ރައްޔިތުންގެ މަޖިލިސް

ފްލޯ ބުރަވަނީ ކޮން ފަޅިއަކަށް؟ ދެންވާނީ ކިހިނެއް؟

Feb 11, 2018
10

އެކެއް ފެބްރުއަރީގެ އަމުރުގެ ކުރިން ރައްޔިތުންގެ މަޖިލީސް އޮތީ މުޅީން "ޕެރެލައިޒްވެފަ" އެވެ. އެހެން ނަމަވެސް ގާނޫނީ އިދާރީ ދާއިރާއަކުން ރައްޔިތުން ތަމްސީލް ކުރަމުން ދަނިކޮށް "ވަކި ކުރި 12 ދާއިރާއެއްގެ މެންބަރުންގެ ގޮނޑިއެއް ނުގެއްލެ"އޭ އެ އަމުރުން ބުނެދި އެވެ. އެކަން ސާފުވީ އެކަމާ ގުޅިގެން އޭގެ ކުރިން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ އެއްޗެއް މެންބަރުންނަށް ވެސް ގާނޫނީ ބޭފުޅުންނަށް ވެސް އާންމުންނަށް ވެސް ސާފު ނުވެފައި ތިއްބަ އެބެ. އަދި ގެއްލުން ލިބުނު މެންބަރުން އެ ކަން ސާފުވޭތޯ ކޯޓްތަކަށް ދުވަނިކޮށެވެ.

އެކެއް ފެބްރުއަރީގެ މަޝްހުނި އަމުރުން ސާފުކޮށް ދީފައިވާ އެތައް ކަމެއްގެ ތެރެއަށް "ފްލޯ ކްރޮސިން" ވެސް ކޮއްޕާލާފައިވާ އޮތް އިރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަން އެއިން އެނގުނެވެ.

ސުޕްރީމްކޯޓުގެ އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި މަޖިލީހުގެ އޭރުގެ އަމީން އާންމު، ކުރިން ފަނޑިޔާރުކަން ކުރެއްވެވި އަހުމަދު މުހައްމަދު އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގަތުމުގެ ކުރިން 12 މެންބަރުން ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށް އިއުލާން ކުރެއްވި އެވެ. އޭގެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތުގައި ބާރުތައް ނެގުމަށްފަހު އަލުން ސުޕްރީމް ކޯޓަށް ދިން ބާރުތަކާއެކު އައި އަމުރުގައި ވެސް ފްލޯ ކްރޮސިންގެ އެބައި އުނިކޮށްފައެއް ނުވެއެވެ. މާނައަކީ އެކެއް ފެބްރުއަރީގެ އަމުރު "މޮޑިފައިކޮށް" ފެބްރުއަރީ ހައެއް ގައި ނެރުނު އަމުރުގައި ވެސް އެ 12 މެންބަރުންގެ ގޮނޑީގެ މައްސަލައަށް ބަދަލެއް ގެނެސްދީފައެއް ނެތެވެ.

ހިނގައިދިޔަ، އަދި މިހާރު "އާފްޓާ ޝޮކް" ގައި އޮތް މައްސަލައިގެ ތެރެއިން ސަރުކާރަށް މިހާރު އެކި ދިމަ ދިމާއިން އަންނަ ޕްރެޝަރުތަކާ ވެސް އެކު އެކަމަށް ދެން އިތުރު ބަދަލުތަކެއް އަތުވެދާނެ ކަމަކަށް ނުބެލެވެ އެވެ. އަދި މަންޒަރު ކުރެހެމުން ދަނީ ވެސް އެގޮތަކަށް ކަމަކަށް ނުބެލެވެ އެވެ.

އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާންމުން މިހާރު އުފައްދަމުން އަންނަ ސުވާލަކީ މަޖިލީހުގައި ސަރުކާރަށް ގެއްލުނު މެޖޯރިޓީ އިދިކޮޅަށް ދޫކޮށްލައި ބާރެއް ނެތް ގޮތަށް ތިބޭނެ ހެއްޔެވެ؟ އަދި މިހާރު މިވަގުތަށް އެކި މެންބަރުން ތިބި ހިސާބުން މަޖިލިސް ފްލޯ އެތުރިފައި އޮތް ގޮތުން މަޖިލީސް ބުރަވަނީ ކޮން ފަޅިއަކަށް ހެއްޔެވެ؟

މިސުވާލުތަކަށް ޖަވާބު ހޯދަން ސުވާލެއް ބޭނުމެއް ނުވެއެވެ. ކުރަން ޖެހޭ ކަމަކީ ހިސާބެއް ޖެހުމެވެ. މިއީ އެ ސުވާލު އުފެދޭ ކޮންމެ މީހަކަށް ވެސް ކޮށްލެވިދާނެ ކަމެކެވެ.

މަޖިލީސް މިހާރު އެތުރިފައި އޮތް ގޮތަށް ބަލާއިރު 85 މެންބަރުންގެ ތެރެއިން އިދިކޮޅުގައި ތިބީ އެމްޑީޕީގެ 21 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރުންނާއި އަދާލަތު ޕާޓީގެ މެންބަރަކާއި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ދަފްތަރުގައި އަދިވެސް ހިމަނާފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ. ޖުމްލަ 32 މެންބަރުންނެވެ. އޭގެ އިތުރުން ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި 12 މެންބަރުން ހިމަނައިގެން މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް 44 މެންބަރުން ހަމަވެ އެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ލިބި ވަޑައިގަންނަވާ ބާރުގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެއާ ވިދިގެން އައި މައްސަލަތަކުގައި އިދިކޮޅަށް ނިސްބަތްވާ އިތުރު ދެ މެންބަރަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ފާރިސް މައުމޫނެވެ.

އިތުރަށް އިދިކޮޅު މެންބަރުންގެ ތެރޭ ހިމެނި ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދިވެސް ހުންނެވީ ޖަރުމަނު ވިލާތުގައި "ތާށިވެފަ" އެވެ. ނުވަތަ އަމިއްލަފުޅަށް އަރުވާލެއްވިގެނެވެ.

ދެން ހުންނެވީ މިވަގުތަށް "ވީނުވީއެއް ނޭނގިފައިވާ" ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އޭނާ ހޯދަން އިއުލާން ކޮށްފައިވީ ނަމަވެސް މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި އޭނާ ވީ ތަނެއް އެނގޭ މީހަކު ވެސް ހުރި ކަމަކަށް ނުވެއެވެ.

މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް މިވަގުތު އޭނާ ހުރި ސްޓޭންޑެއް ކަށަވަރެއް ނުވާ ކަމަށް ބަލަމާ ހެއްޔެވެ؟ އިލްހާމާމެދު އެހެން ގޮތަކަށް ނުނިމޭ ކަމަށް ވާނަމަ މިހާރު އަތުޖެހެން ހުރި މައުލޫމާތުތަކަށް ބަލާއިރު އިދިކޮޅުގެ 44 މެންބަރުންގެ އަދަދު 41 އަކަށް ވެއްޓޭނެ އެވެ.

އެއް ގޮތަކީ ފުލުހުން ތަހުގީގެއް ކުރާ މައްސަލާގައި އިލްހާމް ހައްޔަރުވުމެވެ. އަނެއް ގޮތަކަށް އޭނާގެ ސްޓޭންޑް ބަދަލު ކުރުމެވެ. ނޫނީ ދެންވާނެ ގޮތަކީ ވޭތުވެތިޔަ ހައެއްކަ މަސް ދުވަހު އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވި ގޮތަށް މިހާރުވެސް ހުންނެވި ތަނެއްގައިި އެހުންނެވި ގޮތަކަށް ހުންނެވުމެވެ.

ފްލޯގެ އަނެއް ފަރާތަށް ދަމާ ހިނގާށެވެ. ޕީޕީއެމްގެ 36 މެންބަރުންނާއި އެމްޑީއޭގެ ފަސް މެންބަރުންނެވެ. އެ ކޯލިޝަން އެއްކޮށްލައިގެން ސަރުކާރަށް ހަމަވަނީ 41 މެންބަރުންނެވެ. ނަމަވެސް އެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރިޔާސަތަށް އަބްދުﷲ މަސީހު މުހައްމަދު ނުވަތަ ރީކޯ މޫސާ މަނިކު ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އޭރުން ޕީޕީއެމްގެ ޖުމުލަ އަދަދު 40 އަށް މަދު ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާބެހޭ ގޮތުން އެންމެ ގިނައިން ވާހަކަފުޅު ދައްކަވަނީ "ސިޔާސީ އަނގަ" ގަދަ ބޭފުޅެއްގެ ގޮތުގައި ފެންނަ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. އޭނާ ވިދާޅުވާ ގޮތުގައި މެޖޯރިޓީ އޮތް ފަޅި އެނގޭނީ މަޖިލީހުގެ ޖަލްސާތައް ފެށީމަ އެވެ. "މެޖޯރިޓީ ނެތަސް މަޖިލީހުގައި މަސައްކަތް ކުރަން އެނގޭ" ކަމަށް ވިދާޅުވެ އޭނާ ޗެލެންޖް ކުރައްވަ އެވެ.

"އަޅުގަނޑުމެންނަކީ ހަމައެކަނި މެޖޯރިޓީގައި މަސައްކަތް ކުރަން ދަންނަ ބައެއް ނޫން، އަޅުގަނޑުމެންނަށް އެނގޭނެ މައިނޯރިޓީގައި ވެސް މަސައްކަތް ކުރަން. އެމްޑީޕީގެ ވެރިކަން މި ރާއްޖޭގައި އޮތް އިރު އަޅުގަނޑުމެން މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަމުން އައީ ސާފު އަގުލަބިއްޔަތެއް އޮވެގެނެއް ނޫން، އެހެން ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ހުރިހަ މަސައްކަތެއްކޮށް ކާމިޔާބު ހޯދިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި މިވަގުތަށް މެޖޯރިޓީ ލީޑަރުތޯ މައިނޯރިޓީ ލީޑަރުތޯ ކަނޑައަޅަން އުނދަަގުލެއްވެފައިވާ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި ގޮތުގައި މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަަމަށް ނިންމި ނިންމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ދިރާސާ ކުރައްވާ ސުޕްރީމް ކޯޓަށް އަލުން ހުށަހަޅާނެ ކަމަށް އޭނާއަށް ބެލެވެ އެވެ. ގޮނޑީގެ މައްސަލާގައި އިތުރަށް ގޮތްތަކެއް ނިންމަވަފާނެ ކަމަށް ވެސް އޭނާ ގަބޫލުފުޅު ކުރައްވަ އެވެ.

"މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން [ފަހުގެ އަމުރުގައި އިތުރު ގޮތެއް] ނުނިންމާ އެ އޮތީ، ގޮނޑީގެ މައްސަލާގައި ރައުޔެއް ކަނޑައަޅުއްވައި އަދި ގޮއްތަކެއް ނިންމެވުމަކީ އެކަށީގެންވާ ކަމެއް، އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ދަންނަވާކަށް ނޭނގެ،" ނިހާން ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީގެ މައްސަލާގައި އިދިކޮޅު ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ޖަލްސާތައް އަލުން ފެށުމުގެ ކުރިން ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.

ސީދާ ކޯޓުން އެކަަން ނުނިންމި ނަމަވެސް އިދިކޮޅު މެންބަރުންގެ މައްޗައް މިހާރު އުފުލާފައިވާ ދައުވާތަކުގެ މައްސަލަ އަލުން ފަށައި މެންބަރުން ހައްޔަރުކޮށްފާނެ އެވެ. އެކަން ކުރާނީ ސަރުކާރަށް މެޖޯރިޓީ ހަމަވަންދެން އިދިކޮޅު މެންބަރުން ޖަލަށްލައިގެނެވެ.

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި މެންބަރު ސިނާނާއި އިލްހާމް ފަދަ މެންބަރުން ހައްޔަރު ކުރަން ސަރުކާރުން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ފިޔާތޮއްޓާއި އޮރެންޖް ފަޅީގައި ހިފަހައްޓާފައި ބާއްވާށެވެ.

