ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ވޮލަންޓިއާކޮށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށް ދޭން އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ހުށަހަޅައިފި އެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ ކޮވިޑްގެ ހާލަތު ފުރަތަމަ ރާއްޖެއާ ލައްވާލުމާއެކު ވެސް އެހީތެރިކަން ފޯރުކޮށް ދޭން އިދިކޮޅުން ސަރުކާރަށް ހުށަހެޅި ކަމަށެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭން ތައްޔާރަށް ތިބި މީހުންގެ ލިސްޓެއް ހުށަހެޅި ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ވެސް ގޯސްނުވާ ވަރަށް މިހާރު ގޯސްވެފައިވާތީ އެހީތެރިކަން ފޯރުކޮށް ދޭން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން އަނެއްކާވެސް ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެހީތެރިކަން ފޯރު ކޮށްދޭންވީ ދާއިރާތަކާއި ކުރަންވީ ކަމެއް ސަރުކާރުން އަންގާލައި ދެއްވައިފި ނަމަ އެކަމެއްގައި އަޅުގަނޑުމެން ކުރިއަށް ދާނަން. އަޅުގަނޑުމެން އޮންނާނީ ވަރަށް ސާފުކޮށް ދަންނަވާފައި އެކަމުގައި ސަރުކަރާށް ވަރަށް ޕޮޒިޓިވް ނޯޓެއްގައި މަސައްކަތް ކޮށްދޭނެ ކަމަށް" އާދަމް ޝަރީފް ވިދާޅުވި އެވެ.
ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން އިދިކޮޅުން ހުށަހެޅި އިރު ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ހެލްތު އެމަޖެންސީ އޮަޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް މެއިލް ކުރަން ހެލްތު މިނިސްޓްރީން ވަނީ އެދިފަ އެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަން ކުރިމަތި ވެގެން އެ ހިދުމަތަށް މީހުން ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ދިނުމަށް ސަރުކާރުން ތައްޔާރުވެފައި ނުވާ ކަމަށެވެ. އަދި ކޮވިޑްގެ ދެ ޑޯޒް މިހާތަނަށް ފޯރު ކޮށްދެވުނީ އާބާދީގެ 16 ޕަސެންޓަށް ކަމަށެވެ. އަދި ވެކްސިން ދިނުމުގައި ހަރުދަނާ ޕްލޭނެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވިގެން މިދިޔައީ ވެކްސިން ޖެހުމުގައި ވެސް ވެކްސިން ގެނައުމުގައި ވެސް، ކުރީގަ ހަމަ ފާހަގަވި ވެންޓިލޭޓަރު މައްސަލަ ވެސް ދިމާވި ގޮތަށް އަދި އޮކްސިޖަން ސިލިންޑަރުތައް ގެނައި ގޮތަށް ވެކްސިން ގެނައުމުގައިވެސް ކަރަޕްޝަންގެ އަމަލެއް ނެތް ކަމަށް އަޅުގަނޑުމެންނަކަށް ދަންނަވާކަށް ނޭނގޭ. އެނގޭކަމަކީ މިިދިޔަ އަހަރު ގެންނަން އުޅުނު ވެކްސިން އެންމެ ނުރައްކާތެރި ހާލަަތަށް އައިއިރު ވެސް ސިންގަޕޫރުން ގެންނަން އުޅުނު ވެކްސިން ވެސް ގެނެވިފައި ނެތް ކަން" އޭނާ ވިދާޅުވި އެވެ.