ޖުމްހޫރީ ޕާޓީ

ޕީޕީއެމްގެ ޓިކެޓްގައި ގާސިމް ނުނިކުންނަވާނެ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވާން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެރިވަޑައިގެންނެވީތީ ހައިރާންވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ. އެ ޕާޓީން މިހެން ބުނެފައިވަނީ ގާސިމަށް ދޭނެ ފުރުސަތެއް ނެތް ކަމަށާ 2023 އަށް ޕީޕީއެމުން ކެންޑިޑޭޓަކު ދައްކާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވި ވިދާޅުވުމާއި ގުޅިގެންނެވެ.

ޖޭޕީން ބުނީ ރައީސް ޔާމީންގެ ވެރިކަން ފުރިހަމަ ވޯޓަކުން ބަދަލުވެގެން ދިޔައީ ގާސިމް އިބްރާހިމްގެ އެއްބާރުލުމާއެކު ކަން އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އަދި ރައީސް ޔާމީނަށް 2013 ގައި ވެރިކަން ލިބިވަޑައިގަތީވެސް ގާސިމްގެ ތާއީދާއި އެއްބާރުލުން ލިބިވަޑައިގަތުމުން ކަމަށެވެ.

އަދި ރައީސް ޔާމީން އިސްވެ ގާސިމް އިބްރާހިމަށް ފާޑުވިދާޅުވާން ފެއްޓެވީ އެމަނިކުފާނަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ފެނިވަޑައިގަތުމުން ކަމަށާ އެކަމާ ހައިރާން ނުވާ ކަމަށެވެ.

ވެރިކަން ހޯދަން ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރަނީ އެހެން ޕާޓީތަކުން ކަމަށާ އެހެން ކަމުން ޕީޕީއެމްގެ ޓިކެޓްގައި ގާސިމް ރިޔާސީ ރޭހަށް ނިކުމެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅުނު މެންބަރުންނަށް ރައީސް ޔާމީން ފާޑުވިދާޅުވަނީ އެ މެންބަރުންގެ ކޮލެޓީ އެނގިވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން އިއްޔެ ވިދާޅުވީ 2023 އަށް ޕީޕީއެމުން ކެންޑިޑޭޓަކު ދައްކާނެ ކަމަށެވެ. އަދި ޕީޕީއެމުން ގާސިމަށް ތަނަވަސް ކޮށްދޭނެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭނެ ކަމަށާ އެންމެ ފަހު ވަގުތު ޕީޕީއެމްގެ ތާއީދު ލިބޭނީ ގާސިމް އިބްރާހިމަށް ކަމަށް ބައެއް ބޭފުޅުން ރައްޔިތުން ކައިރީ ބުނަމުންދާ ކަމަށާ ނަމަވެސް އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަމުން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމުން ނެރޭނެ ރިޔާސީ ކެންޑިޑޭޓުން އެބަތިބި ކަމަށާ ގާސިމަށް ތަނަވަސްކޮށްދޭނެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުދާނަން ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓެއް ނެތިގެން ގާސިމް އިބްރާހިމް ނެރޭކަށް،" ޔާމީން ވިދާޅުވިއެވެ.