ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕޮލިޓިކްސް

"ސަރުކާރުގެ ސްޓްރެޓިޖީއަކީ ކޮވިޑާ މަތިކޮށް ޒިންމާއިން ރެކުން"

މި ސަރުކާރުގެ ސްޓެރެޓެޖީއަކަށް މިހާރު ވެފައިވަނީ ޒިންމާ ނެގުމުގެ ބަދަލުގައި ކޮންމެ ކަމެއް ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތަށް މަތިކޮށް ޒިންމާއިން ރެކިގަތުން ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު މިއަދު ކުރެއްވި ޓްވީޓަކީ އެހެން ގައުމުތަކަށް ވެސް މި ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެފައިވާ ކަމަށެވެ. އެއިން ގިނަ ގައުމުތަކުން ރަނގަޅު މެނޭޖްމަންޓް ޕްލޭނެއްގެ ތެރެއިން އިގްތިސޯދާއި ސިއްހީ ދާއިރާގެ ރިކަވަރީގެ މަރުހަލާ ނިމި އަލުން އާރާސްތު ކުރުމުގެ މަރުހަލާ ފަށާފައިވާ ކަމަށެވެ.

"ގައުމު ހިންގަން ނޭނގުމުން ހުރިހާ ކަމަށް ކޮވިޑް-19 އާ މަތިކޮށްފައި ރެކުންތޯ މި ސަރުކާރުގެ ސްޓްރެޓެޖީއަކީ؟ އެހެން ގައުމުތަކުން ބަހަނާއެއް ނުދައްކާ. ލީޑާޝިޕް ދެއްކީ،" މުއިއްޒުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓުމަކަށް ގެންނަން ޖެހުނެވެ. މީގެ ސަބަބުން ރާާއްޖޭގެ އިގްތިސާދު ވެސް ވަރަށް ބޮޑަށް ދަށްވެ، ރާއްޖެއަށް ވަންނަ އާމްދަނީއާއި ދައުލަތުގެ އާމްދަނީ ދަށްވެގެން ދިޔަ އެވެ.

ދައުލަތުގެ އާމްދަނީ ދަށްވިއިރު ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް އިތުރު ހަރަދުތައް ވެސް ކުރަން ޖެހުނެވެ. ނަމަވެސް އެ ހާލަތުގައި ބޭނުންވާ ވެންޓިލޭޓަރު ފަދަ ބައެއް ސިއްހީ މުހިއްމު ވަސީލަތްތައް އަދިވެސް ރާއްޖެ ގެނެވިފައިނުވާއިރު ބައެއް ކަންކަން މަޑުޖެހިގެން ގޮސްފައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ކަމަށް ސަރުކާރުން ބުނެ އެވެ.

މިފަދަ ބައެއް ކަންކަމުގެ ސަބަބުން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިއުންތައް ދަނީ އިތުރުވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރު ވަނީ ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމާއި އިގްތިސާދު އަލުން ރަނގަޅު ކުރުމަށް ފެއިލް ވެފަ އެވެ.

އެ ހާލަތުގެ ތެރޭގައި ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ހިނގި ކަމުގެ ތުހުމަތުތައް ވެސް ދަނީ ކުރެވެމުންނެވެ. އެފަދަ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލަން ފެށި އެވެ. ނަމަވެސް އެ ކޮމިޝަނުން ބަލަން ފެށި މައްސަލަތަކުގައި އެފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.