ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅުގައި ވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވާ އެކަމަށް ބޮޑު ހޭދައެއް ކުރައްވާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެ ފެސިލިޓީގެ ހާލަތު ރަނގަޅު ކުރަން އެދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ބައިވެރިވެ ވަޑައިގެން ޝަރީފް ވިދާޅުވީ އަބްދުﷲ ޝާހިދު މިވަގުތު އެންމެ ބޮޑަށް ކުރައްވަން ޖެހި ވަޑައިގަންނަވާނެ މަަސައްކަތަކީ ދުނިޔޭގެ ހުރިހާ ހިސާބަކުން އެހީތެރިކަން ހޯދަން ކުރައްވަން ޖެހޭ މަސައްކަތްތައް ކަމަށެވެ.
"އަޅުގަނޑަކަށް މިއަދު ގަބޫލެއް ނުކުރެވޭ ދިވެހިން ބޭނުންވާނެ ގޮތެއް ކަމަށް މިހާ ހާލަތުގައި ރާއްޖޭގެ ރައްޔިތުން ތިބިއިރު އދ. ގެ ގޮނޑިއެއް ހޯއްދެވުމަށްޓަކައި ރައްޔިތުންގެ ފައިސާ ހޭދަ ކޮށްގެން އަބްދުﷲ ޝާހިދު އެކޮޅުގައި ހުންނެވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެއްގޮތަކަށް ވެސް ބޭނުންވާނެ ކަމެއް ނޫން." ޝަރީފް ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އޮންނާނީ ޖޫން މަހުގެ ތެރޭގަ އެވެ. އިންތިހާބުގެ ކެމްޕޭނަށް 4.3 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައި ވެއެވެ.
ޝަރީފް ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރިހާ ރައްޔިތުންނަަށް ހިދުމަތް ކުރަން ސަރުކާރުގެ ހުރިހާ ވަސީލަތައް ބޭނުންކޮށް ސަރުކާރުގައި ތިބި ވެރިން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އެހެން މަންޒަރުތަކެއް ފެނިގެން ދިއުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
ކޮވިޑްގެ ހާލަތު މިފަހުން ގޯސްވި ފަހުން ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ފަހަރަށް ވަނީ މީޑިއާއާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް ރޭ ވަނީ ކޮވިޑްއާ ގުޅިގެން މިނިސްޓަރުން ކުރައްވަމުންދާ ހިދުމަތްތައް ފާހަގަ ކުރައްވައިފަ އެވެ. ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޝާހިދު ހިމެނިލައްވާއިރު އޭނާގެ ނަން ރައީސް ފާހަގަކޮށްފައި ނެތްކަމަށް ޝަރީފް ވިދާޅުވި އެވެ.
" ރައީސް ވަރަށް ބޮޑަށް އަސަރު ކުރައްވާފައި ހުންނެވުމުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ޝާހިދުގެ ނަން ވިދާޅުނުވީ" ޝަރީފް ވިދާޅުވި އެވެ.