ވިޔަފާރި

މި އަހަރު 190 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

Feb 15, 2018

މި އަހަރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށް ލޯނުތައް ދޫކުރަން ނިންމާފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އަމާޒުކޮށް 190 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ "ފަސޭހަ މަދަދު" ގެ ގޮތުގައި ޝަރިއާ ކޮމްޕެއިލް ފައިނޭންސްއެއް ކޮންމެ އަހަރަކު ދޫކުރާ ކަމަށާއި މި އަހަރުވެސް ފަސޭހަ މަދަދު ދޫކުރާނެ ކަމަށެވެ.

"އުންމީދު ކުރަނީ މިމަސް ތެރޭގައި އެ ފުރުސަތުތައް ހުޅުވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "ކުދި މެދުފަންތީގެ ވިޔަފާރީގެ ލޯނު ވެސް ހުޅުވާލާނެ. މި އަހަރު އަލަށް ވަންނަ ފަރާތްކަށް ގިނަ ލޯނުތަކެއް ދޫކުރާނެ،"

އޭނާ ވިދާޅުވީ މި ލޯނުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ވިޔަފާރި ފަށައި މިހާރުވެސް ވިޔަފާރި ހިންގަމުން އަންނަ ކަމަށެވެ.

ސަރުކާރުން ވަނީ ޒުވާނުންނަށް "ގެޓްސެޓް" ސްކީމްގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފަ އެވެ. މިގޮތުން ފުރަތަމަ ބުރުގައި 27 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، އެވަނަ ބުރުގައި 34 މީހުންނަށް ވަނީ ފައިސާ ދޫކޮށްފަ އެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް 50 މިލިއަން ރުފިޔާ ވަނީ ދެ ބުރެއްގެ މަތިން ދޫކޮށްފަ އެވެ.