ހަބަރު

އެތައް ބަޔަކު ހައްޔަރުކޮށް އެއްވުން އެންމެފަހުން ހުއްޓުވައިފި

  • ހައްޔަރުކުރި މީހުންގެ އަދަދު ސާފެއް ނުވޭ
  • އެއްވުން ހުއްޓުވީ ސިފައިންނާއި ފުލުހުން
  • ފުލުހަކަށާއި އެއްވުމުގެ ބައެއް ބައިވެރިންނަށް އަނިޔާވި

އިދިކޮޅު ޕާޓީތަކުން އިންތިޒާމްކޮށްގެން "ހުއްޓުވަން" ނަމުގައި މިރޭ ކުރިއަށް ގެންދިޔަ އެއްވުން އެންމެފަހުން ފުލުހުން ހުއްޓުވައިފި އެވެ. މިރޭ އެއްވުން ފެށީ 8:30 ގައި ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުންނެވެ. އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ އިންޒާރުދީ އެއްވުން ރޫޅާލާނެ ކަމަށް ބުނެފަ އެވެ. އެއްވުމަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ބުނެފަ އެވެ.

އެއްވުން ރަނގަޅަށް ނުފެށެނީސް ވެސް ގިނަ ބަޔަކު އެ ސަރަހައްދުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ފަޒީންނާއި މުހައްމަދު ވިޝާމް ހިމެނެ އެވެ. އެ ދެ ނޫސްވެރިން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެފަހުން ރާއްޖެޓީވީ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވަޑައިގަތް އެ އެއްވުން ކުރިއަށް ގެންދަން އެއްވެސް ފުރުސަތެއް ފުލުހުން ނުދީ އިންޒާރުތައް ދިނެވެ. އެ ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވީ މޫނު ވެސް ނިވާކޮށްގެންނެވެ.

އެއްވުމުގެ ބައިވެރިން ފަހުން މިސްރާބު ޖެހީ ޖުމްހޫރީ މައިދާނަށެވެ. އެ ސަރަހައްދަށް އެއްވާން ބައިވެރިން ދިޔައީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ލީޑަޝިޕްގެ ދަށުންނެވެ. އެ ސަރަހައްދަށް އެއްވުމުގެ ބައިވެރިން ދިޔުމުން އެއީ ގްރީން ޒޯނަކަށްވާތީ ސިފައިން ސަރަހައްދު ބަންދުކޮށް އެއްވުމުގެ ބައިވެރިން ފަހަތަށް ޖެއްސި އެވެ.

އެ ސަރަހައްދުން ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ހުސެއިންނާއި އަލީ އާޒިމް ހައްޔަރުކުރި އެވެ.

އެއްވުމުގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ފަހަތަށް ޖައްސަމުން ތިން ފަހަރަކަށް ކަރުނަ ގޭސް ޖަހާފައިވެ އެވެ. މިއީ އެކެއް ފެބުރުއަރީއަށްފަހު ކަރުނަ ގޭސް ޖެހި ފުރަތަމަ އެއްވުމެވެ. އެކި ފަހަރު މަތިން ކަރުނަ ގޭސް ޖެހުމުން ވެސް އެއްވުމުގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ނުދެ އެވެ. އެ ސަރަހައްދުން ވަރަށް ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރި އެވެ. އަދި ހަމަނުޖެހުން ވެސް ހިނގާފައިވެ އެވެ.

މެންބަރު މުހައްމަދު އަމީތު ހައްޔަރުކުރަން ފުލުހުން އުޅުމުން އަމީތު ގައިގާ ބައްދައިގެން އޭނާ ގެންދިޔައީ އެއްވުމުގެ ބައިވެރިން ހިފެހެއްޓި އެވެ. އަދި ފުލުހުންނާ ދިމާލަށް ފެން ފުޅި އުކި އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިރޭ އެއްވުމުގެ ބައިވެރިޔަކު ހަމަލާދިނުމުގެ ސަބަބުން ފުލުހެއްގެ އަތަށް ވަނީ އަނިޔާވެފަ އެވެ. އެމްޑީޕީއިން ބުނެފައިވާ ގޮތުގައި ފުލުހުންގެ އަމަލުތައް ހުރި ގޮތުން އެ ޕާޓީގެ ޔޫތް ވިންގްގެ މެންބަރެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. މީގެއިތުރުން ޕެޕާ ސްޕްރޭގެ އަސަރު ބައެއް މީހުންނަށްކޮށް ފަރުވާ ދޭން ޖެހުނެވެ.

އިދިކޮޅު ދެ ލީޑަރުން ކަމަށްވާ މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް ގެންދެވީ ތަކުރާރުކޮށް ރައްޔިތުން ގޭގައި ނުތިބެ އެއްވުމަށް ނުކުތުމަށް ގޮވާލައްވަމުންނެވެ. އަދި ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުން ތިބީ ރައްޔިތުންނާއެކު ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ޕީޕީއެމްއިން ބުނެފައިވަނީ އެ ބޭފުޅުންނާ ގުޅޭނެ ފުލުހެއް އަދި ސިފައިންގެ ބޭފުޅެއް ނެތް ކަމަށެވެ. ސިފައިން ވެސް ވަނީ ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.

އެކި ބާރުގެ ބޭނުންކޮށްގެން މިރޭގެ އެއްވުން އެއްކޮށް ރޫޅާލައި އެއްވުމުގެ ބައިވެރިން ހުއްޓުވިފައިވަނީ ގާތްގަނޑަކަށް 2:00 ހާއިރު އެވެ. މިހާރު އެއްވުމުގެ ބައިވެރިން އެއްވުން ނިންމާލާފައިވާއިރު އެއްވުމުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިރޭ ހައްޔަރުކުރި މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.