ރައްޔިތުންގެ މަޖިލިސް

"ސަރުކާރަށް 100، އިދިކޮޅަށް 0"

މިއަދު ރައްޔިތުންގެ މަޖިލީހުގެ ވޯޓުން ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށާއި ސަރުކާރަށް މިއަދު ލިބުނީ 100 ކަމަށް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް މިރޭ ވިދާޅުވެ، ކާމިޔާބީ ފާހަގަކުރައްވާފަ އެވެ.

ރުމާލު2 އެއްގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ، މިއަދުގެ ވޯޓުން ސަރުކާރުން ކާމިޔާބުކުރީ 100 ޕަސެންޓް އަގުލަބިއްޔަތުން ކަމަށެވެ. އިދިކޮޅު މެންބަރުންނަށް ޖަލްސާގައި ބައިވެރިވާން ވެސް ނުކުރެނު ކަމަށާއި އިދިކޮޅަށް މިއަދު ލިބުނީ ސުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިދިކޮޅު މެންބަރުންނަށް ވެސް ތަޅުމަށް ވަޑައިގެން ގަރާރު ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް އެކަން ކުރައްވަން އެ މެންބަރުންނަށް ނުކެރުނު ކަމަށެވެ.

އާރިފް މިހެން ވިދާޅުވިއިރު، މިއަދުގެ ޖަލްސާއަށް ވަޑައިގެން ވެސް ޕީޕީއެމްއަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ. ގަރާރު ފާސްކޮށްފައިވަނީ 38 މެންބަރުންގެ ވޯޓާއެކު އެވެ. ސަރުކާރު ކޯލިޝަނުގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމަނައިގެން ތިއްބެވީ 41 މެންބަރުންނެވެ. ފުވަމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދުވެސް ޖަލްސާއަށް މިއަދުވެސް ވަޑައި ނުގަންނަވަ އެވެ.

ގާނޫން އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ ކަމެއް މަޖިލީހުން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެގެނެވެ. އެއީ ޖުމުލަ 43 މެންބަރުންނާއެކުގަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެ މައްސަލަ ފާސް ކުރީ 38 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް މިއަދު ވަނީ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއަ ހަވާލާދީ ވޯޓުގައި ދެބައިކުޅަ އެއްބައި މެންބަރުން ބައިވެރިވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ގަވައިދުގައި ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނުހިމެނެ ކަމަށް މަސީހު ވިދާޅުވި އެވެ. އެހެންވެ މިއަދުގެ ވޯޓުގެ ސައްހަ ވާނެ ކަމަށް މަސީހު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ވޯޓް ނަގާފައި މި ވަނީ، ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް އެއްވެސް ނިންމުމެއް މަޖިލީހުން ނިންމަންވާނީ މަޖިލީހުގެ ޖުމްލަ އަދަދުގެ ދެބައިކުޅައެއް ބަޔަށް ވުރެ ގިނަ މެންބަރުން ތިބި ޖަލްސާއެއްގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާތީ މިއަދުގެ ވޯޓްގެ ސައްހަ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ވޯޓް ނެގޭނީ މަޖިލީހުގައި 43 މެންބަރުން ހާޒިރުވެ ތިބެގެން ކަމަށް ރާއްޖޭގެ ހުރިހާ ތަޖުރިބާކާރު ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.