ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ހާލަތު ނިމޭތީ އުފެއްދިި "ގާނޫނީ މަކަރު"!؟

ގާނޫނު އަސާސީގެ 259 ވަނަ މާއްދާގައިވާ ގޮތުންނަމަ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުން އެ ހާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް އުވިގެންދާނެއެވެ. އަމުރުތައް ބާތިލު ވެގެން ދާނެއެވެ. އެ މާއްދާ އެހެން އޮތުމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މީހުން އެ ހާލަތުގެ މުއްދަތު ހަމަވުމުން ދޫކޮށްލާނެ ކަމަށް ބެލެވުނެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަސް އަންނަންވާއިރަށް ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ވަރަށް "ބިޒީ"ވިއެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ސިޔާސީ ބޭފުޅުން ފުލުފުލުގައި ބަންދުގެ މަޖިލީހަށް ބުދަ ދުވަހު ގެންދިޔައެވެ. އޭރު އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނުނިމެއެވެ. އެ ހާލަތުގެ ގަރާރަކީ ވަކި ބަޔަކަށް އަމާޒުކޮށް ނެރުނު ގަރާރެކެވެ. ހުރިހާ ރައްޔިތުންނަށް އެއެއް ނުހިނގައެވެ. އެ ދުވަހު ކޯޓަށް ގެންދިޔަ ބޭފުޅުންނަކީ އެ ގަރާރުގެ ދަށަށް ވަންނަ ބޭފުޅުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ގަރާރަކުން އެ ބޭފުޅުންގެ ހައްގުތައް އޮތީ ހިފަހައްޓާފައެވެ. އެންމެ ގިނަ ހައްގުތަކެއް ބަޔާން ކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް އެ ބޭފުޅުންނަށް އޮތީ ސަސްޕެންޑްކޮށްފައެވެ.

ސުވާލު އުފެދިގެން އަންނަނީ މިހާ ހިސާބުންނެވެ. އެ ދުވަހު އެ ބޭފުޅުން ކުރިމިނަލް ކޯޓަށް ގެންދިޔައީ ކޮން ގާނޫނަކުން ބާރު ލިބިގެން ހެއްޔެވެ؟

"ފުލުހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޯޓަށް ގެންދިޔަ މީހުން، ކޯޓަށް ގެންދިޔަ ގެންދިއުމަކީ ގާނޫނަކުން ބާރު ލިބިގެން ގެންދިޔަ ގެންދިއުމެއް ނޫން، ގާނޫނަކުން ބާރު ނުލިބި، ކުރާ އެއްވެސް ކަމެއް ގާނޫނީ ގޮތުން ސައްހަ ކަމަކަށް ނުވާނެ، އެއީ އާންމުކޮށް ދުނިޔޭގައި ކަންކަން ހިނގާ ގޮތަކީ،" ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވިއެވެ.

މިހާރު "އެސްއޯއީ ހައްޔަރީން" ގެ ގޮތުގައި ސިފަ ކުރާ ބޭފުޅުންގެ ވަކީލުން ވަނީ ކުރިމިނަލް ކޯޓުގައި މިކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވާފައެވެ. އެ ބޭފުޅުންގެ ބަންދު އިތުރު ކުރުމަށް ގެންދިޔައީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދާފައެވެ.

އެއަށް ފުލުހުން ދިން ޖަވާބަކީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާއެވެ. އެ މާއްދާއަކީ ހައްޔަރު ކުރާތާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުން ބަޔާންކުރާ މާއްދާއެވެ. އެ މާއްދާ ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޮތީ ހިފަހައްޓާފައެވެ. ވަކީލުން މިފަދަ ޝަކުވާތަކާއެކު ކުރިމިނަލް ކޯޓުގެ ގާޒީ ވަނީ ނިންމުމެއް ނިންމަވާފައެވެ.

އެއީ އެ ބަންދު މަޖިލިސްތައް ކުރިއަށް ގެންދެވޭނެ ކަމާއި ފުލުހުން ބޭނުންވުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނު އެ ބޭފުޅުންގެ މައްޗަށް ހިންގިދާނެ ކަމަށް ގަބޫލު ކުރުމެވެ. އެހަމައިގެ މަތިން އެ ބޭފުޅުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. މިކަމުގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް އެބަހުރިކަން ވަކީލުން ފާހަގަ ކުރައްވައެވެ. އެހެެންވެ އެ މައްސަލަތައް ހައިކޯޓުން އިސްތިއުނާފު ކުރަން ވެސް ވަނީ ނިންމާފައެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ރައީސްގެ ގަރާރަކުން ވަކި ބަޔަކަށް ހިފަހައްޓާފައިވާ ހައްގުތަކެއް ފުލުހުން ބޭނުންވުމުން އެ ބަޔަކަށް ދޭން ނިންމޭނަމަ ރައީސަށްވުރެ ފުލުހުން ބާރުގަދަވީއެވެ. ރައީސްގެ ގަރާރުގެ އެއްވެސް މާނައެއް ނެތީއެވެ.

ރައީސް ޔާމީން އެ ބޭފުޅުންގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ނުހިނގާނެ ކަމަށް އެމަނިކުފާނުގެ ގަރާރަކުން ކަނޑައަޅުއްވާފައިވާއިރު އެ ބޭފުޅުންގެ މައްޗަށް ފުލުހުންނަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ބޭނުންވުމުން ނުހިންގޭނެ ކަމަށް ޝަމީމް ވިދާޅުވެއެވެ. އަދި އެއީ ރައީސްގެ އޯޑަރަކާ ފުލުހުން ހިލާވީ ކަމަށް ބެލިދާނެއެވެ. ނޫނީ ރައީސްގެ ނިންމެވުމަށް ފުލުހުން ބޭނުން ގޮތަކަށް ބަލަދު ކުރަނީ ކަމުގައި ވެސް ބެލެވިދާނެއެވެ.

އޭގެ ގިނަ ބޭފުޅުންގެ ވަކީލުކަން ކުރައްވާ މަހްފޫޒް ސައީދު ފާހަގަ ކުރެއްވި ގޮތުގައި މިއީ ގާނޫނީ އެހެން "ކުލައެއް" ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކެއްގައި ޖެއްސުމެވެ. އެއީ ގާނޫނު އަސާސީގެ 259 އާ ތައާރަޒްވާ ކަމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެއީ ގާނޫނަށް ހެދި މަކަރެކެވެ.

މަހުފޫޒް ވިދާޅުވި ގޮތުން ގާނޫނަށް އެ "މަކަރު" ނަހަދާ ވެސް އަމަލު ކުރެވެން އޮތެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޅި ފިޔަވަޅުތައް އޭގެ މުއްދަތު ހަމަވެ ބާތިލުވުމުން ދެން ވެސް އެ ބޭފުޅުން ހައްޔަރުކޮށްފައި ބަހައްޓަން ބޭނުންވާ ނަމަ އެކަން އާންމު އިޖުރާއަތުގެ ދަށުން ކުރުމެވެ.

މިސާލަކަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެ ހާލަތު ނިމުމުން ދޫކޮށްލައި އަނެއްކާވެސް ހައްޔަރު ކުރާނަމަ އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރަން ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނާ އިޖުރާއަތަށް އަމަލު ކުރުމެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ބަޔަކު އެ ހާލަތުގެ ދަށުން އަމަލުކުރުން ހުއްޓުވާފައިވާ ގާނޫނުގެ މާއްދާއަކަށް ބަލައިގެން ކޯޓަށް ހާޒިރުކޮށް އަދި އެ ގާނޫނުގެ ދަށުން ބަންދުގެ މަޖިލިސް ކުރިއަށް ގެންދިޔުމަކީ ހަމައެއް ނެތް ކަމުގެ މިސާލެއް ކަމަށް ވެސް ވަކީލުން ވިދާޅުވެއެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހަކަށްވުރެ ގިނަ ދުވަހު ހައްޔަރުކޮށްފައި ބަހައްޓާ އެތައް ހައްގުތަކަކުން މަހްރޫމްކޮށް އެ ހާލަތު ނިމެން ދެ ދުވަހަށްވުމުން ގަރާރަށް އެއްވެސް ބަދަލެއް ނުގެނެސް ބަންދު އިތުކުރަންވުމުން ހިފަހައްޓާފައިވާ ގާނޫނުގައިވާ ހައްގުތައް ދިނުމަކީ ގާނޫނީ އެއްވެސް ހުއްޖަތެއް ދެއްކެން އޮތް ކަމަކަށް ނުވާތީއެވެ.

ބައެއް ވަކީލުން ކަންބޮޑުވި އެހެން ކަމެއް ވެސް އެބަ އޮތެވެ. މީހެއްގެ މައްޗަށް ޝަރީއަތް ނުފެށެނީސް ވެސް ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތެއްވާނަމަ ގާޒީއަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރެކެވެ. އެއީ އެ ގާނޫނުގެ ދަށުންނެވެ.

ނަމަވެސް ޝަރީއަތް ނިމެންދެން ފުލުފުލުގައި އަމުރުތައް ނެރުނު އެ ބައެއްގެ މައްޗަށް ނެރުނު އެންމެންނަކީ ވެސް އެ ގާނޫނުން މަހްރޫމްކޮށްފައިވާ ބަޔަކަށްވާއިރު އެ ގާނޫނުގެ ދަށުން ގާޒީއަށް ލިބިދޭ ބާރެއް އެ ގާނޫނު ނުހިނގާ ބައެއްގެ މައްޗަށް ބޭނުން ކުރުމުން ވެސް ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައެވެ.

އޭގެ މިސާލެއް ވެސް ވަކީލުން ދައްކަވަ އެވެ؛ މީހަކަށް ވައްކަމުގެ ކުށެއް ސާބިތުވުމުން އެމީހަކަށް ގާޒީ އިއްވަން ޖެހޭނީ ގާނޫނުން އެ ކުށަށް ދޭން އޮންނަ އަދަބެވެ. އެ ކުށަށް މަރުގެ އަދަބު އިއްވުމަކީ ގާޒީއަށް އޮންނަ ހައްގެއް ނޫނެވެ. ހަމައެހެން ޖިނާއީ އިޖުރާއަތުގެ ގާނޫނު ނުހިނގާ ބައެއްގެ މައްޗަށް އެ ގާނޫނު ހިންގައި އެ ގާނޫނުގެ ދަށުން ފިޔަވަޅުތައް އެޅޭނެ ގޮތެއް ވެސް ނޯންނާނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމޭތީ އޭގެ ދަށުން ހައްޔަރުކުރި ފަރާތްތައް ދޫކޮށްލަން ސަރުކާރުން ބޭނުން ނުވާތީ ކުރިމިނަލް ކޯޓަށް ގެންގޮސް އެހެދީ "ގާނޫނީ މަކަރެއް" ކަމަށް ބައެއް ވަކީލުން ވިދާޅުވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޅި ފިޔަވަޅުތަކުގައި ކުރިމިނަލް ކޯޓު ތެރެއިން ޖެއްސި ގާނޫނީ އާ ކުލައާއެކު އުފެދުނު ގާނޫނީ ސުވާލުތަކަށް ޖަވާބު ލިބިގެން ދާނީ ހައިކޯޓުގައި މައްސަލަތަކުގައި ކުރިއަށްދާ ބަހުސުންނެވެ. މައްސަލަތަކުގެ އިސްތިއުނާފު އަޑުއެހުންތަކުގައި މިކަންކަމާ ގުޅޭ ގާނޫނީ ހައްލުތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.