އިދިކޮޅު ފަރާތްތަކުން މިދިއަ ހުކުރު ދުވަހާއި އިއްޔެގެރޭ ކުރި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ ހުކުރު އަދި ހޮނިހިރުގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ދެ ދުވަހު ކުރިއަށްދިޔަ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭން މިހާރު ހައްޔަރުގައި ތިބީ ހަ މީހުން ކަމަށާއި އެ ހަ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ. -- ހަ މީހަކު ހައްޔަރުގައި ތިބި ކަމަށް ބުނި ނަމަވެސް ހައްޔަރު ކުރި ޖުމްލަ އަދަދެއް ނުބުނެ އެވެ.
ފުލުހުން މިހެން ބުނި އިރު، މިދިއަ ދެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގެ ބައެއް ވަގުތުތަކުގައި މުޒާހަރާ ހޫނުވެ ފުލުހުން ވަނީ އެކި ފަހަރު މަތިން ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފަ އެވެ. އަދި ބައެއް ވަގުތުތަކުގައި އާންމުންނަށާއި ނޫސްވެރިންނަށް އެކި އަނިޔާވި އެވެ.