ޕީޕީއެމް

"ގާސިމާއި ޖަމީލު ގެނެވޭ ގޮތަކަށް ގެންނަން ޖެހޭ"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށާއި އެ ދެބޭފުޅުން ހައްޔަރު ކޮށްގެން ގެނެވުނު ގޮތަކަށް ގެންނަން ޕީޕީއެމުން ގޮވާލައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެކެއް ފެބްރުއަރީގައި ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތުގެ އެންމެ އަޑީގައި ހުންނެވި ފަރާތަކީ ގާސިމް ކަމަށާއި ޖަރުމަނު ވިލާތުގައި ހުންނަވައިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެފައި ކަމަށެވެ.

އަދުރޭ ވިދާޅުވީ، އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކީ ގާސިމް ރިޝްވަތު ދެއްވައިގެން، އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ހިންގި ޖަރީމާއެއް ކަމަށެވެ. އަދި ވިދާޅުވީ، މާލެތެރެ ހަލަބޮލި ކުރުމުގައި ވެސް އެންމެ އިސްކޮށް ހުންނެވި ފަރާތަކީ ގާސިމް ކަމަށެވެ.

"ހަރުކަަށި އިބާރާތުން ސަރުކާރަށް ޕީޕީއެމްގެ ނަމުގައި ގޮވާލަން، ގެނެވުނު ގޮތަކަށް ގާސިމް ގެނެސް އޭނާ ހައްޔަރު ކުރުމަށް، ގާސިމް އަކީ މުސީބާތެއް ކަމަށް އަޅުގަނޑުމެން ދަންނަވަނީ ދަންނަވަން ވެގެން، މައުލޫމާތު ލިބެނީ އެކި އެކި މީހުންނަށް ލާރި ދީގެން މީހުން މަގުމައްޗަށް ނެރެމުންދާކަން، ދިވެހި ސިފައިންނާއި ފުލުހުންނަށް އިހުތިރާމާއެކު ގޮވާލަން މިކަންކަން ވީ އެންމެ އަވަހަކަށް ހުއްޓުވާ ދެއްވާށޭ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ސިފައިންނާއި ފުލުހުންނާ ދެމެދު ހިޔާލު ތަފާތުވުން އުފެއްދުމަށްޓަކައި ވާހަކަތައް ދައްކަމުން ގެންދަނީ ޖޭޕީން ކަމަށާއި އެހުރިހާ ވާހަކަ އަކީ ގާސިމް އަޑީގައި ހުންނަވައިގެން ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.

ޖަމީލަށް ފާޑު ވިދާޅުވެ އަދުރޭ ވިދާޅުވީ، ޖަމީލަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ބަސް ބުނަން އެއްވެސް ޖާގައެއް އޮތް ބޭފުޅެއް ނޫން ކަމަށާއި މި ރާއްޖޭގެ ސިޔާސީ ކަންކަމާ ބެހެވޭނެ ފަރާތެއް ވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި އޮތީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ކަމަށާއި ރައްޔިތުން ބޭނުންވަނީ ސަރުކާރާއެކު ކުރިއަށްދާން ކަމަށެވެ. ޖަމީލުފަދަ ފަރާތްތަކަކީ ރައްޔިތުން ބަލައިގަންނަ ފަރާތްތަކެއް ނޫން ކަމަށެވެ.

"ކަމާބެހޭ އިދާރާ ތަކަށް ގޮވާލަން ޖަމީލު ހުރިތާކުން ހިފާ ހައްޔަރުކޮށްގެން [ޖަމީލް] ގެންނާށެ، އޭނާއަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލެއް،" އަދުރޭ ވިދާޅުވި އެވެ.

ޕްރެސްގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، ގާސިމަކީ އާންމު ގޮތެއްގައި ކަންކަމަށް އިއުތިރާފްވެ ވަޑައިގެންފައި ފަހުން ރުޖޫއަވާ ބޭފުޅެއް ކަމަށެވެ. އެފަރާތްތަކުން ގެންނަން އުޅުނު ބަޣާވާތައް އެވަނީ އިއުތިރާފްވެފައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ޖަމީލު މަސައްކަތް ކުރަނީ އެމްޑީޕީގެ ރުހުން ހޯދަން ކަމަށާއި ނަމަވެސް އެމްޑީޕީ ސަރުކާރެއްގައި ޖަމީލު ބާއްވާނީ ދޫނިދޫ ޖަލުގައި ކަމަށެވެ. އަދި ޖަމީލު ކޮށްފައިވާ ކަންކަން އެމްޑީޕީން ހަނދާނެއް ނުނެތޭނެ ކަމަށް ނިހާނު ވިދާޅުވި އެވެ.