މި ސަރުކާރުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވެ، މިއަދު ނިމޭނެ އެވެ. ސިޔާސީ މަސްރަހު "އެފުށް މިފުށަށް" ޖަހައިލާ، ބޮޑެތި ލޮޅުންތަކެއް ގެނައި 45 ދުވަހަށް ފަހު އަނެއްކާވެސް ގައުމު ހިނގާނީ އާންމު ހާލަތެއްގަ އެވެ. ނަމަވެސް ސިޔާސީ ގިނަ ފަރާތްތަކަށް މިއީ "އަންމު ހާލަތަކަށް" ވެގެނެއް ނުދާނެ އެވެ. ސިޔާސި ހައްޔަރީން ދޫވާނެ ކަމުގެ އުންމީދުގައި ތިބި އެ ފަރާތްތައް ކޯޓުތަކާއި ދޫނިދޫ ދެމެދު ހިނގަން ޖެހޭ މިންވަރު އިތުރަށް ބޮޑުވީ އެވެ.
އިދިކޮޅު ފަރާތްތަކުގެ "ކަރުގައި ކާމިޔާބީގެ ރަހައެއް" ލައްވާލި 1 ފެބްރުއަރީގެ އަމުރު މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަ އިންސާފުވެރި ޝަރީއަތެއް އަލުން ކުރުމަށްޓަކައި އެ ފަރާތްތައް ވަގުތުން މިނިވަން ކުރުމެވެ. އެއަށް ފަހު އެ މަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ނުކުތް ނަތީޖާއިން މިއަދު ހާލަތު އެނބުރިފައި ވަަނީ އެހެން ދިމާއަކަށެވެ. އަނެއްކާވެސް ހައްޔަރީންގެ ލިސްޓަށް ވަނީ އެތައް ބަޔަކު އިތުރުވެފަ އެވެ. ބޮޑެތި ތުހުމަތުތަކާވެސް އެކުގަ އެވެ.
ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުން ދޫކޮށްލަން އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުުހުތާޒް މުހްސިނާއި މެޖިސްޓްރޭޓް އަހުމަދު ނިހާނެވެ. އޭގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ހާމިދު އިސްމާއީލެވެ.
އެއިން ނަމެއް ދުލެއް ނުވެއެވެ. ބަދަލުގައި މިއަދު ސިޔާސީ ހައްޔަރީންގެ ލިސްޓަށް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުއާ، ޖުޑިޝިއަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ސީޕީގެ މަގާމުން ވަކިކޮށްފައިވާ އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ވަނީ އިތުރުވެފަ އެވެ.
އެމްޕީންގެ ތެރެއިން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހުއާ، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވެސް އެ ލިސްޓްގަ އެވެ.
އެ ފަރާތްތަކަށް ކުރަނީ ޓެރަރިޒަމްގެ ދައުވާއެވެ. އެހެންވެ އެ ފަރާތްތައް އެ ދަނީ މަދުވެގެން 12 ނޫނީ 13 އަހަރުގެ ޖަލު ހުކުމަކާ ދިމާލަށެވެ. އެއީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތައް ބުނާ ގޮތުން ނަމަ "ބަޣާވާތުން" ސަލާމަތްވެ، ގައުމު އަމާން ބަނދަރަކަށް ގެންދިޔުމަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އިދިކޮޅުން ބުނާ ގޮތުގައި އެއީ ގާނޫން އަސާސީއާ ހިލާފަށް ބޭއިންސާފުން ރައްޔިތުންނަށް ދިން ބޮޑު އަނިޔާއެކެވެ.
ބޭއިންސާފާއި ގަދަބާރު ދެއްކި ހާލަތެއް!
ފެބްރުއަރީ 5 ގައި އެސްއޯއީ އިއުލާން ކުރުމާއި އޭގެ ފަހުން މުއްދަތު އިތުރު ކުރީ ގާނޫނާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރެ އެވެ. އެ ފަރާތްތައް ދައްކާ ސަބަބުތައް ވެސް މަދެއް ނޫނެވެ. ގާނޫނާ ހިލާފު ކަމެއްގެ މައްޗައް ކުރާ އެހެން ހުރިހާ ކަމެއް ވެސް ގާނޫނާ ހިލާފުވާނެތީ އެ ފަރާތްތަކުން އެކެއް ފެބުރުއަރީން ފެށިގެން ގޮވާލަމުން ދަނީ ފަސް ފަނޑިޔާރުން ނެރުނު 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރާށޭ އެވެ.
