އާޒިމާ ޝަކޫރު

"ގާނޫނުއަސާސީއާ ހިލާފުނަމަ ސުޕްރީމް ކޯޓުގެ އަމުރަކަށް ނުބަލާނަން"

Mar 16, 2018
15

ގާނޫނުއަސާސީއާ ހިލާފުނަމަ ސުޕްރީމް ކޯޓުގެ އަމުރަކަށް ވެސް ސަރުކާރުން އަމަލެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ކޯޓުތަކުން އަމުރުތައް ނުކުންނަން ޖެހޭ ގޮތާއި ކޯޓުތަކުގެ ބާރުތައް އޮތީ ކޮން ގޮތަކަށް ކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ މަތީ ސުޕްރީމް ކޯޓުން ވެސް ގާނޫން އަސާސީން ބޭރުން އަމުރެއް ނެރެފި ނަމަ އެއަށް ތަބާ ނުވާނެ ކަމަށާއި އެއަށް ތަބާވާނެ ކަމަކަށް ބަލައިގެން ވެސް ނުވާނެ ކަމަށެވެ.

"އެއީ ކޮންމެ ފަދަ އަމުރެއް ވިޔަސް، އެއީ ސުޕްރީމް ކޯޓުން ވިޔަސް މިސާލަކަށް ރައިސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން އަމުރެއް ނެރުންކަމުގައި ވިޔަސް އެއީ މިހާރު އޮތް ގާނޫން އަސާސީން ހުއްދަ ކުރާ ކަމެއް ނޫން، އެހެންވެ އެ އަމުރު ވެސް ތަންފީޒެއް ނުކުރެވޭނެ، ވަރަށް ސާފުކޮށް ވަރަށް ކެރިގެން މި ބުނަނީ،" އާޒިމާ ވިދާޅުވި އެވެ. "އެ ހަމައިގެ މަތިން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ވެސް ގާނޫން އަސާސީން ބޭރުވީމަ، ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމި ނިންމުން ވެސް ގާނޫން އަސާސީން ބޭރު ނިންމުމަކަށް ވީމަ ސަރުކާރުގެ ވަކީލުންނާއި ދައުލަތުގެ ސަލާމަތީ ބާރުތަކުން ވަނީ އެ އިންތައް ވެސް ކަނޑައަޅާފައި،"

އާޒިމާ ވިދާޅުވީ ސަރުކާރުން މަޑުމައިތިރިވެ ކެތްތެރިކަމާއެކު އޮތުމަކީ ސަރުކާރު ބަލިކަށިވުމެއް ނޫން ކަމަށާއި ސަރުކާރުން ކުރަން ޖެހޭ ކަމެއް ވަގުތުން ވަގުތަށް ކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ މަތީ މަސްލަހަތަކީ ދައުލަތާއި ރައްޔިތުންނާއި ގައުމީ ސަލާމަތުގެ މަސްލަހަތު ކަމަށާއި އެއަށްވުރެ މައްޗައް ގާނޫން އަސާސީގެ ވަކި މާއްދާއެއް ނުހިނގާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ މުޒާހަރާތައް ކުރަމުން އަންނަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމަށް ފުރުސަތު ސަރުކާރުން ދޭނެ ކަމަށް ރައްޔިތުން ހީކޮށްގެން ވެސް ނުވާނެ ކަމަށެވެ.