ހަބަރު

އިއްޔެއަކީ ބޭއިންސާފުގެ ދުވަހެއް: ސައުދު

Mar 22, 2018
3

އިއްޔެއަކީ ބޭއިންސާފުގެ ބިރުވެރިކަން މުޅި ރާއްޖެއަށް ވެރިވެގެންދިޔަ ހިތްދަތި ދުވަހެއް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ސައުދު މިއަދު ވިދާޅުވީ، އިއްޔެއަކީ ނާތަހުޒީބުގެ އަނދިރިކަމާއި ބޭއިންސާފުގެ ބިރުވެރިކަން މި ގައުމަށް ވެރިވެގެންިދޔަ ހިތްދަތި ދުވަހެއް ކަމަށެވެ. އޭނާ ވަނީ ޖާހިލިއްޔަ ޒަމާނުގެ ޝަރީއަތް ކުރުމުގެ އުސޫލު ރާއްޖޭގައި އާންމުވީތޯ ސުވާލު ވެސް އުފައްދާފަ އެވެ.

އޭނާ އަދި ވިދާޅުވީ، ދާދި އަވަހަށް ހައްގަށް ނަސްރު ލިބި މުޅި ގައުމު އަމާންވާނެ ކަމަށެވެ.

ސައުދުގެ އެގޮތަށް ވިދާޅުވީ އިއްޔެ ހިނގައިދިޔަ ޝަރީއަތްތަކަށާއި ބަންދުގެ މަޖިލިސްތަކަށް އަމާޒުކޮށެވެ. އެގޮތުން އިއްޔެ ވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ ޝާރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އަދި އަހުމަދު ފާރިސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރީހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މީގެ އިތުރުން ފަނޑިޔާރު އަލީ ހަމީދާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ފިޔަވާ އެހެން ހުރިހާ ބޭފުޅުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ސިނާންގެ ޝަރީއަތް ރޭ ވަނީ އެންމެ ފަހު ވަގުތު ކެންސަލްވެފަ އެވެ. ނަމަވެސް އޭނާއަށް ވެސް އޭގެ ކުރިން ވަނީ 15 ދުވަހުގެ ބަންދު ޖަހާފައެވެ.