ކުއްލި ހާލަތު، ގާނޫނުއަސާސިއާ ހިލާފު ކަމަށް އިދިކޮޅުން ބުނާ އެއް ސަބަބަކީ އެއީ އެ އަމުރު ތަންފީޒު ކުރުން ނޫން އެހެން އޮޕްޝަނެއް ނޯންނަ ގޮތަށް ނެރުނު އަމުރަކަށްވާތީ އެވެ. އެއީ އިދިކޮޅުން ދެކޭ ގޮތެވެ. އެ މީހުން ދެކޭ އަނެއް ގޮތަކީ އަމުރަށް ނުފޫޒު ނުފޯރުވުމާއި ޖޭއެސްސީގެ ބާރުތައް ނަގައި "ޑެޑްލޮކެއް" ގޮތަށް ފަރުމާ ކޮށްފައިވާ އަމުރަކީ އެންމެ ފަހު ބަހުގެ ގޮތުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކަށްވާތީ އޭގައިވާ އެ ހުރިހާ ކަމަކާ ދެކޮޅަށް ކުރާ "ހަނގުރާމައަކަށް" ކުއްލި ހާލަތަކަށްވާތީ އެއީ ގާނޫނާ ހިލާފު ކަމަކަށް ބަލައިގެން އެގޮތަށް ގަބޫލު ކުރުމެވެ.
އަދި ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރީ "ރައްޔިތުން" އަމަލު ކުރަން ނުޖެހޭ ނަމަވެސް "ވަކި ބަޔަކު" އަމަލު ކުރަން ޖެހޭ ގޮތަށެވެ. ވަކި ބަޔަކު ދިވެހި ރައްޔިތުންނަށް ނުވާންވީ ސަބަބެއް ސާފު ނުވާ ކަމަށް އިދިކޮޅުން ބުނެ އެވެ. އެ ގޮތް އިދިކޮޅު ފަރާތްތަކުން ގަބޫލެއް ވެސް ނުކުރެ އެވެ. -- ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ ބަޔަކު ހައްޔަރުކޮށް ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.
"މިއީ އުފެދުމުގައި ވެސް ގާނޫނާ ހިލާފު ބާތިލު ހާލަތެއް، ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ގާނޫންތަކާ ހިލާފަށް ފަނޑިޔާރުންތައް ހައްޔަރުކޮށް ގައުމު ހުއްޓުވާލައިގެން އުފެއްދި ހާލަތަކީ ފަނޑިޔާރުންނަށް ބިރުވެރި މާހައުލެއް، އެއަށް ފަހު ތިން ފަނޑިޔާރަކު ލައްވާ މި ހުރިހާ ގަނޑެއް މި ގަންނަނީ، މިއީ ބޭއިންސާފުން ހިންގާ ބޮޑު އަނިޔާވެރިކަމެއް،" މަޖިލީހުގެ އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.
މިއަދި ނިމެންދާ 45 ދުވަހަކީ އެތައް ބަޔަކު ހައްޔަރުކޮށް، އެތައް ދުވަހަކަށް ބަންދުގައި ބެހެއްޓި ދުވަސްތަކެކެވެ. ސަރުކާރު ވައްޓާލުން ފަދަ ބޮޑެތި ތުހުމަތުތަކުގައި ވެސް ބަޔަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު ކަމުގައި ހުންނެވި ލެކިއުޓް ހިންގާ ކުންފުނީގެ އެއް ހިއްސާދާރު އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ވަހީދު (ވައްޑެ) އާއި ހަސަން މުހައްމަދާއި ރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބާއި މެންބަރު އީވާ އަބްދުﷲ ގެ ފިރިމީހާ އަހުމަދު ޝާހިދު (ސާބެ) އަދި އެމްޑީޕީގެ އިސް އެކްސްޓިވިސްޓެއް ކަމަށްވާ އިލްހާމް ވެސް ހައްޔަރު ހިމެނެ އެވެ.
