ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ލޮކްޑައުންގައި ގިނަ ބަޔަކު ހާލުގައި ޖެހޭތީ އިދިކޮޅުގެ ކުއްލި މައްސަލައެއް

މާލެ ސަރަހައްދުގައި ކާފިއު ހިންގައި ލޮކްޑައުންކޮށް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް ލޮކްޑައުނެއް ގެނައުމާ ގުޅިގެން ގިނަ ބަޔަކު ހާލުގައި ޖެހޭތީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، މާލެ ލޮކްޑައުން ކުރިއިރު ރާއްޖޭގެ އެކި ރަށްރަށުން އެކި ބޭނުންތަކަށް މާލެ އައިސް ތިބި މީހުން ނުފުރި ތާށިވެފައި އެބަ ތިބި ކަމަށެވެ. އަދި މާލޭގައި ގެދޮރު ނެތް މީހުން މަގުމަތިވެ ހާލުގައި ޖެހެމުންދާ ކަމަށެވެ.

މި ގޮތުން މާލޭގައި ނުފުރި ތިބި ރަށްރަށުގެ މީހުން ފުރަން ހަމަޖެހިފައިވާ އުސޫލު ސާފުވެފައި ނުވާ ކަމަށާއި ކުލި ނުދެއްކޭ ހާލަތުގައި ތިބި މީހުނަށް ކުލި ދެއްކުމުގައި ސަރުކާރުން ދޭނެ ލުއިތަކެއް ވެސް ސާފު ވެފައި ނުވާތީ އެ މައްސަލަ ހުށަހަޅުއްވަން ނިންމެވީ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުށަހެޅި އެ ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފާސްކުރީ މަޖިލީހުގެ 66 މެންބަރުންގެ ވޯޓުންނެވެ. އެ ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފު އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅުއްވިއިރު އޭނާގެ އަޑު އައުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވި އެވެ. އެހެންވެ ކައުންސިލަ ޖެނެރަލްގެ ލަފައާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ އެޖެންޑާގެ އެހެން މައްސަލަތަކާ އެކު ކުރިއަށް ދިއުމަށެވެ. ނަމަވެސް ފަހުން އެ މައްސަލަ ހައްލު ވުމުން ކުއްލި މައްސަލައާއެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔަ އެވެ.

ލޮކްޑައުންގައި ހާލުގައި ޖެހޭ މީހުނާ ގުޅޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުނުއިރު، އެކި ބޭނުންތަކަށް މާލެ އައިސް ނުފުރި ތިބި މީހުންގެ މައުލޫމާތު ޖެންޑާ މިނިސްޓްރީން ދަނީ ހޯދަމުންނެވެ. އެ ގޮތަށް ތިބި މީހުން އެ މިނިސްޓްރީއަށް ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފަ އެވެ. ނަމަވެސް މިހާތަނަށް އެއިން ގިނަ މީހުނަށް ރަށަށް ފުރޭނެ އިންތިޒާމު ހަމަޖެހިފައެއް ނުވެ އެވެ.

މީގެ އިތުރުން މާލެ ލޮކްޑައުން ކުރުމާ އެކު މާލެ ސަރަހައްދުގެ ރަށްތަކުގެ މަގުމަތީގައި ހަރަކާތްތެރިވަމުންދާ ފުލުހުންނަށް އާންމުންގެ ތެރެއިން މަގުމަތިވި ގިނަ ބަޔަކު ފާހަގަވެފައިވެ އެވެ. އެ ގޮތުން މިހާތަނަށް 80 އަށްވުރެ ގިނަ މީހުން ވަނީ އިމާދުއްދީން ސްކޫލާއި ގަލޮޅު ރަސްމީ ދަނޑުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ވަނީ ގެންދެވިފަ އެވެ.

އޭގެ ތެރޭގައި ތަނުގެ ކުލި ނުދެއްކިގެން ނުކުންނަން ޖެހުނު ބައެއް މީހުނާއި މާލެއަށް ކިޔަވަން އައިސް ތިބި ކުދިން ވެސް ހިމެނެ އެވެ. އެ ކުދިން ވެސް ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާއިރު، ސަރުކާރުން ވަނީ ކުލި ނުދެއްކުނަސް މި ދަނޑިވަޅުގައި ގެއިން ނުނެރުމަށް ތަންތަން ކުއްޔަށް ދޫކުރުމާ މީހުނަށް އެދިފަ އެވެ.