ހަބަރު

އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވައި ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު ފަރާތްތަކުން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، އިދިކޮޅު ޕީޖީ ގްރޫޕުން ނިންމަވާފައިވަނީ މިރޭގެ ޖަލްސާ ބޮއިކޮޓް ކުރުމަށް ކަމަށެވެ. އެކަން އެގޮތަށް ކުރައްވަން ނިންމެވީ ސުޕްރީމް ކޯޓުން މިމަހު އެއްވަނަ ދުވަހުގެ އަމުރުގައި ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުން މަޖިލީހުގެ 12 މެންބަރުންނާއި ހައްޔަރުކޮށްފައިވާ މެންބަރުންނަށް މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވެވޭތީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، މިރޭގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމި އަނެއް ސަބަބަކީ މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އިންނަވާ ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މެންބަރުން ނިންމާފައިވާ ކަމަށާއި މަސީހު އިންނަވާ ޖަލްސާއަކީ ގާނޫނާ ހިލާފް ޖަލްސާ އެއް ކަމަށެވެ.

ޖަލްސާ އޮންނާނީ މިރޭ 9:00 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އެވެ. އެ ޖަލްސާއަކީ މަޖިލިސް މިއަހަރަށް ހުޅުވުމަށް، ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއެކެވެ.