ހަބަރު

އެސްއޯއީ އުވާލީ ނަމަކަށް!

ސާޅީސް ފަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް ފެތުރިގެން ދާ ގޮތަށް ދަންމާލުމަށް ފަހު މިއަދު ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުވާލެއްވި ނަމަވެސް ރާއްޖޭގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔައިފި އެވެ.

ސަރުކާރުން މިއަދު ކުއްލި ނުރައްކަލުގެ ހާލަތު އުވާލިއިރު އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ގިނަ ބަޔަކަށް ވަނީ ދައުވާކޮށްފަ އެވެ. އަދި އެ ހުރިހާ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައްސަލާގައި އެކިއެކި ދައުވާ އުފުލާފައިވާ ބޭފުޅުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމެވެ.

ކުއްލި ހާލަތް އޮތްވާ ކުރި އިހްތިޖާޖެއްގެ ދަށުން ހައްޔަރު ވެސް ކުރި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ކުއްލި ހާލަތު އުވާލައިގެން ހާލަތަށް އެއްވެސް ބަދަލެއް ނާދެ އެވެ. އިދިކޮޅުގައި ތިއްބެވި އެންމެ އިސް، ކުރީގެ ރައީސް މައުމޫނާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު އެ ތިއްބެވީ ހައްޔަރުކޮށް، މުއްދަތެއް ނެތް ގޮތެއްގައި ބަންދުކޮށްފައިކަން ޝާހިދު ފާހަގަކުރައްވަ އެވެ.

"މއިން ހާމަވަނީ ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލިސް އޮތީ ރައީސް އަބްދުﷲ ޔާމީންގެ ކޮންޓްރޯލްގެ ދަށުގައިކަން،" ޝާހިދު ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި ވެސް ކުއްލި ހާލަތު އުވާލާފައިވަނީ ނަމަކަށެވެ. ރައްޔިތުންގެ ހައްގުތައް އަދިވެސް ވަނީ ހިފެހެއްޓިފަ އެވެ. އެހެން ވިދާޅުވާ ސަބަބެއްގެ ގޮތުގައި ރޮޒައިނާ ފާހަގަ ކުރެއްވީ ރާއްޖޭގައި ގާނޫނީ ބާރު ނުހިނގާތީ އެވެ. އަދި މަޖިލީހާއި ޖުޑިޝަރީ ރައީސްގެ ކޮންޓްރޯލްގެ ދަށުގައި އޮތުމެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ނަމަކަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވަނީ މަޖުބޫރުވެ ގޮތް ހުސްވެގެނެވެ،

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ކުއްލި ނުރައްކަލުގެ ހާލަތު ބޭނުމެއް ޖެހިވަޑައި ނުގަންނާނެ އެވެ. އެމަނިކުފާނު ވަނީ ގާނޫނުތަކުގެ ބޭރުން އެތައް ބަޔަކު ހައްޔަރުކޮށް، އާ ވައްތަރެއްގެ އާންމު ހާލަތެއް ނެރުއްވާފަ އެވެ. އެއީ ފުރިހަމަ ޑިކްޓޭޓާޝިޕެކެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފެބުރުއަރީ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ މަހު 20 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައި ވަނީ އެ މުއްދަ ޖުމުލަ 45 ދުވަހަށް ދަންމާލި އެވެ. އެ ހާލަތު އިއުލާން ކުރުމުގެ ބޭނުމަކީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތުކުރާ ފަރާތްތަައް ހައްޔަރުކޮށް ބަންދުގައި ބޭތިއްބުމެވެ.