ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފްދާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުމުގައި އެންމެ އިސް ކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީން އެދިވަޑައިގަތީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.
ޕީޕީއެމް އިން ބުނި ގޮތުގައި ރާއްޖޭގެ ރަށްށުގައި ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުމަށް އެހީ ހޯދުމަށާއި އަދި ތަރައްގީގެ އެކި ދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
މިސަރުކާރު ވެރިކަމަށް އައިސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އޮތްކަމާއި، މިނިވަން ޖުޑިޝަރީއެއް ނެތުމުގެ ކަންބޮޑުވުން ރައީސް ޔާމީން ފާޅުކުރެއްވި ކަމަށްވެސް ޕީޕީއެމް އިން މައުލޫމާތުދެ އެވެ.
ޕީޕީއެމް އިން ބުނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން އިދިކޮޅަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތައް ވެސް ރައީސް ޔާމީން ފާހަގަކުރެއްވި ކަމަށެވެ.
ޕީޕީއެމް އިން ބުނި ގޮތުގައި ޔޫރަޕިއަން ޔޫނިއަންގެ ވަފްދުން ވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދަރަނީގެ މައްސަލަ ހައްލުކުރައްވާނެ ގޮތެއް އޮޅުން ފިލުއްވި ކަމަށްވެސް ބުންޏެވެ.
"ރައީސް ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލައަކީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެކަމަށް ހައްލު ހޯއްދަވާނެ ކަމަށް،" ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމް އިން ބުނީ މިސަރުކާރުން ދަރަނި ނަގައިގެން ބޭނުންކުރަމުންދަނީ ކޮންސިއުމަބްލް ކަންކަމަށް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވި ކަމުގައިވެސް ބުންޏެވެ.