ރިޕޯޓް

އީޔޫގެ އިންޒާރުން ވީކަމެއް ނެތް، ދެކޮޅުން ވެސް ބަހަނާ!

ނުރައްކަލެއް އޮވެގެން ވިޔަސް ނުވަތަ އެހެން ބޭނުމެއްގައި ވިޔަސް، މިހާރު އިއުލާންކޮށްގެން އުޅޭ ކުއްލި ހާލަތަކީ ގައުމުގެ އިގްތިސާދު ބޮޑު "ނުރައްކަލަކާއި" ދިމާލަށް އަނބުރާލާފައި އޮތް ހާލަތެއް ކަން ކަށަވަރެވެ. މި ހާލަތު ސަރުކާރަށް ގޯސްވަނީ އަނެއްކާ ވެސް ވެރިކަން ވެއްޓި، ގާނޫން އަސާސީގެ ބާރު ކެނޑި، ދުސްތޫރީ ނިޒާމް ފުނޑުފުނޑު ވެގެން ހިނގައިދާނެތީ އެވެ. ކުއްލި ހާލަތު އިދިކޮޅު ފަރާތްތަކަށް ނުރައްކާ ވަނީ ސީދާ ވަކި އަމުރަކަށް ތަބާ ނުވުމަށް އިއުލާން ކުރުމަށް ފަހު، ގިނަ އަސާސީ ހައްގުތަކެއް ހިފަހައްޓައި "ތަނެއް ދޮރެއް" ނުބަލާ މީހުން ހައްޔަރުކޮށް މައްސަލަތައް ބަލަމުންދަތީ ކަން ޕާޓީތަކުން ބުނެ އެވެ.

ކޮންމެއަކަސް މި ހާލަތުން އަރައި ނުގަނެ، މި އޮތް ގޮތަށް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔުމަކީ އެއްވެސް ބަޔަކު ބޭނުންވާ ގޮތެއް ނޫނެވެ. ހުރިހާ ގޮތަކުން ވެސް ގައުމަށާއި ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެކެވެ. އެހެންވެ ބޮޑެތި ގައުމުތަކާއި އީޔޫ ފަދަ ޖަމިއްޔާތަކުގެ ރާއްޖެއަށް ގޮވާލަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ގައުމު ހަމަޔަކަށް އެޅުމަށެވެ. ނަމަވެސް ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން ގައުމު ވެއްޓިފައި މި އޮތް ހާލަތުން ތެދުވެވޭނެ ހަމައެކަނި ގޮތަކީ ގައުމީ މަސްލަހަތު އިސްކޮށް، އެ ފަރާތްތަކުގެ މެދުގައި މަޝްވަރާތައްކޮށްގެން ކަން ބޭރުގެ ފަރާތްތަކުން ގަބޫލު ކުރެ އެވެ. މަސްރަހު ފިނިވެ، ނިމުނެއް ނެތް ސިޔާސީ ކޯޅުންތައް ކޮޅުންލާނެ ހަމައެކަނި ގޮތަކީ ވެސް އެއީ އެވެ.

ނަމަވެސް އިހްލާސްތެރި ނިޔަތެއްގައި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް މަސައްކަތް ކުރެވޭ ހެއްޔެވެ؟ ނޫނީ މަޝްވަރާއަށް ދިއްކުރާ އަތުގައި ހިފައި، އެންމެ ކުޑަ މިނުން މަޝްވަރާގެ މޭޒު ދޮށާ ހަމަޔަށް ވެސް ގޮސްލުމުގެ ހިޔާލެއް ގެންގުޅޭތަން އެބަ ފެނޭ ހެއްޔެވެ؟

އިންޒާރުން ސަރުކާރަށް ފަހުމުވީ އެންމެ ކަމެއް!

ފެބްރުއަރީ 1 ގައި ނެރުނު އަމުރާއި އެއަށް ފަހު ހާލަތު ފުރޮޅިގެން ދިޔަ ގޮތުން މުޅި ދުނިޔޭގެ "ކަޅި" އޮތީ ރާއްޖެއަށް ހުއްޓުނެވެ. އަދި މިއަދު ކަން ހިނގައި ގޮތުން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕްރެޝަރުކޮށް އެކި ދިމަދިމާލުން ފިއްތުންތައް ކުރިމަތި ކުރުވި އެވެ. ހާލަތު ދިރާސާކޮށް އީޔޫގެ ގައުމުތަކުގެ އިސް މަންދޫބުން ވެސް ވަނީ ގޮތްތަކެއް ނިންމާ، އެއަށް އަމަލު ނުކޮށްފި ނަމަ ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއް ދީފަ އެވެ. މިއީ ކިތަންމެ ކުޑަ ކަމަކަށް ހަދަން އުޅުނަސް، ގައުމަށް ކުރިމަތި ވެދާނެ އިތުރު ދަތިކަމެވެ.

އީޔޫގެ 28 ގައުމެއް ހިމެނޭ ކައުންސިލްގެ ނިންމުމަކަށްވީ، ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ގާނޫން އަސާސީން ކަށަވަރު ކުރާ ހައްގުތައް ކަށަވަރުކޮށްދިނުމެވެ. 12 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީސް ހިނގުމަށާއި ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ރަނގަޅަށް މަސައްކަތް ކުރަން ފުރުސަތު ދިނުމެވެ. އަދި ސިޔާސީ ފަރާތްތައް މިނިވަންކޮށް، ޕާޓީތަކާއެކު މަޝްވަރާތައް ފެށުމެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ސަރުކާރަށް މުހިންމުވީ ހަމައެކަނި ޕޮއިންޓެކެވެ. އެއީ ލިސްޓުގެ އެންމެ ތިރީގައި އީޔޫ އިން ހިމެނި މަޝްވަރާ ކުރުމެވެ. ކޮންމެހެން ވެސް އަމަލު ކުރުމަށް އީޔޫ އިން އަނގާފައިވާ އެ ނޫން އެހެންކަމެއް އެއްވެސް ކަމެއް ސަރުކާރުގެ އިސްވެރިންގެ "ލޮލުގައި" އަޅައިވެސް ނުގަތެވެ. ނޫނީ އެހެން ކަމަކަށް ސަމާލުކަން ދޭކަށް ވެސް ބޭނުމެއް ނުވި އެވެ.

"އާއްމުކޮށް މިކަހަލަ ސްޓޭޓްމަންޓް ތަކުގައި މި ބަލާ ގޮތަކީ އޭގަ މި ބުނާ އެންމެ ފަހު ސެންޓެންސްގެ އިންނަ ފަހު ސެންޓެންސް އެއީ އެމީހުން ގޮވާލާ ގޮވާލުމަކީ. އޭގައި ގޮވާލާފައި މިއޮތީ ރާއްޖޭގެ ޕާޓީތަކާ މަޝްވަރާ ކުރުމަށް. އޯލް ޕާޓީ ޕޮލިޓިކަލް ޓޯކްސް އަށް ގޮވާލާފައި މި އޮތީ،" ރާއްޖޭން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވި އެވެ.

ނަމަވެސް ހާރިޖީ ދާއިރާގެ ތަޖުރިބާކަރުން ވެސް ގަބޫލު ކުރާ ގޮތުގައި އެ ހާލަތުގައި އަޅަން ނިންމި ފިޔަވަޅުތަކާ ހެދި ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހޭނެކަން ސަރުކާރަށް މާ ކުރިން އެނގެ އެވެ. އަދި މީގެ ކުރިން ވެސް އެފަދަ ހާލަތްތަކުގައި ސަރުކާރުން އަމަލު ކުރާހެން އީޔޫ އިން އެނގިޔަސް ނުވަތަ ނޫނަސް އޮތީ މަޝްވަރާއަށް ހުޅުވާލާ ގޮތަށެވެ. އޭރުން "ތިމަންމަން މަޝްވަރާއަށް ހުޅުވާލީމޭ" ބުނެވެން ސަރުކާރަށް އެބައޮތެވެ. މިހާތަނަށް ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު މަޝްވަރާއަކީ ކުރިޔަށް ނުދާނެ އެއްޗެއްކަން ސަރުކާރަށް ވެސް އެނގެ އެވެ.

އޭގެ ބަދަލުގައި 12 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީސް ކުރިޔަށް ދާން ފުރުސަތު ހޯދަން މަސައްކަތެއް ސަރުކާރުން ނުކުރެ އެވެ. ސިޔާސީ އެއްވެސް ބޭފުޅަކު މިނިވަން ކުރުމުގެ ވިސްނުމެއް ވެސް ނެތެވެ. އަދި 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަން ދިމާލަށް ދަނީ ބުނަމުންނެވެ.

"1 ފެބްރުއަރީގެ އަމުރަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އެހެން އަމުރުތަކާ ގުޅިގެން އަލުން 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރެވޭނެ ގާނޫނީ ހަމައެއް ނެތް، ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަންކަން ނައްތާލެވުނުހާ އަވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމުގެ ޔަގީންކަން ދެން،" އީޔޫގެ ނިންމުމަށް ރައްދު ދިނުމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ވެސް ރަނގަޅެއް ނޫން!

