LIVE UPDATES

ކުއްލި ހާލަތު 45 ދުވަހަށް ދަމާލަނީ

  • ސަރުކާރަށް ހަމަވަނީ 38 ވޯޓް
  • ގަރާރު ފާސްކުރެވޭނީ 43 މެންބަރުން ތިބެގެން
  • ގަރާރަށް އިސްލާހުކޮށް ކޮމެޓީން ވަނީ ފާސްކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފި އެވެ. މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް މިއަދު ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

އެ ޖަލްސާ ފަށާނީ މިއަދު 11:00 ޖަހާއިރު އެވެ. އަދި މަޖިލީހުގެ ސަރުކާރު މެންބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވެސް މިހާރު ވަނީ މަޖިލީހަށް ވަންނަން ފަށައިފަ އެވެ.

ނަމަވެސް އެ ސަރަހައްދު ކަވަރު ކުރުމަށް ނޫސްވެރިންނަށް ވެސް ކައިރި ނުވެވޭނެ ކަމަށް ފުލުހުން އަންނަނީ އަނގާ ދުރަށް ޖައްސަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ފުލުހުން މިހާރު ވެސް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ އިތުރުން ރަޔަޓު ގިޔަރުގައި ތިބި ސިފައިން ވެސް މަޖިލީސް ކައިރީ ހަރަކާތްތެރިވަމުން އެބަދެ އެވެ.

ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގައި ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންނަށް މިއަދުގެ ޖަލްސާއަށް ވަނުމަށް ދައުވަތު ދީފައި ވަނިކޮށް އެ ކޯޓުން އިއްޔެ ވަނީ އެ މެންބަރުން މަޖިލީހަށް ވަނުން މަޑުޖައްސާލުމަށް އިތުރު އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ މެންބަރުން މަޖިލީހަށް ވަނުމަށް އެ ސަރަހައްދަށް ދާނެ ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.