ޖުމްހޫރީ ޕާޓީ

ޔާމީނަށް ހުކުމް ކުރަން ހައިލަމަށް ގާސިމް ނުގުޅުއްވާ: ޖުމްހޫރީ ޕާޓީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވުމަށް އެމަނިކުފާނުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަހުމަދު ހައިލަމްއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅުއްވި ކަމަށް ކުރާ ތުހުމަތު އެ ޕާޓީން ދޮގުކޮށްފި އެވެ.

އެ ތުހުމަތުތައް ދޮގުކޮށްފައިވަނީ މިއަދު ހަވީރު ޖުމްހޫރީ ޕާޓީގެ ހެޑްކްއާޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަހުމަދު އިލްހާމް އެވެ.

އިދިކޮޅު ކޯލިޝަންގެ ވާހަކަތަކަށް އިސްކަން ދީފައި އޮންނަ ޗެނަލް13 ގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީނަށް ހުކުމް ކުރެއްވުމަށް އެމަނިކުފާނުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަހުމަދު ހައިލަމްއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅުއްވި ކަމަށް ތުހުމަތު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އިލްހާމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި ވިދާޅުވީ އެއީ ހިނގާފައިވާ ކަމެއްތޯ ބެއްލެވުމަށް ފުލުހުން ހާއްސަ ތަހުގީގެއް ފެއްޓެވި ނަމަވެސް އެކަމަށް އެއްބާރުލެއްވުން ދެއްވަން ގާސިމް ހުންނެވީ ތައްޔާރަށް ކަމަށެވެ. އިލްހާމް ވިދާޅުވީ ގާސިމަކީ ސިޔާސީ ގޮތުންވިޔަސް އަދި އެ ނޫން ގޮތަކުން ވިޔަސް ރައްޔިތަކަށް އަދި ސިޔާސީ ލީޑަރަކަށްވެސް އަނިޔާއެއް ލިބިވަޑައިގަތުމަށް އެދިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އިލްހާމް މިއަދު ވިދާޅުވީ ގާސިމްއަށް ރޭ ފާޑުވިދާޅުވި ބައެއް ބޭފުޅުން ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވާއިރު އެ ބޭފުޅުންނަކީ ރައީސް ޔާމީނަށްވެސް އިހުލާސްތެރި ބޭފުޅުންތަކެއް ނޫން ކަމަށެވެ. ރައީސް ޔާމީން ޖަލަށް ލެއްވުމުން އެ ބޭފުޅުން މަސައްކަތް ފެއްޓެވީ ރިޔާސީ ޓިކެޓް ހޯއްދަވަން ކަމަށާ އެ ބޭފުޅުން އެ ވާހަކަ އިލްހާމްގެ އަރިހުގައި ވިދާޅުވި ކަމަށެވެ. އަދި އިންޒާރު ދެއްވާ ވިދާޅުވީ ގާސިމާއި ގުޅޭގޮތުން ދެން އިތުރުފުޅެއް ހައްދަވައިފިނަމަ އެ ބޭފުޅުންގެ ނަންތައްވެސް ހާމަކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ނިކުމެ ޕީޕީއެމަށް ފާޑުކިޔަން ބޭނުން ނުވާ ކަމަށާ ކުރިއަށް އޮތީ ޖުމްހޫރީ ޕާޓީން ޕީޕީއެމާއި ވާދަކުރަން ޖެހޭ އިންތިހާބެއް ނޫން ކަމަށެވެ. އަދި އެ ޕާޓީން ޕީޕީއެމްގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ވާދަކުރަން ޖެހޭނެ ކަމަކަށް. ޑިއުރެސްޕެކްޓުގައި މި ދެންނެވީ. ﷲގެ ވާގިފުޅާއެކު ޕީޕީއެމްގެ މައްޗަށް އަޅުގަނޑުމެން ކުރި ހޯދާނަން. އަޅުގަނޑުމެން އެ ޔަގީންކަމާއެކު މިދަނީ. 2023 އަންނައިރު މިތާ [ޖުމްހޫރީ ޕާޓީ] ޓީމު ބޮޑުވާނެ ޕީޕީއެމަށްވުރެ ﷲގެ ވާގިފުޅާއެކު،" އިލްހާމް ވިދާޅުވިއެވެ.