އިލްހާމް އަހުމަދު

އިލްހާމް ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

Feb 11, 2018
9

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހޯދަން އިއުލާން ކުރުމަށްފަހު އޭނާ ހޯދުމުގައި ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ. އަމިއްލައަށް އަރުވާލެއްވިގެން ތައިލެންޑާއި ލާއޯސްގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި އިލްހާމް ހޯދަން އިއުލާން ކުރީ މިދިއަ ހުކުރު ދުވަހު ހަވީރު އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އިލްހާމް ހޯދަނީ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލާ ތަހުގީގެއް ކުރާ މައްސަލައަކާ ގުޅިގެނެވެ. އެއީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ނުބުނެ އެވެ. ހުކުރު ދުވަހު އެހެން ބުނުމަށް ފަހު މިއަދު ބުނެފައި ވަނީ އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

އިލްހާމް ހޯދަން ދެވަނަ ފަހަރަށް އިއުލާން ކުރި އިރު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އޭނާއާއެކު ރާއްޖެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންވެސް ހޯދަން ވެސް އިއުލާން ކުރި އެވެ. ނަމަވެސް އިއުލާން ކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި ސިނާން ވަނީ އަމިއްލަފުޅަށް ފުލުހަށް ހާޒިރުވެ ވަޑައިގެންފަ އެވެ. މިހާރު ސީނާން ހުންނެވީ ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫގެ ބަންދުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގެ ގަރާރުގައި ސޮއި ކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވީ 1 ފެބުރުއަރީގެ އަމުރަށް ފަހު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވުމާއެކު އެއާޕޯޓުން ހައްޔަރު ކުރި އެވެ. ނަމަވެސް މުއްދަތުގެ މަޖިލީހަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އެނާ މިނިވަން ކުރީ އެވެ. -- މިހާރު ހައްޔަރުގައި ހުންނެވި ސިނާން ވެސް އެނާއާއެކު އެ ދުވަހު އެއާޕޯޓުން ހައްޔަރު ކުރި އެވެ.