ރާއްޖެ

ދެ ފަނޑިޔާރުން ވަކިކުރަން ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށް ބަޔާންކޮށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އެ އިސްލާހުގައި ފާސް ކުރީ 38 ވޯޓުންނެވެ. އެ އިސްލާހު ފާސްވުމަށް ބޭނުންވަނ 20 ވޯޓެވެ.

އެ ބިލު ހުށަހަޅުއްވަމުން އަބްދުއްރަހީމް އިއްޔެ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމީ، 1 ފެބްރުއަރީގެ އަމުރު ނެރެން އިސްކޮށް އުޅުއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ފިޔަވަޅު އެޅޭނެ ތަނެއް މިހާރު އޮތް ގާނޫނުން ނުލިބޭތީ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް އެ ގާނޫނަށް އިސްލާހު ގެނެސް މިއަދުން މިއަދަށް ފާސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލުމަށް މަހުޖަނުންނާއި ކުރީގެ ރައީސުންނާއި ގުޅިގެން ޝަރުއީ ދާއިރާގައި ތިބި ބަޔަކު ގެންނަން އުޅުން ބަޣާވާތަކާ ގުޅިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާތީ ގާނޫން އަސާސީގެ 154 ވަނަ މާއްދާގައި ފަނޑީޔާރަކު ވަކި ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ނުހިނގާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގާނޫން އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރުން މަގާމުގައި ދެމިތިބުމާއި، މަގާމުން ވަކިކުރެވޭނެ ހާލަތްތައް ބަޔާން ކުރެ އެވެ. އެ މާއްދާގައިވާ ގޮތުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަގާމުން ވަކި ކޮށްގެނެއް ނުވާނެ އެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝިލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ. އަދި ފަނޑިޔާރު ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އަބްދުރަހީމް ހުށަހެޅި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ޖޭއެސްސީއިން އެ ފަނޑީޔަރަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ މުސާރަކަނޑާލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން އިސްތިއުނާފު ކުރުމަށް ހުށަހެޅޭނެ މައްސަލަ ނިމޭތާ 10 ދުވަސް ތެރޭގަ ކަމަށާއި އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާތާ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އަދި އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅޭނީ 10 ދުވަސް ތެރޭގަ ކަމަށާއި އެ ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.