މުޒާހަރާ

ބީޗުން ނެރުމުން އިހުތިޖާޖް މަގުމައްޗަށް

  • މަހުލޫފާއި މުހައްމާ ހައްޔަރުކޮށްފައި
  • ބައެއް އެހެން މީހުން ވެސް ހައްޔަރު ކުރި
  • ނޫސްވެރިންނަށް ބޮޑެތި ދަތިތައް

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީގެ ހަރުގެ ސަަރައްދުން ފެށި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައި ވަނިކޮށް މިރޭ އަލުން ފެށި މުޒާ ހަރާގެ ތެރޭގައި ބީޗް ސަރަހައްދުން ބޭރު ކުރުމުން ބައިވެރިން އެސަރަހައްދު ދޫކޮށް މާލޭގެ މަގުތަކަށް ނިކުމެއްޖެ އެވެ. ބީޗް ސަރަހައްދުގައި ހުރި ހަރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ހަވީރު ގެންދިއުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އިދިކޮޅު ފަރާތްތަކުން ހަވީރު ފެށި މުޒާހަރާ ރޫޅާލާފައި ވަނިކޮށް މިރޭ އެއްވެ އާޓިފިޝިއަލް ބީޗުގައި ޝުއޫރު ފާޅު ކުރި އެވެ. ނަމަވެސް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށް މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލާފަ އެވެ. ބާރު ބޭނުން ކުރުމަށް ފުލުހުން ވަނީ ޕޭޕާ ސުޕްރޭގެ ބޭނުން ވެސް ހިފާފަ އެވެ.

އިދިކޮޅު ފަރާތްތައް ބީޗުން ފައްސާލުމުން މަގުމައްޗަށް ނުކުމެ އެއްވެފައި ވަނީ މަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ސަރަހައްދަށެވެ. އެ ސަރައްދުގައި ފުލުހުންގެ ފައުޖުތައް މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ސަރައްދުން ވެސް މީހުން ފޮނުވާލުމަށް ފުލުހުން ޕެޕާ ސުޕްރޭ ބޭނުން ކޮށްފައި ވެއެވެ. އަދި ބައެއް ނޫސްވެރިންނަށް އޭގެ ސަބަބުން ދައްޗާ ކުރިމަތިވި އެވެ. ބައެއް ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާވެފައި ވެއެވެ.

މިއަދު މުޒާހަރާ ފެށުމާއެކު ވެސް ބައެއް ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ. އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން އަމުރު ވަނީ ހަރުގެ ތެރެއިން ފުލުހު ންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މިރޭ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މެންބަރު މަހުލޫފު ވެސް ހައްޔަރު ކުރި އިރު ބައެއް ބައިވެރިން ވެސް މުޒާހަރާގެ ތެރެއިން ވެސް ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔަ އެވެ. ހައްޔަރު ކޮށްފައިވަނީ ކިތަން މީހުން ކަމެއް ނޭނގެ އެވެ. އެ އަދަދު ފުލުހުން ހާމައެއް ނުކުރެ އެވެ.

މިއަދު ހަވީރުން ފެށިގެން އިދިކޮޅުން ކުރަމުންދާ މުޒާހަރާގައި މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެގޮތުން ފުލުހުން ޝީލްޑް ބޭނުން ކޮށްގެން އާޓީފިޝިއަލް ބީޗްގައި ތިބި ބައިވެރިން އެސަރައްދުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންދިޔަ ވަގުތު ވެއްޓުނު މީހެއްގެ އަތަށް ވަނީ އަނިޔާވެފަ އެވެ.

އޭނާ އަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެ އެވެ.

އަވަސް ވީޑިއޯ | އިދުހާމް ނައީމް