ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަލީ އާޒިމް

މާސްކު އެޅުން ހުއްޓާލަން އާޒިމް ގޮވާލައިފި

ކޮވިޑްގެ ހަލާތާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލައި މާސްކު އެޅުން ނިމުމަކަށް ގެންނަން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފި އެވެ.

އާޒިމް މިހެން ގޮވާލެއްވީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހަށް ދިމާވެފައިވާ ދަތިތައް ފިލުވަން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގައި ތައުލީމަށް މިވަގުތު އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮވިޑުގެ ސަބަބުން އެޅިފައިވާ ހުރަސް ކަމަށެވެ. އަދި މި ހުރަސްތަކުން އަރައި ގަންނަން މިހާރު ކޮންމެހެން ވެސް ޖެހިފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި ދެ އަހަރު ދަރިވަރުންނަށް ބޮޑެތި ގޮން ޖެހުންތައް ކުރިމަތިވެ ދަރިވަރުންނަށް އެއްގޮތަކަށް ވެސް ތައުލީމީ ނުދެވުނު ކަމަށެވެ. އެހެންކަމުން ތައުލީމަ ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލަން ޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ކޮވިޑަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި މިހާރު ބަލަން ފަށައިފައިވާ ކަމަށެވެ. އަދި އަނބުރާ ކުރީގެ ހާލަތަށް އަޅުގަނޑުމެން މިހާރު އަންނަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތަށް އަދިވެސް އަަމަލު ކުރަމުން ދަނީ ކޮން ވިސްނުމެއްގައި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ އަނބުރާ ކުރީގެ ހާލަތަށް އަންނަން. ތައުލީމީ ނިޒާމް ކުރީގެ ގޮތަށް އަނބުރާ ރުޖޫއަ ކުރަން ޖެހިއްޖެޔޭ. އަޅުގަނޑުމެން މާސްކް އެޅުން ހުއްޓާލަން އެބަ ޖެހޭ، މި މަޖިލިހުން ސަރުކާރަށް އެބަ ގޮވާލަން ޖެހޭ، މާސްކް އެޅުން ހުއްޓާލަން ޖެހެއޭ" އާޒިމް ވިދާޅުވި އެވެ.