ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލާން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭން ފެނުމާ ގުޅިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެއީ ގާނޫނުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިންތިހާބު ފަސްކުރެވޭނެ އެންމެ ލަސް ތާރީހެވެ.

އަންނަ މަހުގެ 18 އަށް ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއަށް ގަބޫލު ކުރެވޭތީ ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ. މައްސަލާގައި ދުސްތޫރީ ބޮޑެތި ކަންކަން ހިމެނޭތީ ފަހުން ހައި ކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ ފަހުން އެ މައްސަލަ ހައްލުވާނީ ގާނޫނީ އިސްލާހެއް ގެނައުމުން ކަމަށް މަޖިލީހުން ކަނޑައެޅުމުން އީސީން ވަނީ ސުޕްރީމް ކޯޓުން މައްސަލަ ނަގައި، މަޖިލީހާ ގުޅިގެން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ މަސައްކަތް ފަށައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑަނޭޅި ދިގުދެމިގެން ދާއިރު، ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޑްވެފައި ތިބެން ޖެހުމުން އެތައް ދައްޗެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އެ ކޯލިޝަނަށް ލިބެމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުންނާއި ކޯލިޝަނާ ވާދަކުރާ ޕާޓީތަކުގެ ކެންޑިޑޭޓުން ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިހާރުން މިހާރަށް އުވާލުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް އިދިކޮޅު ކޯލިޝަންގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. ހަމައެއާއެކު މިހާރު ހަމަޖެހިފައިވާ ތާރީހުގައި ވޯޓު ނުނެގޭނެ ކަމަށް އީސީން އިއުލާން ކުރި ތާރީހުން ފެށިގެން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހިނގާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

މީގެ އިތުރުން އީސީގެ ޒިންމާ އަދާ ކުރަމުންދާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އިދިކޮޅު ކޯލިޝަންގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ކޮމިޝަންގެ ޒިންމާތައް އަދާ ކުރުމުގައި މަޖިލީހުން ވެސް ހުރަސް އަޅަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ. ގާނޫނީ މައްސަލައަކަށްވާނަމަ އެ ކަމެއް ކުރިއަށް ގެންދަން ވާނީ ޝަރުއީ ދާއިރާއަށް ހުށަހަޅައިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅައި ދިނުމަށް އެދި އީސީން ކޯޓަށް މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަށް ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެ ކަމުގެ މަސައްކަތް ކުރެވެން އޮތީ މަޖިލީހަށް ކަމަށެވެ.

އޭގެ ފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައިގެން މިހާރު ކުރިއަށް އެބަދެ އެވެ. އެ ގޮތުން ގާނޫނަށް ގެންނާނެ އިސްލާހުގެ ޑްރާފްޓްއެއް އީސީން ތައްޔާރުކޮށް ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. އެ ކަމަށް ވަގުތީ ގާނޫނެއް ނުވަތަ ގާނޫނީ މާއްދާއެއް ގެނައުމަށް ވެސް ކޮމިޓީގެ ބައެއް މެންބަރުން ތާއީދު ކުރެއްވި އެވެ.