ގާނޫނު އަސާސީއާ ހިލާފަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ވޯޓު ނެގުމަށްފަހު އޭގެ ސައްހަކަން ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ ހެދި އިތުރު ގޯހެއް ކަމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ. މަޖިލީހުން އެފަދަ ލަފާއަކަށް އެދިފައިވީ ނަމަވެސް މިހާތަނަށް ލަފާ ސުޕްރީމް ކޯޓުން ނެރުއްވާފައެއް ނުވެ އެވެ.
މައުމޫން ހަމީދު ވިދާޅުވީ، ގާނޫނު އަސާސީއާ ހިލާފަށް މިރޭ ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު ފާސްކޮށް، އޭގެ ސައްހަކަން ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ ހެދި ގޯހެއް ކަމަށެވެ. އެއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިވަގުތު "ގެއްލިފައިވާ" ވާތީ ކަމަށެވެ.
ގާނޫން އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ ކަމެއް މަޖިލީހުން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެގެނެވެ. އެއީ ޖުމުލަ 43 މެންބަރުންނާއެކުގަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެ މައްސަލަ ފާސް ކުރީ 38 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް މިއަދު ވަނީ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއަ ހަވާލާދީ ވޯޓުގައި ދެބައިކުޅަ އެއްބައި މެންބަރުން ބައިވެރިވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ގަވައިދުގައި ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނުހިމެނެ ކަމަށް މަސީހު ވިދާޅުވި އެވެ. އެހެންވެ މިއަދުގެ ވޯޓުގެ ސައްހަ ވާނެ ކަމަށް މަސީހު ވަނީ ވިދާޅުވެފަ އެވެ.
މިހާރު ސުޕްރީމް ކޯޓުން އޮތް ހާލަތުން އެ ކޯޓުން ނިންމާ ނިންމުންތައް ސައްހަ ނުވާނެ ކަމަށް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. މަޖިލިސް މެންބަރު މާރިޔާ ދީދީ ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް އެކުވެލެވިފައިނުވާ ހާލަތެއްގަ ސުޕްރީމް ކޯޓަށް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ސަސްޕެންޑްކޮށްފައި ތިބުމުން އެ ހާލަތު މިހާރު ސުޕްރީމް ކޯޓުގައި ނެތް ކަމަށެވެ.
އެގޮތުން މާރިޔާ ފާހަގަ ކުރެއްވީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުން ކަނޑައަޅައި އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ ފަސް ފަނޑިޔާރުންނެވެ.
މާރިޔާ މިހެން ވިދާޅުވެފައިވާއިރު، ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަސް ފަނޑިޔާރުންގެ އަމުރުގެ ބައެއް ބާތިލުކުރި އަމުރު ދިފާއުކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އެއްވެސް ސަބަބަކާހުރެ އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭނަމަ ފަނޑިޔާރުންގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި އެންމެ ސީނިއާ ފަނޑިިޔާރުންގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ނެރުއްވި އެ އަމުރުގައިވެ އެވެ.
އޭގެ އިތުރުން އަމުރުގައި ބުނެފައިވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް ޑިސެމްބަރު 11، 2014 ގައި ގެނައި އިސްލާހުގެ ދަށުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމަށެވެ. ދުސްތޫރީ ތަބީއަތުގެ މައްސަލައެއް ނުވަތަ ދުސްތޫރީ ތަބީއަތާ ގުޅުން ހުރި އެއްވެސް ކަމެއް ބަލައި ނިންމުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކީ ތިނެއްކަން ސާފުކޮށް އެ އިސްލާހުގައި ސާފުކޮށް ބުނެފައިވާ ކަމަށެވެ.