ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުޒާހަރާ

މިދުވަސްވަރު މުޒާހަރާ ނުފަށަން އިދިކޮޅުން ނިންމައިފި

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ ހާލަތު އިތުރަށް ގޯސްވަމުން ދާތީވެ، މިވަގުތަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަންގެ މުޒާހަރާތައް އިތުރަށް ކުރިޔަށް ނުގެންދަން ނިންމައިފި އެވެ. މިދިއަ ހަފުތާގެތެރޭ ސިލްސިލާކޮށް މާލޭގައި އައި މުޒާހަރާތައް ލީޑްކޮށްފައި ވަނީ ޕީޕީއެމާއި ޕީއެންސީގެ އިސް ލީޑަރުންނެވެ.

އިދިކޮޅުގެ އެ މުޒަހަރާތައް މެދުކަނޑައިލީ ހައްޖާއި އީދު ބަންދާ ދިމާކޮށެވެ. އޭރު ބުނެފައި ވަނީ ބަންދު ނިމުން އަލުން މުޒާހަރާ ފަށާނެ ކަމަށެވެ. އަދި މިރޭ އަލުން އެ މުޒާހަރާތައް ފަށާނެ ކަމަށް ވެސް އިއުލާންކޮށްފައި ވެއެވެ

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ "ސަންގު" ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ބައިވެރިވަމުން ދިޔައީ އާންމު ރައްޔިތުންތަކެއް ކުރާ މުޒާހަރާއެއްގައި ކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ބޮއްސުން ދިއުމުން ރައްޔިތުން ކުރާ ކޮންމެ އިހުތިޖާޖެއްގައި އެ ކޯލިޝަނުން ބައިވެރިވާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މުޒާހަރާއަށްވުރެ އިދިކޮޅު ކޯލިޝަނަށް ގައުމީ މަސްލަހަތާއި ރައްޔިތުންގެ ދުޅަހެޔޮކަން މުހިއްމު ވާތީ މިހާރު ނިންމާފައިވަނީ މިވަގުތަށް މުޒާހަރާ ނުކުރަން ކަމަށެވެ.

"އަޅުގަނޑުމެން ނެގި ސްޓޭންޑްއަކީ ޕީޕީއެމް ޕީއެންސީގެ މޮޓޯ ކަމުގައިވާ އެންމެ ފުރަތަމަ ގައުމު، އެންމެ ފުރަތަމަ ރައްޔިތުން، ރައްޔިތުންގެ ސިއްހަތު އަޅުގަނޑުމެންނަށް މުހިއްމު ވީމަ، މި ހާލަތުގައި މުޒާހަރާ ކޮށްގެން ނުރަނގަޅު އަސަރެއް ނުކުމެދާނެތީ މި ގޮތަށް ނިންމީ،" ޝުޖާއު ވިދާޅުވި އެވެ.

ކޮވިޑާއި ގުޅުވައި މުޒާހަރާތައް ނުކުރަން ނިންމި އިރު ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މިދިއަ 24 ގަޑިއިރުތެރޭގައި ވެސް 129 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވިއެވެ.