ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ މެސެޖް: "ވޯޓުން އެމްޑީޕީއާ ކޯލިޝަން ބަލިކޮށްދީ"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓްދީ އެ ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ މިއަދަށް އަހަރު ދުވަސްވީއެވެ.

އިދިކޮޅު ލީޑާޝިޕްގެ އިސް ބޭފުޅުންނަށް މިއަދު އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ ލިިބިވަޑައިގެންފައެވެ. އެ ބައްދަލްވުމަށް ވަޑައިގެންނެވީ އިދިކޮޅު ލީޑުކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރައީސް އަބްދުﷲއެވެ. މި ބައްދަލްވުން ދެ ގަޑި ތިރީސް މިނެޓަށް ދިގު ދެމިގެންދިޔައެވެ.

އެ ބައްދަލްވުމަށްފަހު ރައީސް ޔާމީން ވަނީ ރައްޔިތުންނަށް މެސެޖެއް ދެއްވާފައެވެ. އެ މެސެޖްގައި އެމަނިކުފާނު ވަނީ ވޯޓްފޮށިން އެމްޑީޕީއާ ސަރުކާރު ކޯލިޝަން ބަލިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ މިވަގުތު އެމަނިކުފާނަށްޓަކައި ކޮށްދެއްވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ވެވަޑައިގަންނަވަން ޖެހުނު ކޮންމެ ގުރުބާނީއެއް ވެވަޑައިގަންނަވާނެ ކަމަށާ ރާއްޖެއިން ބޭރަށް ވަޑައިގެން ނުފިއްލަވާނެ ކަމަށް ވިދާޅުވެފަވެ.

ވޯޓް ފޮށިން އެމްޑީޕީއާ ސަރުކާރު ކޯލިޝަން ބަލިކޮށް ދެއްވާ. އެއީ މިއަދު އަޅުގަނޑަށްޓަކާ ތިޔަ ބޭފުޅުންނަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތް. ދިވެހި ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން އަޅުގަނޑު މި ހުރީ ތައްޔާރަށް. އިރާދަކުރެއްވިއްޔާ ކޮންމެ ފަދަ ހާލަތެއްގައިވެސް ރާއްޖެ ދޫކޮށް އަޅުގަނޑު ނުދާނެ ކަމުގެ ޔަގީންކަން އަރުވަން. ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބަލިކޮށްލުމަށް ހުރިހާ ރައްޔިތުން ސާބިތުކަމާ ހިތްވަރާއެކު މަސައްކަތް ކޮށްދެއްވާ
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެސެޖް

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ. މާލެ ސަރަހައްދުގައި މާފުށީ ބޭރުން ކަނޑުމަތީ ވަނީ މުޒާހަރާކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންނާއި ރައީސް ޔާމީންގެ މެސެޖް އަބްދުއްރަހީމް ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ރައީސް ޔާމީނަށް ހެޔޮއެދުމުގެ ޝުއޫރުތައް ފާޅުކުރައްވާ ވާހަކަަދައްކަވާފައެވެ. މުދާ އުފުލާ ތިން ދޯނީގައި ގިނަ ބަޔަކާއެކު ކަނޑުމަތީ މުޒާހަރާ ކުރިއަށްދިޔަ ވަގުތު ރާއްޖޭގެ ގިނަ ރަށްތަކެއް ވަނީ ހިނގާލުންތަކާއި އެއްވުންތައް އަދި ހަރުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައެވެ. މުޒާހަރާ ނިންމާލީ ދޯނިތަކުގައި ތިބި މީހުން މަޣުރިބް ނަމާދު ކުރުމަށްފަހު އެވެ.