ހަބަރު

އެކައުންޓްތައް ސަސްޕެންޑްކުރީ ހަޖަމު ނުވެގެން: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންއަށް ތާއިދުކޮށް ޓްވީޓްތައް ކުރާ އެކައުންޓްތައް ސަސްޕެންޑްކޮށްފައިވަނީ އެމަނިކުފާނަށް އޮތް ތާއިދު ހަޖަމު ނުވެގެން ކަމަށް ޕީޕީއެމްއިން މިރޭ ބުނެފި އެވެ.

އެ ޕާޓީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ، އެކައުންޓްތައް ސަސްޕެންޑްކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ. އެ އެކައުންޓްތައް ސަސްޕެންޑްކުރީ ރާއްޖޭގެ ހަގީގީ މަންޒަރު ދައްކައި، ރާއްޖޭގެ އަމަން އަމާންކަން އެ އެކައުންޓްތަކުން ހާމަކުރަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، އެކައުންޓްތަކެއް ސަސްޕެންޑްކުރުމަކުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އާ އެކައުންޓްތައް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކައުންޓްތަކުގެ އިތުރުން ޗެނަލް 13ގެ ސެޓަލައިޓް ޑައުންކޮށްލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

ސަސްޕެންޑްކޮށްފައިވާ ޕީޕީއެމްގެ އެކައުންޓްތަކުގެ ތެރޭގައި "އަސުރުމާ" އަދި "އަމާޒު ޔަގީން" ހިމެނެ އެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވިޓާ އެކައުންޓް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ އެކައުންޓްތަކަކީ ރައީސް ޔާމީނާއި މެޑަމް ފާތުން ވަރަށް ޕްރޮމޯޓްކުރާ ދެ އެކައުންޓެވެ. އަދި ޕީޕީއެމްގެ ހަރަކާތްތަކުގެ ލައިވް އަޕްޑޭޓްސްތައް ވެސް ދޭ އެކައުންޓްތަކެކެވެ.

މީގެއިތުރުން ޕީޕީއެމްގެ ޓްވިޓާގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ އެކްޓިވިސްޓުންގެ އެކައުންޓްތައް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން ޕީޕީއެމް ހުޅުމާލެ ޒުވާނުންގެ ގޮފީގައި އިސްކޮށް އުޅުއްވާ ޒައިދުލް އަމީންގެ ޓްވިޓާގެ އެކައުންޓް ވެސް މިރޭގެ ވަގުތެއްގައި ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ޕީޕީއެމްގެ އެކްޓިވިސްޓުންގެ އެކައުންޓްތަކުގެ އިތުރަށް އެ އެކައުންޓްތަކުގެ ޓްވީޓްތައް ރީޓްވީޓްކޮށް، ހަދާފައިވާ ބައެއް މީހުންގެ އެކައުންޓްތައް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.