އަބްދުﷲ ޝާހިދު

"އީޔޫގެ ނިންމުމާ އެއްގޮތަށް އިސްލާހު ކުރޭ"

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންވާނެ ކަމަށާއި އެންގުމުގައި ހުރި ކަންކަން ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ގޮވާލައިފި އެވެ.

އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އީޔޫއިން ރާއްޖޭގެ މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ބަޔާންތައް ނެރެފައި ވަނީ އީޔޫގެ ޕާލިމެންޓުން ކަމަށާއި ނަމަވެސް މިއަދު ފާސްކޮށް ގޮތެއް ނިމިގެން ދިޔައީ ފަހު ބަސް ބުނާ ކައުންސިލުން ކަމަށެވެ. އަދި އީޔޫއިން ރާއްޖެއާ މެދު ފިޔަވަޅު އަޅަން ނުނިންމި ނަމަވެސް އެ އިންޒާރުގެ ސަބަބުން ވެސް ރާއްޖެއަށް ގެއްލުންތަކެއް ވާނެ ކަމަށެވެ.

އެގޮތުން އީޔޫގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓު ކުރަން ފަސް ޖެހޭނެ ކަމަށާއި އޭގެ އިތުރުން ބެންކުތަކުން ދޭ އެހީތަކަށް ވެސް އޭގެ ސަބަބުން ހުއްޓުމެއް އަތުވެދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން އީޔޫއިން ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރަން ސަރުކާރަށް ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އަޅަން ވިސްނާ ކަމަށް އީޔޫއިން ބުނުމުން އެއިން ދޭހަކޮށްދެނީ ޔޫރަޕުގެ އިންވެސްޓަރުންނަށާއި ބޭންކުތަކާއި އެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އަސަރު ކުރާނެ، އެއީ މީގެ ނަތީޖާއަކީ، އީޔޫއިން ރާއްޖެއާ މެދު އަޅާނީ ކިހާވަރެއްގެ ފިޔަވަޅެއްތޯ ވިސްނަމުން ގެންދާ އެއްވެސް ބޭންކަކުން ރާއްޖެއަށް މިހާރު އެހީ ނުދޭނެ،" ޝާހިދު ވިދާޅުވި އެވެ.

އީޔޫއިން ފާހަގަ ކުރި މުހިއްމު ބައެއް ނުކުތާތައް

* ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރާއްޖޭގެ ޖުޑިޝަރީއާއި ޕާލަމެންޓް، އާއްމު ހާލަތުގައި ހިންގުމުގެ ފުރުަސަތު ދޭން ޖެހޭ ކަމަށް އީޔޫ ފޮރިން އެފެއާޒް ކައުންސިލުން ގަބޫލުކުރެ އެވެ.

* ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުުންގެ ސަލާމަތާ ރައްކާތެރި ކަމަށް އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

* ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ޑިމޮކްރެޓިކް އުސޫލުން ބާރުތައް ވަކިވެފައިވާ ހާލަތެއް ނޫނެވެ. އަދި މިހާލަތުން އަރައި ނުގަންނަ ނަމަ "ޓާގެޓެޑް މެޝާޒް" ނުވަތަ ވަކި ވަކި މުއައްސަސާތަކާއި މީހުނަށް ފިޔަވަޅު އަޅަން ވިސްނާނެ އެވެ.