ދަނީ ކުރަމުން، ރަށްރަށަށް އެ ދަނީ ދަތުރުކުރަމުން، އެއްވެސް ހުރަހެއް، ސަރުކާރުން ވެސް ވާނީ އިބޫ އަށާއި ރަނިންމޭޓް ފައިސަލް ނަސީމަށް ވެސް މަރުހަބާ ކިޔާފަ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދައްކާފައިވަނީ ގައުމަށް ބޮޑެތި ގެއްލުންތައްވާ ގޮތަށް ކަމަށާއި އެ ވާހަކަތަކަކީ ހާލަތު ބަދަލުވުމުގެ ކުރިން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އެހެންވެ މިހާރުގެ ހާލަތު އީޔޫގެ ގައުމުތަކަށް ސަރުކާރުން ސާފުކޮށްދެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް، އަޅުގަނޑުމެން ބައްދަލުކޮށް ކަންކަން އޮޅުންފިލުވައިދިނުމަށް ވާހަކަ ދެއްކުމުން އެ ބޭފުޅުން އެކަންކަން ގަބޫލު ކުރައްވާ، އުއްމީދު ކުރަނީ އޭގެ އަސަރު މާދަމާގެ އީޔޫގެ ނިންމުމެއް ކުރާނެ ކަމަށް،" ފޯނުން ދެއްވި އިންޓަވިއުގައި ޝައިނީ ވިދާޅުވި އެވެ.

އިތުރަށް ޝައިނީ ވިދާޅުވީ، އީޔޫގެ އެއްވެސް ގައުމެއްގެ އެމްބަސީއެއް ރާއްޖޭގައި ނެތްއިރު އީޔޫގެ ގިނަ ގައުމުތަކަށް އެނގެނީ ކޮލަންބޯގައި ތިބޭ އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ސަފީރުން ދައްކާ ވާހަކައެއް ކަމަށެވެ. އީޔޫގެ ގިނަ ގައުމުތަކަކީ ރާއްޖޭގެ ސިޔާސީ މައިދާން ގާތުން ބަލައި އެކަމަށް މާބޮޑު ސަމާލު ކަމެއް ދޭ ގައުމުތަކެއް ނޫން ކަމަށާއި ބައެއް ގައުމުތަކުން ފިޔަވަޅު އަޅަން ބޭނުންވާތީ އެއާއެކު ކުރިއަށް ދަނީ ކަމަށެވެ.

ފިޔަވަޅު އަޅަން ސަރުކާރުގެ ވަކިވަކި އިސް ބޭފުޅުންނާއި ވިޔަފާވެރިން ހިމަނައިގެން ލިސްޓެއް އިދިކޮޅު ފަރާތްތަކުން އީޔޫގެ ބައެއް ސަފީރުންނަށް ފޮނުވައިގެން އުޅޭ ކަމަށާއި އެކަމަކު ގަބޫލުކުރަނީ އެގޮތަށް ކަންތައްތައް ވެގެން ނުދާނެ ކަމަށް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. ރައީސް ޔާމީން އެފަދަ ކަމެއް ގައުމަށް ކުރިމަތިވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންނަށް ގެއްލުމެއް ލިބޭ ފަދަ ކަމެއްގައި ރައީސް ޔާމީންއަކީ މަޑުމަޑުން ހުންނަވާނެ ބޭފުޅެއް ނޫން، މާދަމާއާ ހަމައަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނަން، ފަހު ވަގުތާ ހަމައަށް ވެސް ރައްޔިތުންނަށް ގެއްލުމެއް ނުލިބޭތޯ މަސައްކަތް ކުރާނަން،" ޝައިނީ ވިދާޅުވި އެވެ.

ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލަށް މައްސަލަ އެޖެންޑާ ކުރީ، ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ސަރުކާރުން ތަބާނުވެ، ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި ކުރީގެ ރައީސް މައުމޫން އާއި މަޖިލީހުގެ މެންބަރުންނާއި އަދި ބައެއް ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރުމާ ވިދިގެން ރާއްޖެ އިސްލާހުގެ މަގަށް ގެންނަން ރާއްޖެއަށް ފިޔަވަޅުތައް އެޅުމަށް އީޔޫގެ ކައުންސިލަށް ހުށަޙަޅަން ފާސްކުރި ގަރާރާ ވިދިގެންނެވެ.

ރާއްޖޭގެ ހާލަތު ރަނގަޅު ނުވާނަމަ، ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އެޅުމާއެކު ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރުގެ މަތިން، ދިވެހި ސަރުކާރަށް ވަނީ ހަނދާންކޮށްދީފަ އެވެ. މި ގަރާރަކީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރުމާ ގުޅިގެން، އެ ހާލަތު އުވާލައި ސިޔާސީ ހައްޔަރީންނާއި ފަނޑިޔާރުން މިނިވަން ކުރަން ބާރު އެޅުމުގެ ގޮތުން އީޔޫ ކައުންސިލުން ފާސްކުރި ގަރާރެކެވެ.

މީގެ އިތުރުން، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ އިތުރުން، މުސްތަގުބަލުގައި އީޔޫ އާއި ރާއްޖެ އާދެމެދު އޮންނަ ގުޅުމަށް މުހިންމުކަމެއް ކަމުގައި ސަރުކާރުގެ ވަފުދެއް ދާދި ފަހުން އީޔޫ އަށް ކުރެއްވި ދަތުރުފުޅެއްގައި އީޔޫ އިން ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު ފިޔަވަޅު އެޅުމަށް އީޔޫ އިން ތައްޔާރުވެފައިވާއިރު، މި މަހުގެ ތެރޭގައި އެކަން އެގޮތަށް ކުރާނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ މިދިޔަ ހަފްތާ ތެރޭގައި ވިދާޅުވެފަ އެވެ.

"އަޅުގަނޑު އެބަ އިންތިޒާރު ކުރަން މި މަހުގެ ތެރޭގައި އެ ފިޔަވަޅުތައް އަޅާނެ ކަމަށް، އަދި އެ ވާހަކަތައް އުފަލާއެކު އެމްޑީޕީ ބޭފުޅުން އެބަ ދައްކަވާމެ، އަޅުގަނޑު މިކަން ބަލައިގަންނަނީ އުފަލާއެކުއެއް ނޫން، ކަންބޮޑުވުމާއެކު،" މ. ދިއްގަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވެ އެވެ.