އަމާޒަކަށް ނެރުނު ކުއްލި ހާލަތުގެ ދަށުން ބަންދު ކުރި ގިނަ މީހުންނާ ސުވާލެއް ނުކުރާ ކަމަށް ވަކީލުން ވިދާޅުވެ އެވެ. ބައެއް މީހުންނާ ކުރީ އެންމެ ސުވާލެކެވެ. ނަމަވެސް އެސްއޯއީ ނިމެން ދާތީ ބައެއް ފަރާތްތަކުގެ ބަންދު އިތުރުކޮށް ބައެއް ފަރާތްތަކަށް ވަނީ ދައުވާކޮށްފައެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑް ކޮށްފައިވަނިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީ ވެސް އަދި ގާނޫނުތައް ވެސް ހުއްދަކުރާކަމެއް ނޫން، އެހެންކަމުން މިހާރު ކުރިއަށްގެންދާ ޝަރީއަތްތަކަކީ އެއްވެސް ގޮތަކަށް ސައްހަވާނެ ޝަރީއަތްތަކެއް ނޫން، ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ ވިދާޅުވާންޖެހޭނެ،" ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވި އެވެ.
"ސަރުކާރަށް ނަސްރެއް، ދެން ވެސް ނުހުއްޓުވޭނެ"
ވޭތުވެދިޔަ ދުވަސްތައް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސިފަ ކުރަނީ މުޅިން އެހެން ގޮތަކަށެވެ. އެކެއް ފެބްރުއަރީގެ އަމުރުގެ ބަދަލުގައި އެ ފަރާތްތަކުން ކިޔަނީ ވެސް 1 ފެބްރުއަރީގެ ބަޣާވާތެވެ. އެހެންވެ ގާނޫނީ ވެރިކަން ދަމަހައްޓާ، ހިމާޔަތް ކުރަން ކޮންމެހެން ވެސް ޖެހޭތީ 45 ދުވަހުގައި ފެނިގެން ދިޔަ ހުރިހާ ކަމަކީ ގާނޫނުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެޅުއްވީ ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅުތަކެކެވެ.
ޕީޕީއެމް ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު "އަވަސް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މިދިޔަ 45 ދުވަހު ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީނަކީ ގައުމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ސަލާމަތް ކުރުމުގެ "ގަޓު ހުރި" އެކަމަށް ގާބިލު ވެރިއެއް ކަމެވެ.
ނިހާން ވިދާޅުވި ގޮތުގައި 7 ފެބްރުއަރީ 2012 ގައި ރައީސް މުހައްމަދު ނަޝީދަކީ ގާބިލު ވެރިއެއް ނަމަ ސަލާމަތީ ބާރުތައް އެމަނިކުފާނަށް ކިޔަމަންވާނެ އެވެ. އަދި އޭރު ވެރިކަން ވެއްޓިގެން ދިޔުމުން ގައުމަށް ދިމާވީ ނުރައްކާތެރިކަން އަލުން އިއާދަވެދާނެތީ ރައީސް ޔަމީން މިފަހަރު އެޅުއްވީ ހަރުދަނާ ފިޔަވަޅެކެވެ.
"އަޅުގަނޑުމެންނަށް ނަޝީދުގެ ވެރިކަމުގައި ފެނިގެން ދިޔައީ ދައުލަތުގެ އެތައް މުދަލެއްގައި ހުޅުޖަހާ އެތައް މިލިއަން ގެއްލުންދީ މުޅި ގައުމު ނުރައްކަލެއްގެ ތެރެއަށް ވައްޓާލިތަން، މިއަދު 1 ފެބްރުއަރީގައި ނެރުނު އަމުރަށް ފަހު ގައިދީންތަކެއް މަގުމައްޗައް ދޫކޮށްލައިގެން ނުކުމެދާނެ ހަމަނުޖެހުން ހިންގާ އެތަށް ރައްޔިތުންނާއި މުދަލަކަށް ގެއްލުންވި ނަމަ އެ ސުވާލު ރައީސް ޔާމީނަށް އަންނާނެ، ނަޝީދު ދިން ގެއްލުމުގެ ސަބަބުން އޭނާއަށް ސުވާލު އައި ގޮތަށް ވެރިކަން ދަމަހައްޓަން މަސައްކަތް ނުކުރީ ކީއްވެތޯ ރައީސް ޔާމީން އަރިހުގައި ވެސް ރައްޔިތުން އަހާނެ، ރައީސް އެ ވަނީ ސުވާލު އައުމުގެ ކުރިން ހަރުދަނާ ފިޔަވަޅު އަޅައި، ގައުމު އަލުން ހަމަ މަގަށް ގެނެސްފައި،" ނިހާން ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރާ ބައެއް އެހެން ބޭފުޅުން ވިދާޅުވި ގޮތުގައި ހައްގުތައް ގެއްލިގެން އުޅެނީ "ބަޣާވާތެއް" ކޮށްގެން އުޅޭ ބަޔަކަށެވެ. އަދި މިހާރު ޓެރަރިޒަމްގެ ތުހުމަތު އެ ބޭފުޅުންނަށް ކުރެވޭތީ ކަންބޮޑުވި ނަމަވެސް ދުނިޔޭގެ އެހެން ގައުުމުތަކުގައި ވެސް ބަޣާވާތް ކުރާ ފަރާތްތަކަށް އަންނާނީ އެންމެ ބޮޑެތި ތުހުމަތުތަކެވެ.
