ހަބަރު

ހަމަލާ ދެނީ ނޫސްވެރިން ދެކެ ސަރުކާރުން ބިރު ގަންނާތީ: އިދިކޮޅު

ރޭ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދިޔަ ސިޔާސީ އެއްވުން ކަވާ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިންނަށް ސީދާކޮށް ފުލުހުން ހަމަލާތައް އިދިކޮޅު ޕާޓީތަކުން ކުށްވެރިކޮށްފި އެވެ. ރޭގެ އެއްވުން ކަވާކުރަން އުޅުނު ގިނަ ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައްވި އެވެ.

އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންނަށް ސީދާ އަމާޒުކޮށް ނޫސްވެރިންގެ މަސައްކަތަކަށް ހުރަސް އަޅައި، އެ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އަނިޔާވެރިވަމުންދާ ދިޔުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާވެރިވާން ފެއްޓުމުން ކަނޑައެޅި ދޭހަވަނީ މިނިވަން ނޫސްވެރި ކަމަށް ރައީސް ޔާމީން ބިރުފުޅުވެގެން ވަޑައިގަންނަވާ މިންވަރު،" ބަޔާނުގައި ބުންޏެވެ.

ޕާޓީތަކުން ވަނީ ނޫސްވެރިންނަށް އެމީހުންގެ ވާޖިބު އަދާކުރުމަށް ފުރުސަތުދީ، ފުލުހުންގެ ފަރާތުން ލިބެންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ. އޭގެއިތުރުން ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ ޕާޓީތަކުން ވަނީ ނޫސްވެރިންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރޭ އެއްވުން ކަވާކުރަން އުޅުނު ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް ހުރަސް އަޅައި ނޫސްވެރިން ގަދަކަމުން ފަހަތަށް ޖެއްސުމުގެ ތެރޭގައި ގިނަ ނޫސްވެރިންތަކަށް އަނިޔާވި އެވެ. ބައެއް ނޫސްވެރިންނަށް އޭޑީކޭގައި ވަގުތުން ފަރުވާދިނެވެ. ދެ ނޫސްވެރިޔަކު ހައްޔަރުކޮށް ދޫކޮށްލި އެވެ. ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ ހާލު ސީރިއަސްވެ، ރޭ ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.