މަޝްވަރާތަކަށް ހުޅުވާލުމުގައި ސަރުކާރުގެ ނިޔަތް ރަނގަޅު ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ނަމަވެސް ސިޔާސީ ކަންކަމާ ހެދި "ވީރާނާވަމުން" މިދާ ގައުމު ހަމަޔަކަށް އެޅުވުމަށް މަޝްވަރާގެ އުސޫލުން އެއްބަސްވުމަކަށް އަންނަން ޖެހޭކަން އެނގެ އެވެ. އެއީ މަޝްވަރާއަށް ނުގޮސް ދުރުގައި ތިބެގެން "ސަރުކާރުން ހަދާފާނެ ގޮތެއް" ނޫނީ ކުރީގެ ތަޖުރިބާގެ ވާހަކަ ދައްކައިގެން ވާނެ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ "ބަހަނާތަކެއް" ނުދައްކާ ކުޑަވެސް މަސައްކަތެއްކޮށްގެނެވެ. އެކަމެއް އިދިކޮޅު ޕަޓީތަކުގެ ފަރާތުންް ނުފެނެ އެވެ.

ގަބޫލުކޮށްލަން ޖެހޭ ހަގީގަތަކީ އީޔޫގެ ނިންމުމުގައި ބުނެފައި ވަނީ ލީޑަރުންނާއެކު މަޝްވަރާތައް ކުރަން ފެށުމަށް ގޮވާލާ ކަމަށެވެ. އެކަން ކުރެވޭނީ އިދިކޮޅު ޕާޓީތަކުން ވެސް ރަނގަޅު އިޖާބައެއް ދީގެން ކަމަށް ސަރުކާރުގެ އެކި ފަރާތްތަކުން ބުނެ އެވެ. ނަމަވެސް އިދިކޮޅުގެ އެންމެ ބޮޑު ޕާޓީން ބުނަނީ އެހެން އެއްޗެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި އީޔޫއިން ފާސް ކުރި ގަރާރުގައި އދ އިން ހިނގާ މަޝްވަރާތަކުގައި އެ ޖަމިއްޔާ އިން އެހީތެރިކަން ދެއްވާނެ ކަމުގެ ވާހަކަ ބުނެފައިވެ އެވެ. އެހެންވެ އެކަމުގައި އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތަކީ ކޮބައިކަން ލިޔުމުން އަނގާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އދ ގައި އަޅުގަނޑުމެން އެދުނު ކަންކަމަކީ ކޮބައިކަމާއި އަދި އިދިކޮޅު ޕާޓީތަކުން ވާހަކަދައްކާނީ އދ އާ ކަމަށް ވެސް އީޔޫއަށް އަނގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް.. ރައީސް އަބްދުﷲ ޔާމީން އެ ކުރައްވަން އުޅުއްވާ ކަންކަމުގައި އަޅުގަނޑުމެން ޖެހޭކަށް ނެތިން، ރައީސް އޮފީގައި ހުންނަ ކޮޓަރިއަކަށް އަޅުގަނޑުމެން ގެންގޮސްގެން ދައްކާނެ ވާހަކައެއް ނެތް، އެ ވާހަކަ އޮންނާނީ އަޅުގަނޑުމެން ޔޫއެންގައި ވެސް އެދުނު ގޮތަށް އަދި މިހާރު މި ބުނާ ގޮތަށް ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރީމަ، ސިޔާސީ ހުރިހާ ފަރާތްތަކެއް ދޫކޮށްލީމަ، މަޖިލީހުގެ މަސައްކަތް ކުރެވޭނެ މާހައުލެއް ދިނީމަ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން ދެން މަސައްކަތް ކުރާނީ އެންމެ ކަމަކަށެވެ. އެއީ 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރަންދެއް މުޒާހަރާ ކުރުމެވެ. އަދި ސަރުކާރު ބަލިކަށިވެގެން ވެއްޓެންދެއް އެކަން ނުހުއްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ވިސްނުން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫންކަން ވަރަށް ސާފެވެ. އަމާންދޭކަށް އެއްވެސް ފަރާތަކުން ނޫޅެ އެވެ. ދޭނެހެން ހީވެސް ނުވެ އެވެ. "ބަހަނާ"ތަކަކާއި އެކު ސިޔާސީ ފަރާތްތަކުން މަސްރަހު ފިނި ކުރުމުގެ ބަދަލުގައި އަދިވެސް މިދަނީ "ގަދަހިފުމަކާ" ދިމާލަށެވެ. އެކަންކަން ރަނގަޅު ކުރުމަށް އީޔޫއިން ދިން އިންޒާރު މާ "ނުރައްކާތެރި" އެއްޗަކަށް ނުވި އެވެ. އެއަށް ވުރެ ސިޔާސީ އެޖެންޑާ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ވެސް މާ ބޮޑެވެ.