އޭނާ ވިދާޅުވާ ގޮތުގައި "ތަހުގީގު ކުރުމުގެ ބޭނުމުގައި މީހުން ޖަލަށްލައި ބަންދު ކުރުމަކީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާތު މިހާރު ދަންނަ ކަމެއް ނޫނެ" ވެ. -- އެއީ ގާނޫނީ ވާހަކައެއް ނޫނެވެ. އެއީ ރިޔާޒް ދެކެ ވަޑައިގަންނަވާ ގޮތެކެވެ.

މަޖިލީހުގައި އިދިކޮޅުގެ މެޖޯރިޓީ އޮތް ނަމަ އެންމެ ފުރަތަމަ އަމާޒު ހިފާނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއަށް އަލުން ވަނުމަށް ކަން މުޅީން ކަށަވަަރެވެ. ނަމަވެސް މިހާރު ތިއްބެވި މެންބަރުންގެ އަދަދަށް ބަލާއިރު އެއީ ފަސޭހައިން ނުވަތަ އެއް ގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

މަޖިލީހުގެ ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ ވެސް 43 މެންބަރުންގެ ސޮއި ހޯދައިގެނެވެ. ގާސިމާއި ސިނާން ފާރިސް އަދި އިލްހާމް އުނި ކުރުމުން، އިދިކޮޅަށް އެވަރު އަލުން ހަމައެއް ނުވެ އެވެ. ދެން އޮންނާނީ ކުރީގެ ގަރާރަށް ވަކާލާތު ކުރުމެވެ. އެއީ ކާމިޔާބު ވެދާނެ ކަމެއް ކަމަކަށް އަދިއެއް ނުބެލެވެ އެވެ.

ދެން އޮތީ މިނިސްޓަރުންނާއި އެހެނިހެން ބޭފުޅުންގެ އިތުބާރު ނެތް މައްސަލަތަކެވެ. ސަރުކާރާއި އިދިކޮޅުގައި މެންބަރުން ތިބި އަދަދު ގާތްގަނޑަކަށް އެއްވަރުވެފައިވާ އިރު މިނިސްޓަރެއް ނުވަތަ އެހެން މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްލުން އިދިކޮޅަށް މާ އުނދަގޫ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް މީގެ ކުރިން ސަރުކާރުން ވައްދާފައިވާ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައާ ގުޅިގެން އިތުބާރު ނެތް މައްސަލަތަކުގައި އެންމެ ފަހު ގޮތް ނިންމަނީ ސުޕްރީމް ކޯޓުންނެވެ. އަދި މިހާރު ސުޕްރީމް ކޯޓްގައި އޮތް ބެންޗުން އިދިކޮޅަށް މާ ބޮޑު ކާމިޔާބެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އެކެއް ފެބުރުއަރީގެ އަމުރުގައި ވެސް އެކަމަށް އާ ފަރުވާ އެއް ހޯދައިދީފައެއް ނުވެއެވެ.

މިދިޔަ ދައުރާ ހިލާފަށް މި ފަށާ މަޖިލީހުގެ ޖަލްސާތައް އިދިކޮޅުން މިފަހަރު ބޮއިކޮޓްކޮށްފާނެ ހެނެއް ހިޔެއް ނުވެ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ނިމެން އަދި 11 ދުވަސް އޮތް އިރު އޮއިވަރު އަދިވެސް ގޮތްތަކަކަށް ބަދަލުވުން އެކަށީގެންވެ އެވެ.

ޕީޕީއެމް އިން މިހާރު ވެސް ގޮވާލަމުން އަންނަ ގޮތަށް އިދިކޮޅު ގިނަ މެންބަރުން ހައްޔަރު ވެސް ކޮށްފާނެ އެވެ. ނޫނީ ރައްޔިތުންގެ މަޖިލީސް މިހާރު އޮތް ގޮތަށް ބާއްވާ، ސަރުކާރުން މަޖިލީހުގެ ބާރު ދުކޮށްލައި، މުޅި ފޯކަސް އިންތިހާބަށް ހުސްކޮށް ވެސް ލާފާނެ އެވެ. އެކަމަކު މަންޒަރު މި ފެންނަނީ ވެސް ކުރެހެމުން ދަނީ ވެސް ވަރަށް ތަފާތު ގޮތަކަށެވެ.