ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރުން ދެވަނަ ޖަލްސާއެއް މާދަމާ ބާއްވަނީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާމެދު ގޮތެއް ކަނޑައެޅުމަށް މާދަމާ ޖަލްސާއެއް ބާއްވާން ތާވަލުކޮށްފި އެވެ.

މަޖިލީހުގެ އޮފިޝަލަކު ވިދާޅުވީ ދައުރުގެ ބޭރުން ބާއްވާ ހާއްސަ ޖަލްސާ މާދަމާ އޮންނާނެ ކަމަށެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާއެއް މަޖިލީހުގެ ވެބްސައިޓަށް އަރުވާފައި ނުވާތީ އެ ޖަލްސާއާ ގުޅޭ ތަފްސީލެއް ނުލިބެ އެވެ. ނަމަވެސް ހާއްސަ ޖަލްސާ ބާއްވަން މާދަމާއަށް އެޖެންޑާކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާއެކު އެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލަ މިއަދު ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯނުގެ ޒަރިއްޔާއިން ދެއްވި ކުރު މެސެޖެއްގައި މަސީހު ވެސް ވަނީ ދައުރުގެ ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ އޭގެ އިތުރުން އެމަނިކުފާނު އިސްތިއުފާ ދެއްވި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމާ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އިރު ކުއްލި ނުރައްކަލުގެ ހާލަތުގެ 15 ދުވަހުގެ މުއްދަތު ވެސް މާދަމާ ހަމަވެ އެވެ. ނަމަވެސް ގާނުން އަސާސީގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާތާ 14 ދުވަހުގެ ކުރިން ގަރާރު މަޖިލީހަށް ހުށަހަޅާ ފާސް ކުރަން ޖެހެ އެވެ.