މިސާލެއްގެ ގޮތުން ތުރުކީގައި 2016 ވަނަ އަހަރު އެ ގައުމުގެ ސިފައިންގެ ބަޔަކު ކުރި ގެނައި ބަޣާވާތް ޕީޕީއެމުން ނަގައެވެ. އެގޮތުން ޖުމުލަ ޖުމްލަ 160000 މީހުން ހައްޔަރު ކުރުމަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް އެ ފަރާތްތަކަށް އެޅި އެވެ.
ނިހާން ވިދާޅުވި ގޮތުގައި "ބަޣާވާތް" ގެންނަން އުޅުން ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފަހު ގައުމު ދެން ދާނީ ކުރިޔަށެވެ. އަދި އެއީީ ރައީސް ޔާމީނާއި ސަރުކާރަށް ލިބުނު ނަސްރެކެވެ. ސަރުކާރު ދެން ނުވެސް ނުހުއްޓުވޭނެ އެވެ.
"ގައުމު މިދަނީ ކުރިޔަށް، ފަތުރުވެރިކަމަށް 19 ޕަސަންޓު ކުރިއެރުމެއް އައި، ޒުންބާ ކްލާސް ހަދާ މީހުންނާއި އަމިއްލަ ގަޔަށް ޕެޕާސްޕްރޭ ޖަހަން އުޅުން މީހުންނަށް ލިބުނު ގެއްލުން ނޫން އެހެން ކަމެއް ނުވޭ، އާންމު ދިރިއުޅުން ހިނގާ، މާލޭގައި ތަރައްގެ މަޝްރޫއުތައް މިދަނީ ފަތުއަޑު ކިޔާފައި ކުރިޔަށް... ސަރުކާރުގެ އެއްވެސް އޮފީހެއް ބަންދެއް ނުކުރޭ، މުސާރަ ވެސް އިތުރުވެއްޖެ، މަޖިލީސް އަލަށް ހުޅުވިއްޖެ، އެސްއޯއީ އޮވެގެން ވީ ކަމެއް ނޭނގެ،" ނިހާން ވިދާޅުވި އެވެ.
ކުއްލި ހާލަތުން އެއްބަޔަކަށް ނަސްރަކަށްވެ އަނެއް ބަޔަކަށް އެއީ ބޭއިންސާފެއް ނަމަވެސް، އެ ހުރިހާ ކަމެއްގެ ތެރޭގައި "ތާށިވީ" ރާއްޖޭގެ ނަމެވެ. ބޭރު ދުނިޔެ ކުރިމަތީ "ޕެރެޑައިޒް" އެއް ގޮތަށް ސިފަ ކުރާ ރާއްޖެއަކީ ހައްގުތައް ހިފަހައްޓާ، ނުރައްކާތެރި ތަނަކަށްވެ، ފަލީހަތްވި އެވެ. މި ހަގީގަތް ދެކޮޅުން ވެސް ގަބޫލު ކުރަން ޖެހޭނެ އެވެ. ރާއްޖެއާ މެދު މީހުން ދެކޭ ގޮތް ބަދަލުވެ، މަންޒަރު ވަރަށް ބޮޑަށް ކިލަނބުވެފައިވާ ކަން ބޭރުގެ ނުސްތަކުގައި ރާއްޖެ ސިފަ ކުރާ ގޮތުން އެނގެ އެވެ.