ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހަށް ފޮނުވަން ތާއީދު

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ކަންކަން މަޖިލީހުން ބެލުމަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެކަމަށް ތާއީދު ކުރައްވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައި ވަނިކޮށެވެ. އެ ބިލު ފާސްކޮށްފި ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ މަޖިލީހުގެ ރުހުން އޮވެގެނެވެ.

އެކަމާ ގުޅޭ ގޮތުން އަވަސްއާ ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ވެސް މަޖިލީހަށް ހުށަހަޅާ، އޭގެ ބައިތަކަށް ބަދަލު ގެނެވޭ އެއްޗެއް ކަމަށެވެ. އެހެން ކަމުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާރާރު މަޖިލީހަށް ގެންގޮސް ފާސް ކުރުމަކީ މައްސަލައެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

"ގާނޫނުއަސާސީ އެބަ ބަޔާން ކުރޭ ރައިސުލްޖުމްހޫރިއްޔާ އިއުލާން ކުރަން ޖެހޭ [ކުއްލި ނުރައްކަލުގެ ހާލަތުގެ] ގަރާރު ވެސް މަޖިލީހަށް ހުށަހަޅައިގެން ބަދަލު ކުރަން. މިވެސް ކުއްލި ނުރައްކަލުގެ ހާލަތަށް ބަޔާން ކުރާ ނަމަ މަޖިލިސް އަށް ގެންގޮސްގެން ފާސް ކުރުމަށް އަޅުގަނޑު ތާއީދު ކުރަން،" ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ރައިސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވަން ޖެހޭ ކުއްލި ނުރައްކަލުގެ ހާލަތެއް ބަޔާން ކޮށްފައިވާއިރު އިތުރު ގާނޫނަކުން ހެލްތު މިނިސްޓަރާއި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ޒިންމާ ނަންގަވަން ޖެހޭ ގޮތަށް އެފަދަ އިތުރު ހާލަތެއް އޮތް އޮތުމަކީ ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ.

ގާނޫނުއަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ބަލިމަޑުކަމުގެ ވާހަކަ ބަޔާން ކޮށްފައިވާއިރު އިތުރު ގާނޫނަކުން އަލުން އެކަން ބަޔާން ކުރުމުން ބޮޑެތި ބާރުތަކެއް މިނިސްޓަރަށް ލިބި ކަންކަން ގޯސްކޮށް ހިނގާ ކަމަށް
ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން އެ މާއްދާ އުވާލަން ވެސް ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތަކީ ރާއްޖެ ކަހަލަ ތަނެއްގައި ސިއްހީ ކަމަކާ ގުޅިގެން ކަމެއް ވިޔަސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ކަމަށް ވެއްޖެއާ ވިސްނާލަން ޖެހޭ ކަންކަން އެބަހުރި. މި ފަހަރު ގަބޫލު ކުރަނީ ސަރުކާރުން ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށް. އާންމު ސިއްހަތުގެ ގާނޫނުގައި އިއުލާން ކުރެވޭނޭ އޮތް ކަމުގައި ވިޔަސް ރާއްޖެ ކަހަލަ ތަނެއްގައި ގެނެވޭ ހާލަތެއް ގެންނަ އިރު އެއިން ކުރާނެ އަސަރު ވަރަށް ބޮޑަށް ސަރުކާރަށް އެނގެން ޖެހޭ،" ޝަރީފު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ބަޔާން ކުރާ ހައްގުތަކެއް ހިފެހެއްޓޭތީ ރައީސުލްޖުމްހޫރިއްޔާ ޒިންމާ ނަގަން ޖެހޭނެ. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ނަގަން ޖެހޭ ގޮތަށް ބަދަލު ކުރަން ޖެހޭ," އޭނާ އިތުރަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ލިބިގެން ވަނީ ރައިސުލްޖުމްހޫރިއްޔާ އަށެވެ. އަދި 257 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސް ކުރަން ޖެހެ އެވެ. އަދި މަޖިލީހަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި އެ ގަރާރުގެ ބައެއް ނުވަތަ އެއްކޮށް ފާސް ކުރުމާއި ގަރާރު ބާތިލު ކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބެ އެވެ.

އެހެން ނަމަވެސް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު ބަދަލު ކުރުމުގެ އެއްވެސް ބާރެއް އެ ގޫނޫނަކުން މަޖިލީހަކަށް ލިބިފައެއް ނެތެވެ.